ސީރިޔާގެ ވެރިރަރަށް ރޮކެޓް ހަމަލާތަކެއް – ތުހުމަތު ކުރެވެނީ އިޒްރޭލުގެ އަމަލެއް ކަމަށް

ސީރިޔާގެ ވެރިރަށް ދިމިޝްޤުގެ އެއާޕޯޓް ސަރަހައްދަށް އިއްޔެ ހެނދުނު ރޮކެޓް ހަމަލާތަކެއް ދީފި އެވެ. ލެބަނީސް ޓީވީ ސްޓޭޝަނެއް ކަމުގައިވާ އަލް މަޔާދީން އިން މިކަން ރިޕޯޓް ކޮށްފައިވާއިރު އެ ރިޕޯޓްގައި ބުނެފ...

22 Sep 2017 | 22:06

ސީރިޔާގެ ވެރިރަށް ދިމިޝްޤުގެ އެއާޕޯޓް ސަރަހައްދަށް އިއްޔެ ހެނދުނު ރޮކެޓް ހަމަލާތަކެއް ދީފި އެވެ. ލެބަނީސް ޓީވީ ސްޓޭޝަނެއް ކަމުގައިވާ އަލް މަޔާދީން އިން މިކަން ރިޕޯޓް ކޮށްފައިވާއިރު އެ ރިޕޯޓްގައި ބުނެފައިވަނީ އެއީ ސީރިޔާގެ ބޯޑަރު ބޭރުން އިޒްރޭލުން ދިން ހަމަލާއެއް ކަމަށެވެ.

އަލް މަޔާދީން އިން މި ހަމަލާއާއި ގުޅޭގޮތުން މާ ބޮޑު ތަފްސީލެއް ގެނެސްދީފައެއް ނުވެ އެވެ. ނަމަވެސް އިޒްރޭލު އަސްކަރިއްޔާގެ ތަރުޖަމާނުގެ އިންޓަވިއުއެއް ގެނެސްދީފައި ވެ އެވެ. އެ އިންޓަވިއުގައި ތަރުޖަމާނު ބުނެފައިވަނީ އެފަދަ ރިޕޯޓްތަކަށް ރައްދު ދޭން ބޭނުން ނުވާ ކަމަށެވެ.

އިޒްރޭލުން ދިމިޝްޤަށް ރޮކެޓް ހަމަލާއެއް ދީފައިވާކަމަށް ބުނާއިރު އިޒްރޭލުގެ ސިފައިން ސީރިޔާގެ ހަމާ ޕްރޮވިންސަށް، މި މަހުގެ ކުރީކޮޅުވެސް މިފަދަ ހަމަލާއެއް ދީފައި ވެ އެވެ. އިޒްރޭލުން ބުނެފައިވަނީ އެ ހަމަލާއަކީ ހިޒްބުﷲ އިން އާއި ގުޅިގެން ހަނގުރާމަ ކުރަމުން އަންނަ ހަނގުރާމަވެރިންނަށް ދިން ހަމަލާއެއް ކަމަށެވެ. ފާއިތުވި ފަސް އަހަރުގެ ތެރޭގައި މިފަދަ 100 ވަރަކަށް ހަމަލާ ދީފައިވާނެ ކަމަށެވެ.

ސީރިޔާގެ ދާހިލީ ހަނގުރާމައިގެ ކަންކަން ގާތުން މޮނިޓަރ ކުރަމުން އަންނަ ޖަމިއްޔާއެއް ކަމުގައިވާ ދަ ސީރިއަން އޮބްޒަވޭޓަރީ ފޮރ ހިއުމަން ރައިޓްސް އިން ބުނެފައިވަނީ މި މަހުގެ ކުރީކޮޅު ދިން ހަމަލާއަކީ ސައިންޓިފިކް ރިސާސް ސްޓަޑީ ސެންޓަރަކަށް ދިން ހަމަލާއެއް ކަމަށެވެ. އެމެރިކާއިން އެ ސެންޓަރު ފާހަގަކުރަނީ ކެމިކަލް ހަތިޔާރު އުފައްދާ ސެންޓަރެއްގެ ގޮތުގަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް