ދުނިޔޭގެ އެކި ކަންކޮޅުތަކުންނާއި ޖަމިއްޔާ ޖަމާއަތްތަކުން ކިތަންމެ ވަރަކަށް ޕްރެޝަރު ކުރި ނަމަވެސް، އިރާގުގައި ކުރުދީންގެ ވަކި މިނިވަން ދައުލަތެއް ގާއިމްކުރަން ފެނޭތޯ ނަގާ ވޯޓު މި މަހުގެ 25 ގައި ކުރިއަށްދާނެ ކަމަށާއި އެއްވެސް ފަރާތަކާއި މަޝްވަރާ ކުރާނީ އެ ވޯޓު ނެގުމަށްފަހުގައި ކަމަށް އިރާގުގެ ކުރުދިސްތާނު ރީޖަންގެ ރައީސް މަސްއޫދު ބަރްޒާނީ ވިދާޅުވެއްޖެ އެވެ.
ބަރްޒާނީ ވިދާޅުވީ އެކަމަށް އެއްވެސް ފަރާތަކުން ދެކޮޅު ހަދާނަމަ އެކަން ދައްކަންވާނީ ވޯޓުން ކަމަށެވެ.
ތާރީހީ މި ވޯޓު މި މަހުގެ 25ގައި ނަގަން ތައްޔާރުވަމުން އަންނައިރު އޭގެ ކުރިން މަޝްވަރާއަށް ދިއުމަށް ސައުދީ އަރަބިއްޔާއިން ވަނީ ގޮވާލާފަ އެވެ. މީގެ އިތުރުން މި ރެފެރެންޑަމް ކުރިއަށް ނުގެންދިއުމަށް އދ ގެ ސެކިއުރިޓީ ކައުންސިލުންވެސް ވަނީ ގޮވާލާފަ އެވެ.
ސެކިއުރިޓީ ކައުންސިލުން ބުނެފައިވަނީ ދާހިލީ ހަނގުރާމައާއި ގުޅިގެން ގައުމު ދޫކޮށް ދިޔަ މީހުން އެނބުރި އައުން މި ވޯޓާއި ގުޅިގެން ހުއްޓުން އެކަށީގެންވާކަމަށެވެ.
މި ވޯޓާއި ދެކޮޅަށް ރަޝިޔާއިންވެސް ވަނީ ވާހަކަ ދައްކާފަ އެވެ. ރަޝިޔާގެ ފޮރިން މިނިސްޓަރު ސާޖީ ލަވްރޯވް ވިދާޅުވެފައިވަނީ އިރާގުގެ އިސްތިގުލާލާއި ކަރާމާތަށް ގަދަރު ކުރާ ކަމަށާއި އެއްބައިވަންތަކަން ހިޔާރު ކުރަން ޖެހޭ ކަމަށެވެ.
ނަމަވެސް މިއިން އެއްވެސް ވާހަކައެއް އަޑުއަހަން ބަރުޒާނީ ބޭނުމެއް ނުވެ އެވެ. އިއްޔެ ބޭއްވި ރެލީއެއްގައި ވާހަކަ ދައްކަވަމުން ބަރްޒާނީ ވިދާޅުވީ ތާވަލު ކުރެވިފައިވާގޮތަށް ވޯޓުލުން ކުރިއަށްދާނެ ކަމަށެވެ. އޭނާ ބުނެފައިވަނީ އެ ވޯޓު ފަސް ކުރުމަކީ މިހާރު އޭނާގެ އަތްމަތީގައި އޮތް ކަމެއް ނޫން ކަމަށާއި އެކަމަކީ މިހާރު އާއްމު މަސްލަހަތު އޮތް ކަމަކަށް ވެފައިވާކަމަށެވެ.
"އަހަރެމެން މަރުވެގެންވެސް އަހަރެމެންގެ ގޯލު ދިފާއު ކުރަން ޖެހޭ" އެ ރެލީގައި ބަރުޒާނީ ވިދާޅުވި އެވެ.
ބަރްޒާނީ ވިދާޅުވީ ގާނޫނަށް ބޯލަނބައިގެން ގުޅިގެން އުޅެން ވަރަށް މަސައްކަތް ކުރެވިއްޖެ ކަމަށާއި ދެން އޮތް ހައްލަކީ ވޯޓު ކަމަށެވެ.
ބަރްޒާނީގެ ވާހަކައިގާ، ސައްދާމުގެ ވެރިކަމުގައި ކުރުދީންގެ އަވަށެއް ކަމުގައިވާ ހަލަބްޖާއަށް ކެމިކަލް ހަމަލާ ދިންކަމާއި އަދި އޭރު ކުރުދީ އަވަށްތަކާއި ދެމެދު އިންތިހާއަށް ތަފާތުކުރުން ގެންގުޅުނު ކަމަށް ބަރުޒާނީ ފާހަގަ ކުރެއްވި އެވެ.
"އަހަރެމެން ހީކުރީ 2003 ގެ ފަހުން އައު އިރާގެއް ފެންނާނެ ކަމަށް އެހެނަސް އެމަންޒަރެއް ނުފެނުނު" ބަރުޒާނީ ވިދާޅުވި އެވެ.
ބަރުޒާނީ އިތުރަށް ވިދާޅުވީ އެ ވޯޓުގެ ބޭނުމަކީ އިރާގުގެ ބޯޑަރުން ބޭރުވުން ނޫން ކަމަށާއި ނަމަވެސް އެ ވޯޓުގެ ބޭނުމަކީ ކުރުދީންނަށް ހައްގާއި މިނިވަންކަން ހޯދައިދިނުން ކަމަށެވެ. އޭނާ ވިދާޅުވީ ކުރުދިސްތާނު މިހާރު ހިޔާރު ކުރަން އެ އުޅެނީ އަޅުވެތި ކަމަށްފަހު މިނިވަންކަން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް