އުދައެރުމުން ލިބިދާނެ ގެއްލުމަކަށް ސަމާލުވުމަށް ޑިޒާސްޓާ އިން އިލްތިމާސްކޮށްފި

މިމަހު ފަހުކޮޅު ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް އުދަ އެރުމުގެ ފުރުސަތު އޮތް ކަމަށް މެޓް އޮފީހުން ބުނުމުން، އުދަ އެރުމުގެ ސަބަބުން ލިބިދާނެ ގެއްލުމަކުން ސަލާމަތްވުމަށް ދުރާލާ ފިޔަޅުވަޅު އެޅުމަށް ނޭޝަނ...

23 Sep 2015 | 08:05

މިމަހު ފަހުކޮޅު ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް އުދަ އެރުމުގެ ފުރުސަތު އޮތް ކަމަށް މެޓް އޮފީހުން ބުނުމުން، އުދަ އެރުމުގެ ސަބަބުން ލިބިދާނެ ގެއްލުމަކުން ސަލާމަތްވުމަށް ދުރާލާ ފިޔަޅުވަޅު އެޅުމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް ސެންޓަރު (އެންޑީއެމްސީ) އިން އިލްތިމާސް ކޮށްފިއެވެ.

ޑިޒާސްޓާއިން މިކަމަށް އިލްތިމާސްކުރީ މިއަދު ނެރުނު ނޫސް ބަޔާނެއްގަ އެވެ.

އެ ބަޔާނެއްގައި ބުނެފައިވަނީ މިމަހުގެ 28،29،30 އެ ތިން ދުވަހު ދިޔަވަރު އެންމެ ބޮޑުވާ ވަގުތު ރާއްޖޭގެ އެކި ހިސާބުތަކަށް އުދަ އެރުމުގެ ފުރުސަތު ބޮޑު ކަމަށް މެޓުން ލަފާ ކޮށްފައިވާތީ، އުދައެރުމުގެ ސަބަބުން ލިބިދާނެ ގެއްލުމަކަށް ދުރާލާ ފިޔަވަޅު އެޅުމަށް އިލްތިމާސް ކުރާ ކަމަށެވެ.

އުދަ އެރުމުގެ ސަބަބުން ރަށުތެރެއަށް ލޮނުގަނޑުވަދެ ގޭގެއަށާއި ފިހާރަ، ކެފޭ ފަދަ ތަންތަނަށް ކޮށްފާނެ އަސަރަކުން ސަލާމަތް ވުމުގެ އިތުރުން، އުދައިގެ ސަބަބުން މުދަލަށް ލިބިދާނެ ގެއްލުމަކުން ސަލާމަތް ވުމަށް، އުދައިގެ އަސަރު ނުފޯރާފަދަ ތަނެއްގައި މުދާ ރައްކާތެރި ކުރުމަށް އެންޑީއެމްސީއިން ވަނީ އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން އެންޑީއެމްސީއިން ވަނީ އުދަ އަރާނެ ކަމަށް ފޯކާސްޓް ކުރެވޭ ވަގުތު އައްސޭރި ފަށުގަ ނުވަތަ މޫދާއި ކައިރި ސަރަހައްދުތަކުގައި ދުއްވާ އުޅަނދުތައް ޕާކްކޮށްފައި ނުބެހެއްޓުމަށްވެސް އިލްތިމާސް ކޮށްފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް