ޣައްޒާގެ 90 އިންސައްތަ ރައްޔިތުން ވަނީ ވިއްސިވިހާލި ވެފައި: އދ

ފަލަޞްޠީނުގެ ޣައްޒާގެ ރައްޔިތުންގެ 90 އިންސައްތަ ރައްޔިތުން ވަނީ ވިއްސިވިހާލިވެފައި ކަމުގައި އދ އިން ބުނެފިއެވެ. އެގޮތުން އދ ގެ ޔޫއެން އޮފީސް ފޮރ ދަ ކޯޑިނޭޝަން އޮފް ހިއުމެނިޓޭރިއަން (OCHA) އިން ބުނެފަ...

23 Aug 2024 | 08:06

ފަލަޞްޠީނުގެ ޣައްޒާގެ ރައްޔިތުންގެ 90 އިންސައްތަ ރައްޔިތުން ވަނީ ވިއްސިވިހާލިވެފައި ކަމުގައި އދ އިން ބުނެފިއެވެ.

އެގޮތުން އދ ގެ ޔޫއެން އޮފީސް ފޮރ ދަ ކޯޑިނޭޝަން އޮފް ހިއުމެނިޓޭރިއަން (OCHA) އިން ބުނެފައިވަނީ މިހާރުވެސް ޣައްޒާގެ އެކި ސަރަހައްދުތަކުން، ގެތަކުން މީހުން ހުސްކުރުމަށް އިސްރާއީލުން ހުއްޓުމެއްނެތި އޯޑަރުތައް ދެމުން އަންނަ ކަމަށެވެ.

އޯސީއެޗްއޭއިން އިއްޔެ ބުނެފައިވަނީ ފާއިތުވި 10 މަސް ދުވަހުގެ ތެރޭގައި ޣައްޒާގެ ރައްޔިތުންގެ އާބާދީގެ 90 އިންސައްތަ ރައްޔިތުން ވިއްސި ވިހާލިކޮށްލާފައިވާއިރު ދެއިރް އަލް ބަލާހް އަކީ ރައްކާތެރި ސަރަހައްދެއްގެ ގޮތުގައި އިސްރާއީލުން ކަނޑައެޅިނަމަވެސް އިއްޔެވެސް އެ ސަރަހައްދުގެ ބައެއް ގެތައް ހުސްކުރަން އިސްރާއީލުން އޯޑަރުތައް ދެމުން ދިޔަ ކަމަށެވެ.

10 މަސްވެފައިވާ ހަމަލާތައް މެދުކަނޑާލުމަށް އެތައް ފަހަރަކު ސުލްހައިގެ މަޝްވަރާތައް ފަށާފައިވެއެވެ. އެހެންނަމަވެސް ކޮޅެއްގައި ޖެހިފައެއް ނުވެއެވެ. މި ވަގުތަކީވެސް އެފަދަ މަޝްވަރާތަކެއް ކުރިއަށްދާ ވަގުތެއް ކަމުގައިވާއިރު އެމެރިކާއިން މިއަދު ބުނެފައިވަނީ ހަނގުރާމަ މެދުކަނޑާލުމުގެ ކޮޅުމަތި މިހާރު ފެންނަމުން އަންނަ ކަމަށެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން ހުއްޓުމެއްނެތި ދެމުން އަންނަ ހަމަލާތަކުގައި މިހާތަނަށް 40،264 މީހަކު ޝަހީދުވެފައިވާކަމަށް ޣައްޒާގެ ޞިއްޙަތާއިބެހޭ ވުޒާރާއިން އިއްޔެ ބުނެފައިވެއެވެ. އެ ވުޒާރާއިން ބުނެފައިވާގޮތުގައި ހަމަލާތަކުގައި ޒަޚަމްވި މީހުންގެ އަދަދު އިއްޔެއާއި ހަމައަށް ވަނީ 93،144 އަށް އަރާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް