ށ. މިލަންދޫގައި އިސްލާމިކް ސެންޓަރަކާއި ޔޫތު ސެންޓަރެއް ގާއިމު ކޮށްދެއްވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒު މިހެން ވިދާޅުވީ ރިޔާސީ ކެމްޕޭނަށް ށ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިލަންދޫ ރައްޔިތުންނާ މުހާތަބުކޮށް ދެއްކެވި ވާހަކަފުޅުގައެވެ.
މުއިއްޒު ވިދާޅުވީ ޒުވާނުންނާ ގުޅުންހުރި ކަންކަމަކީ ކުރީގެ ރައީސް ޔާމީނުގެ ސިޔާސަތުގައި އެންމެ މުހިންމުކަން ދޭ ކަންތައް ކަމަށެވެ. އެހެންކަމުން ޕީޕީއެމް/ޕީއެންސީގެ ރިޔާސީ މެނިފެސްޓޯގައިވެސް އެކަން ހިމަނާފައި ވާނެ ކަމަށެވެ.
"ޒުވާނުންނަށް ބޭނުންވާ ތަޢުލީމު، ސިއްޙީ ކަންކަން، ވަޒީފާ އަދި ކުޅިވަރުގެ ކަންކަން. ކުޅިވަރާއި ގުޅޭ އެކި ކަހަލަ ވަސީލަތްތައް ޤާއިމުކުރުން، އަޅުގަނޑުމެންގެ މެނިފެސްޓޯގައި، ކުރީގައި ރައީސް ޔާމީންގެ ޒަޢާމަތުގެ 5 އަހަރުގައި ޤާއިމުކުރި ގޮތަށް ޤާއިމުކުރުމަށް ވާނީ ހިމަނާފައި" މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ، ރިޔާސީ ދައުރު ކާމިޔާބު ކުރެއްވިއްޖެ ނަމަ މިލަންދޫގައި ޒަމާނީ ފެންވަރުގެ ޔޫތު ސެންޓަރެއް ގާއިމު ކޮށްދެއްވާނެ ކަމަށެވެ.
އޭގެ އިތުރުން މުއިއްޒު ވިދާޅުވީ، މިލަންދޫ ރައްޔިތުން ދައްކައިދޭ ތަނެއްގައި، ރަށުގެ އެންމެ ގިނަ މީހުންނަށް ދެވޭ ހިސާބެއްގައި ރީތި ރަނގަޅު ފެންވަރުގެ ޒަމާނީ އިސްލާމީ މަރުކަޒެއް ޤާއިމު ކޮށްދެއްވާނެ ކަމަށެވެ.
މުއިއްޒު ވަނީ މިލަންދޫއަށް ކޮށްދޭނެ އިތުރު ކަންތައްތަކެއްވެސް ވިދާޅުވެފައެވެ.
އެގޮތުން، އެ ރަށުގެ މަގުތައް ހަދައމުންލާ ލަސްމިން ނިމުމަކަށް ގެނެސް، ބާރު ސްޕީޑުގައި ގެންގޮސް މަގުތައް ނިންމައިދޭނެ ކަމަށާއި އެންމެ މުހިންމު އަސާސީ ޚިދުމަތްތައް ލިބޭ ގޮތަށް އެ ރަށުގެ ޞިއްޙީ ދާއިރާގެ ޚިދުމަތް ތަރައްޤީ ކޮށްދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
އަދި އެ އަތޮޅުގައި ޓޫރިޒމް އެނދުތައް އިތުރުކުރެވި ޓޫރިޒަމްގެ ދާއިރާގައި ކުރިއަރައިދާ އަތޮޅަކަށް އެޗއަތޮޅު ހެދުމަކީ އިޤްތިޞާދީ ސިޔާސަތުގައި ވަރަށް އިސްކަން ދޭނެ ކަމެއް ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުން މުއިއްޒު ވިދާޅުވީ މިލަންދޫގެ އަދި އެ ދާއިރާގެ ރައްޔިތުންގެ އުންމީދު ކަމުގައިވާ އެއަރޕޯޓު އެ ރަށުގައި އެޅުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްގެ ގޮތުގައި އެކަން ކޮށްދެއްވާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް