ދިރާގުން ބާއްވާ ރޯޑް ރޭހުގައި އޮފިޝަލް ކޯޗިންގ ޕާޓްނަރުންނަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިފި

ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީ.އެމް.އާރް.އާރް) ގެ އޮފިޝަލް ކޯޗިންގ ޕާޓްނަރުންނަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. 2018 ވަނަ އަހަރުން ފެށިގެން ދިރާގުން އަންނަނީ ދުވުމުގެ ބައިވެރިންނަށް ތަމްރ...

23 Aug 2023 | 15:26

ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީ.އެމް.އާރް.އާރް) ގެ އޮފިޝަލް ކޯޗިންގ ޕާޓްނަރުންނަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

2018 ވަނަ އަހަރުން ފެށިގެން ދިރާގުން އަންނަނީ ދުވުމުގެ ބައިވެރިންނަށް ތަމްރީނުވުން މިހާރަށްވުރެ ފަސޭހަކޮށް، އާންމުންގެ މެދުގައި ދުޅަހެޔޮ ސިއްހަތެއް ދެމެހެއްޓުމުގެ ގޮތުން ޑީ.އެމް.އާރް.އާރްގެ އޮފިޝަލް ކޯޗިންގ ޕާޓްނަރުން ހޮވަމުންނެވެ.

"މިއީ ތަޖުރިބާކާރު އަދި އައު ދުވުންތެރިންނަށްވެސް ސެޓިފައިޑް ޓްރެއިނަރުންގެ ކައިރިން ހިލޭ ކޯޗިންގ ހޯދައި ދިރާގު މޯލްޑިވްސް ރޯޑް ރޭހަށް ދުރާލާ ތައްޔާރުވުމަށް ލިބޭ ރަނުގެ ފުރުސަތެއް. މީގެ އިތުރުން މިއީ ކޯޗުންނަށްވެސް އެފަރާތްތަކުގެ އޮފަރތައް ޑީ.އެމް.އާރް.އާރް ޕްލެޓްފޯމް މެދުވެރިކޮށް ޕްރޮމޯޓްކުރުމަށާއި ދުޅަހެޔޮ ދިރިއުޅުމެއް ކުރިއެރުވުމަށް ލިބޭ ވަރަށް ރަނގަޅު ފުރުސަތެއް،" ދިރާގުގެ މެނޭޖަރ ބްރޭންޑް އެންޑް އިވެންޓްސް ނާޔާ ޝަރީފް ވިދާޅުވިއެވެ.

ދިރާގުން ބުނީ އެކަމަށް ޝައުގުވެރިވާ ޓްރެއިނަރުންނަށް މިހާރު އެފަރާތްތަކުގެ ކޯޗިންގ އޮފާތަކުގެ ތަފްސީލް ހިމެނޭ އީމެއިލްއެއް [email protected] ފޮނުވައިގެން އެޕްލައި ކުރެވޭނެ ކަމަށެވެ.

ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ ހަފްތާގެ އަންގާރަ ދުވަހުގެ 23:59 އެވެ.

ޑީ.އެމް.އާރް.އާރް އަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގެ މީހުންނާއި މުޖުތަމަޢުތައް އެއްތަނަކަށް ޖަމާކޮށް ރާއްޖޭގައި ބާއްވާ ފުރަތަމަ އަދި ހަމައެކަނި ބައިނަލްއަޤްވާމީ ދުވުމެއް ކަމަށް ދިރާގުން ބުނެއެވެ.

މީގެ އިތުރުން މިއީ ވަރލްޑް އެތުލެޓިކްސް ސަރޓިފައިޑް ރޭސް ރޫޓަކާއެކު އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަންސް އެންޑް ޑިސްޓަންސް ރޭސަސް (އެއިމްސް) ވަރލްޑް ރަނިންގ ކަލަންޑަރުގައި ލިސްޓުކޮށްފައިވާ ދުވުމެއް ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.

ދިރާގުން ބުނާ ގޮތުގައި މާދަމައިން ފެށިގެން ޑީ.އެމް.އާރް.އާރްގެ ރަޖިސްޓްރޭޝަން ހުޅުވާލާނެއެވެ.

އަދި ދުވަން ބޭނުންވާ ފަރާތްތަކަށް މި މަހު 30 ވަނަ ދުވަހުގެ 23:59 އަށް ނުވަތަ 4000 ބައިވެރިންގެ ލިމިޓް ހަމަވަންދެކަށް މި އިވެންޓްގައި ބައިވެރިވުމަށް ރަޖިސްޓަރ ކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

މި ރޭހަށް ރަޖިސްޓަރ ކުރުމަށާއި މި އިވެންޓާއި ބެހޭ އިތުރު މަޢުލޫމާތު ހޯދުމަށްޓަކައި ދިރާގުން ވަނީ  www.dmrr.mv ލިންކް ފޯރުކޮށްދީފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް