ރ. ކިނޮޅަހުގައި ސަރުކާރުން ހިންގާފައިވާ ތަރައްޤީގެ ބައެއް މަޝްރޫޢުތަކުގެ ނިމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު ފާހަގަކޮށްދެއްވައިފިއެވެ.
މި މަޝްރޫޢުތަކުގެ ނިމުން ފާހަގަކޮށްދެއްވާފައިވަނީ މިހާރު އެމަނިކުފާނު ރ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު އެރަށަށް ވަޑައިގެންނެވެ.
ކިނޮޅަހަށް ވަޑައިގެން ރައީސް ސޯލިހު ވަނީ އެރަށު ބަނދަރާއި އައު އިންޖީނުގެއާ ފެނަކަ އޮފީސް ހުޅުއްވައިދެއްވައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކޮށްދެއްވާފައެވެ.
ރައިސުލްޖުމްހޫރިއްޔާ އޮފީހުން ބުނާ ގޮތުގައި ކިނޮޅަހު ބަނދަރު އަޕްގްރޭޑްކުރުމުގެ މަސައްކަތް ކޮށްފައި ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ)އާ ހަވާލުކޮށްގެންނެވެ.
މި މަޝްރޫޢުގެ ދަށުން ކޮށްފައިވާ މަސައްކަތްތަކުގެ ތެރޭގައި ބަނދަރު ފުންކުރުމާއި 162 މީޓަރު ސަރަޙައްދުގައި ގްރޮއިން ޖެހުމާއި 285 މީޓަރުގެ ބޭރުތޮށި ލުމާއި 65 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓްޖެހުން އަދި 186 މީޓަރު ސަރަހައްދެއްގައި އެއްގަމުތޮށި ޖެހުމާއި އަދި ބަނދަރާ ގުޅޭ އެހެން މަސައްކަތްތައް ހިމެނޭ ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.
މީގެ އިތުރަށް، ކިނޮޅަހުގެ ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ކޮށްފައި ވަނީ މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިއު.އެސް.ސީ)އާ ހަވާލުކޮށްގެން ކަމަށް ރައީސް އޮފީހުން ހާމަކޮށްފައިވެއެވެ.
ކިނޮޅަހުގެ އައު އިންޖީނުގެއަކީ ކުރިޔަށްވުރެ ޖާގަ ތަނަވަސް އަދި ޒަމާނީ ވަޞީލަތްތަކާއެކު މީހުން ދިރިއުޅޭ ސަރަހައްދާ ދުރުގައި އިމާރާތްކޮށްފައިވާ އިންޖީނުގެއެކެވެ. އިންޖީނުގޭގެ ކެޕޭސިޓީއަކީ 688 ކިލޯވޮޓެވެ. އަދި މި އިންޖީނުގޭގެ އިތުރުން ރައީސް ވަނީ ފެނަކަ އޮފީސްވެސް ހުޅުވައިދެއްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް