ރައީސް ދަރަވަންދޫ އަދި ކުޑަރިކިލުގެ މަޝްރޫޢުތަކުގެ ނިމުން ފާހަގަކޮށްދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިޙް، މާޅޮސްމަޑުލު ދެކުނުބުރީ، ދަރަވަންދޫ އަދި ކުޑަރިކިލުގައި ސަރުކާރުން ހިންގާފައިވާ ބައެއް މަޝްރޫޢުތަކުގެ ނިމުން ފާހަގަކޮށްދެއްވައިފިއެވެ. އެމަނިކުފާނު ބ...

23 Aug 2023 | 12:34

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިޙް، މާޅޮސްމަޑުލު ދެކުނުބުރީ، ދަރަވަންދޫ އަދި ކުޑަރިކިލުގައި ސަރުކާރުން ހިންގާފައިވާ ބައެއް މަޝްރޫޢުތަކުގެ ނިމުން ފާހަގަކޮށްދެއްވައިފިއެވެ.

އެމަނިކުފާނު ބ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ހެނދުނު ވަނީ، ބ. ދަރަވަންދޫ އާއި ކުޑަރިކިލުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކޮށްދެއްވައި، ކުޑަރިކިލު ބަނދަރާއި ވޮލީކޯޓު ހުޅުއްވައިދެއްވާފައިވާ ކަމަށް ރައިސުލްޖުމްހޫރިއްޔާ އޮފީހުން ބުނެއެވެ.

ރައީސް އޮފީހުން ބުނާގޮތުގައި ދަރަވަންދޫގެ ގޮނޑުދޮށް ހިމާޔާތްކުރުމުގެ މަޝްރޫޢު ކުރިޔަށް ގެންގޮސްފައި ވަނީ، އެމް.ޓީ.ސީ.ސީ އާ ހަވާލުކޮށްގެންނެވެ.

މިމަޝްރޫޢުގެ ދަށުން، ގޮނޑުދޮށަށް ވެލިއަޅައި، 144 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމެންޓެއް ވަނީ ޖަހާފައެވެ.

ހަމައެފަދައިން ކުޑަރިކިލުގެ ގޮނޑުދޮށް ހިމާޔާތްކުރުމުގެ މަޝްރޫޢު އާއި ބަނދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫޢު ކުރިޔަށް ގެންގޮސްފައި ވަނީ، އެމްޓީހޯގާރޑް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެންކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.

އެ ރަށުގެ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ ދަށުން، ބަނދަރާއި ނެރުފުންކޮށް، ރޭމްޕް ހަދައި، ނެރު ބައްތިއާ ބަނދަރު ބައްތި ޖަހައި، 1630 އަކަމީޓަރުގެ ޕޭވްމަންޓް ވަނީ ހަދާފައެވެ.

ކުޑަރިކިލުގެ ގޮނޑުދޮށް ހިމާޔާތްކުރުމުގެ މަޝްރޫޢުގެ ދަށުން ކުޑަރިކިލުގައި 819 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލައިގެ ރިވެޓްމެންޓެއް ވަނީ ޖަހާފައި ކަމަށްވެސް ރައިސް އޮފީހުން ހާމަކުރައްވައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް