ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު، މާޅޮސްމަޑުލު ދެކުނުބުރީ ކެންދޫގައި ސަރުކާރުން ހިންގާފައިވާ ބައެއް މަޝްރޫޢުތަކުގެ ނިމުން ފާހަގަކޮށްދެއްވައިފިއެވެ.
ބ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އިއްޔެ ހަވީރު ރައީސް ވަނީ ކެންދޫއަށް ވަޑައިގެން އެރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކޮށްދެއްވައި، އެރަށުގެ ފުޓުބޯޅަދަނޑާއި ވޮލީކޯޓު ހުޅުއްވައިދެއްވާފައެވެ.
ބ. ކެންދޫގަ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތް ކުރިޔަށް ގެންގޮސްފައި ވަނީ، އެމް.ޓީ.ސީ.ސީ އާ ހަވާލުކޮށްގެން ކަމަށް ރައިސުލްޖުމްހޫރިއްޔާ އޮފީހުން ހާމަކޮށްފައިވެއެވެ.
އަދި ކެންދޫ ގޮނޑުދޮށް ޙިމާޔަތް ކުރުމުގެ މަޝްރޫޢުގެ ދަށުން، 210 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމެންޓް ވަނީ ޖަހާފައެވެ. އަދި 754 މީޓަރުގެ ބޭރުތޮށި ޖަހައި، 800 އަކަމީޓަރުގެ މޫދަށް އެރޭ ސަރަޙައްދެއް ވަނީ ހަދާފައެވެ.
މިގެ އިތުރަށް، ރައީސް އޮފީހުން ބުނާ ގޮތުގައި ކެންދޫ ފުޓުބޯޅަ ދަނޑަކީ ޓަރފްއަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ ފުޓުބޯޅަ ދަނޑެކެވެ.
މިދަނޑުގެ މަސައްކަތްކޮށްފައިވަނީ މައިނާ ސްޕޯޓްސް ފީލްޑް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެންނެވެ. އަދި ކެންދޫ ވޮލީކޯޓް އަޅާފައި ވަނީ، މޯލްޑިވްސް އެޝުއަރ ސަޕްލައިއާ ހަވާލުކޮށްގެން ކަމަށް އެ އޮފީހުން ބުނެއެވެ.
ޒުވާނުންނަށް ކުޅިވަރު ކުޅެވޭނެ މަގުތައް ފަހިކޮށްދިނުމުގެ ގޮތުން ޒަމާނީ ފެންވަރުގެ ފުޓުބޯޅަ ދަނޑުތަކާއި، ފުޓުސަލް ދަނޑުތައް، އަދި ކުޅިވަރު ކޯޓުތައް އަޅައި، ކުޅިވަރުގެ ތެރެއިން ރައްޔިތުންނަށް ދުޅަހެޔޮ އުފާވެރި ދިރިއުޅުމަކަށް މަގުފަހިކޮށްދިނުމަށް ސަރުކާރުން ވަނީ ގިނަ މަޝްރޫޢުތަކެއް އަތޮޅުތަކުގައި ހިންގާފައި ކަން ރައީސް އޮފީހުން ފާހަގަކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް