އަމިއްލަ ރަށް ނޫން ރަށެއްގައި ހިދުމަތް ކުރާ ފަނޑިޔާރުންނަށް އެކޮމަޑޭޝަން ދެނީ

އަމިއްލަ ރަށް ނޫން ރަށެއްގައި ހިދުމަތް ކުރާ ފަނޑިޔާރުންނަށް އެކޮމަޑޭޝަން ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މެނިފެސްޓޯގައި ހިމަނައިފިއެވެ. ރައީސް ސޯލިހުގެ މެނިފެސްޓޯގެ ހަތަރު ވަނަ ސިޔާސަތު...

23 Aug 2023 | 09:17

އަމިއްލަ ރަށް ނޫން ރަށެއްގައި ހިދުމަތް ކުރާ ފަނޑިޔާރުންނަށް އެކޮމަޑޭޝަން ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މެނިފެސްޓޯގައި ހިމަނައިފިއެވެ.

ރައީސް ސޯލިހުގެ މެނިފެސްޓޯގެ ހަތަރު ވަނަ ސިޔާސަތު ކަމުގައިވާ “ހެޔޮވެރިކަން” ސިޔާސަތު އިފްތިތާހު ކޮށްފައި ވަނީ ރޭ ބ. ދަރަވަންދޫގައި ބޭއްވި ޖަލްސާގައެވެ.

އެ ސިޔާސަތުގެ ދަށުން އެކުލަވާލާފައިވާ 'އިންސާފު ގާއިމު ކުރުމުގެ ނިޒާމު ފުރިހަމަ ކުރުން' މި މައުލޫގައި ވަނީ ކޯޓުތަކުގެ ކަންކަން ރަނގަޅު ކުރުމަށް ހާއްސަ އިސްކަމެއް ދީފައެވެ.

މި ސިޔާސަތުގެ ދަށުން ކުރިއަށް ރާވާފައިވާ ކަންތައްތަކުގެ ތެރޭގައި، ފަނޑިޔާރުންނާއި ޖުޑީޝަރީ މުވައްޒަފުންނަކީ އެމީހުންގެ ދިރިއުޅުމުގެ ހަރަދުބަރަދާއި ޒަރޫރީ ކަންކަން ހަމަޖެއްސުން ފަދަ ކަންކަމުގައި އެހެން މީހުންނަށް ބަރޯސާވާން ނުޖެހޭ ފުއްދުންތެރި ދިރިއުޅުމެއް އުޅޭ މުސްތަގިއްލު ބައެއްކަން ކަށަވަރު ކުރުމަށްޓަކައި، ރަޖިސްޓްރީ ވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ހިދުމަތް ކުރާ ފަނޑިޔާރުންނަށާއި މުވައްޒަފުންނަށް އެކޮމޮޑޭޝަން ދިނުމަށް ވަނީ ހިމަނާފައެވެ.

އަދި ކޯޓުތަކަށް ހުށަހެޅޭ މައްސަލަ ހަލުއިކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި ކޯޓުތަކަށް ބޭނުންވާ ޖާގަ އާއި ޒަމާނީ ވަސީލަތް ފޯރުކޮށްދިނުން މި ސިޔާސަތުގައި ވަނީ ހިމަނާފައެވެ.

އޭގެ އިތުރުން އެ ސިޔާސަތުގައި ވަނީ، ކުށްކުރާ މީހުން އަނބުރާ މުޖުތަމައަށް ނެރުމަށްޓަކައި އިދާރާއެއް ހެދުމާއި، ޖިނާއީ އިޖުރާއަތުގެ ގާނޫނު އިސްލާހު ކުރުމާއި، ބޭންކްރަޕްސީ ޑިކްލެއަރ ކުރެވޭ ގޮތަށް ބޭންކްރަޕްސީއާ ބެހޭ ގާނޫނެއް އެކުލަވާލުމާއި، މަދަނީ އަދި އާއިލީ މައްސަލަތަކުގައި މީޑިއޭޝަން ހިންގޭނެ ގޮތަށް ގާނޫނު އިސްލާހު ކުރުން ހިމެނެއެވެ.

ޖުމުލަ ފަސް ސިޔާސަތު ހިމެނޭ ރައީސްގެ މެނިފެސްޓޯގައި މިހާތަނަށް އިފްތިތާހު ކޮށްފައި ވަނީ ހަތަރު ސިޔާސަތެވެ. އެއީ އުފާވެރި ދިރިއުޅުން، އާ ޒުވާނުންގެ ޖީލު އަދި އަމާން މުޖުތަމައުގެ އިތުރުން ހެޔޮވެރިކަން ސިޔާސަތެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް