ރިޔާސީ ބަހުސްއަށް ރައީސް ނާރުއްވާނެ ވާހަކަ އެ ދައްކަނީ ރަށްރަށުން ފެންނަ ތާއީދު ހަޖަމު ނުވާތީ: މާރިޔާ

ރިޔާސީ ބަހުސްއަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނާރުއްވާނެ ވާހަކަ އިދިކޮޅު ފަރާތްތަކުން ދައްކަނީ ރަށްރަށުން ރައީސްއަށް ލިބޭ ތާއީދު ފެނި، އެކަން ހަޖަމު ނުވާތީ ކަމަށް 'އިބޫއަސްލަމް' ކެމްޕޭން ސްޕޯކ...

23 Aug 2023 | 08:14

ރިޔާސީ ބަހުސްއަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނާރުއްވާނެ ވާހަކަ އިދިކޮޅު ފަރާތްތަކުން ދައްކަނީ ރަށްރަށުން ރައީސްއަށް ލިބޭ ތާއީދު ފެނި، އެކަން ހަޖަމު ނުވާތީ ކަމަށް 'އިބޫއަސްލަމް' ކެމްޕޭން ސްޕޯކްސް ޕަރސަން މާރިޔާ ދީދީ ވިދާޅުވެއްޖެއެވެ.

މާރިޔާ މިހެން ވިދާޅުވީ، އެމްޑީޕީގެ ފަރާތުން މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި "ދުވަސް"އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ރިޔާސީ ބަހުސްއަށް ރައީސް އަރާވަޑައިނުގަންނަވާނެ ކަމަށް އިދިކޮޅުން ދައްކާ ވާހަކަތަކަށް ރައްދު ދެއްވައި މާރިޔާ ވިދާޅުވީ ރައީސް ސޯލިހުގެ ކެމްޕޭން ކުރިއަށް ގެންދަނީ އިދކޮޅުން ކިޔާ އެއްޗަކަށް ބަލައިގެން ނޫން ކަމަށެވެ.

ރައީސް ކުރައްވާ ކަންތައް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ، މުހައްމަދު މުއިއްޒު ކޮޕީ ކުރެއްވިނަމަވެސް ރައީސް އެގޮތަށް އަމަލު ނުކުރައްވާ ކަމަށް މާރިޔާ ވިދާޅުވިއެވެ. އަދި މުއިއްޒު ކަންތައް ކުރައްވާ ގޮތާއި ރައީސް ސޯލިހު އަމަލު ކުރައްވާ ގޮތް ވަރަށް ތަފާތު ކަމަށް މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ ރައީސް ސޯލިހު ބ. އަތޮޅުގެ ކުޑަ ރަށަކަށް އަރާ ވަޑައިގަންނަވާއިރު 250 ވަރަކަށް މީހުން ހިމެނޭހެން އެރަށުގެ މުޅި ރައްޔިތުން މަރުހަބާ ކިޔަން ނުކުމެ ތިބި ކަމަށާއި މުއިއްޒު އައްޑޫ ސިޓީއަށް ވަޑައިގަންނަވައި އައްޑޫގައި ބޭއްވި ޖަލްސާއަށްވެސް ހާޒިރުވީ ހަމަ 250 ވަރަކަށް މީހުން ކަމަށެވެ.

"ރައީސް ކުޑަ ރަށަކުން ދައްކާ މަންޒަރު މުއިއްޒުއަށް ދެއްކެވެނީ ބޮޑު ރަށަކަށް އަރުއްވައިގެން" މާރިޔާ ވިދާޅުވިއެވެ.

މީގެ އިތުރުން މާރިޔާ ވިދާޅުވީ ރައީސް ކަން ކުރައްވާނެ ގޮތަކީ، ރައްޔިތުން ގާތަށް ވަޑައިގެން، ރައްޔިތުންނާ ވާހަކަފުޅު ދައްކަވައިގެން ރައްޔިތުން ބޭނުންވާ ކަންކަން އެމީހުންނަށް ކޭޓާ ކޮށްދީގެން ކަމަށެވެ. އަދި މިދިޔަ ފަސް އަހަރުވެސް ކަން ކުރައްވާފަ ހުންނާނީ އެފަދައިން ކަމަށެވެ.

މާރިޔާ ވިދާޅުވީ ބަހުސް އަކަށް އެރުމަށްވުރެ ރައްޔިތުން ގާތަށް ގޮސް ވާހަކަ ދެއްކުން މާ ރަނގަޅު ކަމަށެވެ.

"އެ އުޅުއްވަނީ ކަންބޮޑުފުޅުވެގެން. ކަންބޮޑުފުޅު ވަނީ ރަށްރަށަށް އެރުއްވީމަ ރައީސް ސޯލިހަށް އެ އޮންނަ ތާއީދު ފެންނާތީ. ޓީވީތަކުންވެސް ދައްކާތީ. ސްޓޫޑިއޯއެއްގަ ސްޓޭންޑެއްގަ ހުރީމަ ވާނެ ގޮތަކީ އެއްކަލަ ވަގުތު ކޮޅުވެސް އެކަމަށް ހުސްކޮށްލެވޭނެތާ މީހަކު ނުފެންނަ ހިސާބުގަ." މާރިޔާ ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް