"ސަރުކާރު މުވައްޒިފުންގެ މުސާރަ ބޮޑު ކޮށްދެއްވާނެ ވާހަކަ ވިދާޅު ނުވެއްޖެ ނަމަ މުއިއްޒު މުއިއްޒަކަށް ނުވާނެ"

ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު، ކެމްޕޭނު ޖަލްސާއެއްގައި ސަރުކާރު މުވައްޒަފުންގެ މުސާރަ ބޮޑުކުރާނެ ވާހަކަ ދައްކަވާނެކަން ކަމަށާއި އެފަދައިން ވިދާޅު ނުވެއްޖެނަމަ އެއީ މުއިއްޒުއަށް ނ...

23 Aug 2023 | 07:22

ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު، ކެމްޕޭނު ޖަލްސާއެއްގައި ސަރުކާރު މުވައްޒަފުންގެ މުސާރަ ބޮޑުކުރާނެ ވާހަކަ ދައްކަވާނެކަން ކަމަށާއި އެފަދައިން ވިދާޅު ނުވެއްޖެނަމަ އެއީ މުއިއްޒުއަށް ނުވާނެ ކަމަށް 'އިބޫއަސްލަމް' ކެމްޕޭން ސްޕޯކްސްޕަރސަން މާރިޔާ ދީދީ ވިދާޅުވެއްޖެއެވެ.

މާރިޔާ މިހެން ވިދާޅުވީ މިއަދު އެމްޑީޕީގެ ފަރާތުން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

މާރިޔާ ވިދާޅުވީ، މުއިއްޒު ވެވަޑައިގަންނަވާ ވައުދުތަކަކީ ރައީސް ސޯލިހު ވެވަޑައިގަންނަވާ ވައުދުތައް ކަމަށެވެ. އަދި މުއިއްޒުއަކީ 'ކޮޕީކެޓް' އެއް ކަމަށް ތަކުރާރުކޮށް މިއަދުވެސް ވިދާޅުވިއެވެ.

ސަރުކާރު މުވައްޒަފުންގެ މުސާރައަށް 40 އިންސައްތައިގެ ކުރިއެރުމެއް ގެނެސްދެއްވާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވެފައި ވާނެކަން ފާހަގަ ކުރައްވައި މާރިޔާ ވިދާޅުވީ އެ ވައުދުވެސް މުއިއްޒު ތަކުރާރު ކުރައްވާނެ ކަމަށެވެ.

"ކޮޕީކެޓް މުއިއްޒު، އަރުއްވާ ސަރުކާރު މުވައްޒަފުންގެ މުސާރަ ބޮޑުކުރާނެ ވާހަކަ ދައްކަވާނެކަން. ހަމަ ޗެލެންޖް ކޮށްފަ އަޅުގަނޑު މި ދަންނަވަނީ މި އިންތިހާބުގެ މި ކެމްޕޭނުގެ ތެރޭގަ އެ ބޭފުޅާ ސަރުކާރު މުވައްޒިފުންގެ މުސާރަ ބޮޑު ކޮށްދެއްވާނެ ވާހަކަ ނުވިދާޅުވެއްޖެ ނަމަ މުއިއްޒު މުއިއްޒަކަށް ނުވާނެ" މާރިޔާ ވިދާޅުވިއެވެ.

މީގެ އިތުރުން މާރިޔާ ވިދާޅުވީ، އައްޑޫގެ ބިން ހިއްކައިދިނުމަށް މުއިއްޒު ވައުދު ވެވަޑައިގެންނެވި ނަމަވެސް އެއީ މިހާރުވެސް ރައީސް ސޯލިހުގެ ސަރުކާރުގެ ފަރާތުން ހިންގަމުންދާ މަޝްރޫއުއެއް ކަމަށެވެ.

އެގޮތުން އައްޑޫގެ ބިން ހިއްކާނެ ކަމަށް ރައީސް ސޯލިހު މިދިޔަ އަހަރު ވިދާޅުވެ، އެ މަސައްކަތް ފަށައި މިހާރު ވަނީ އައްޑޫއިން ދެ ލައްކަ އަކަ މީޓަރުގެ ބިން ހިއްކައި ނިމިފައިވާ ކަމަށެވެ.

"އެހެންވީމަ އަޅުގަނޑުމެން މި ދަންނަވަނީ ކޮޕީކެޓޭ" މާރިޔާ ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް