އަހްމަދު އިބްރާހިމް ދީދީ، ގިނަ ބަޔަކު ދަންނަ ގޮތުން ނަމަ ސަންދާނު އަހަންމައިދީ ނިޔާވެއްޖެއެވެ.
އުމުރުން 71 އަހަރުގައި އަހަންމައިދީ ނިޔާވެފައިވަނީ ރޭގެ ދަންވަރުގެ ވަގުތެއްގައެވެ.
ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަން ވަރަށް ހަނިކޮށް އޮތް ދުވަސްވަރެއްގައި ސަންދާނު މަޖައްލާ އިންޓަނެޓުގައި ޝާއިޢުކޮށް އެ ކަމުގައި ޖަލުގައި ދުވަސްތަކެއް ސަންދާނު އަހަންމައިދީ ހޭދަކުރެއްވި އެވެ.
ނޫސްވެރިކަމުގެ މިނިވަން ކަމާއި ރާއްޖޭގައި ޑިމޮކްރަސީ އާއި ހައްގުތަކަށް ވަކާލާތު ކުރައްވަމުން ގެންދެވި ސަންދާނު އަހަންމައިދީ 2008ގެ ރިޔާސީ އިންތިހާބު ދުވަސްވަރުން ފެށިގެން 2018 އާއި ދެމެދުގެ ދުވަސްވަރު ސިޔާސީ މަސްރަހުންވެސް ފެނިގެންގޮސްފައިވެއެވެ.
1999 ވަނަ އަހަރު އަހަންމައިދީގެ އެޑިޓަރު ކަމުގައި ނެރުނު ސަންދާނު މަޖައްލާ ދެހާހުގެ ކުރީކޮޅުގައި އޮންލައިންކޮށް ނެރެމުން ގެންދިޔައެވެ.
އޭރު ރައީސް މައުމޫންގެ ދައުރުގައި ސަންދާނު ހިންގުމުގައި އުޅުނު ހަތަރު ބޭފުޅަކު ޖަލަށް ލި އެވެ. އޭގެ ތެރޭގައި އަހަންމައިދީ، މުހައްމަދު ޒަކީ (ނަޒާކީ ޒަކީ) އާއި އިބްރާހިމް ލުތުފީ (ސަންދާނު ލުތުފީ) ގެ އިތުރުން ފާތުމަތު ނިސްރީން ހިމެނެއެވެ.
އަހައްމައިދީގެ ޖަނާޒާ އޮންނާނީ މިއަދުގެ އަސުރުނަމާދަށް ފަހު ހުޅުމާލެ ސަހަރާގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް