މައުމޫން ޕާޓީން އެމްޑީޕީއަށް: ސިޔާސީ ބޭނުމުގައި އަބުރު ކަތިލައިގެން ކުރިއެރުން ހޯދުމުގެ ބަދަލުގައި މަސައްކަތްކުރަންވީ އެކުގައި

ސިޔާސީ ބޭނުމުގައި އަބުރު ކަތިލައިގެން ކުރިއެރުން ހޯދުމުގެ ބަދަލުގައި މަސައްކަތްކުރަންވީ އެކުގައި ކަމުގައި ކުރީގެ ރައީސް، ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ޕާޓީ، މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރް...

23 Aug 2022 | 15:14

ސިޔާސީ ބޭނުމުގައި އަބުރު ކަތިލައިގެން ކުރިއެރުން ހޯދުމުގެ ބަދަލުގައި މަސައްކަތްކުރަންވީ އެކުގައި ކަމުގައި ކުރީގެ ރައީސް، ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ޕާޓީ، މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އިން ބުނެފިއެވެ.

އެ ޕާޓީން މިހެން ބުނެފައިވަނީ މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައެވެ.

އެމްއާރްއެމްގެ އެ ނޫސްބަޔާނުގައި ބުނެފައިވަނީ ދިވެހިރާއްޖެ ޒަމާނީ ޑިމޮކްރަސީއަށް ކުރި ދަތުރަކީ އޭގައި ގިނަ ބައެއްގެ ބައިވެރިވުން އޮތް، ދިގު ދަތުރެއް ކަމަށާއި އަދި އެއީ ޒަމާނުއްސުރެ ދިވެހިރާއްޖޭގެ ނިޒާމުތައް އޮތް ގޮތް ޒަމާނާއި އެކަށީގެންވާގޮތަށް ބަދަލުކޮށް ރައްޔިތުންނަށް ގިނަ ދާއިރާތަކުން ޙައްޤުތަކާއި މިނިވަންކަން ލިބިދިނުމަށް ކުރެވުނު މަސައްކަތެއް ކަމަށެވެ.

"މި މަސައްކަތަށް އެންމެ ބޮޑު ބާރެއް ލިބިގެންދިޔައީ ރައީސް މައުމޫންގެ ސަރުކާރުން ރާއްޖޭގެ ޤާނޫނު އަސާސީ އަލުން އެކުލަވާލުމަށް ނިންމެވި ނިންމެވުމާއި، ސަރުކާރުން އޭރު އިޢުލާނުކުރެއްވި އިސްލާޙީ މަގުޗާޓުންނެވެ. އެ މަސައްކަތުގެ ތެރެއިން ދިވެހިން ބޭނުންވާ ވެރިކަމުގެ ނިޒާމެއް ކަނޑައަޅައި، ވެރިކަމުގެ ބާރުތައް ވަކިކުރެވި އޭގެ މައްޗަށް އައު ޤާނޫނުއަސާސީއެއް އެކުލަވައިލެވުނެވެ. 7 އޯގަސްޓް 2008 ގައި ތަސްދީޤު ކުރެވުނު ފެހި ޤާނޫނުއަސާސީ ވެގެންދިޔައީ ދިވެހިން އުންމީދުކުރަމުން އައި ޑިމޮކްރެޓިކް ނިޒާމް ރާއްޖެއަށް ދަތުރުކުރުމަށް ކޮށުނު މުހިންމު މަގަކަށެވެ." އެމްއާރުއެމްއިން ބުނެފައިވެއެވެ.

އެ ޕާޓީން ބުނެފައިވަނީ ފެހި ޤާނޫނުއަސާސީއަށް 14 އަހަރު ފުރި، އެ ޤާނޫނުއަސާސީގެ ދަށުން ރައީސް މައުމޫންގެ ސަރުކާރުން ދުނިޔެ ބަލައިގަންނަ ފަދަ ޑިމޮކްރެޓިކް އިންތިޚާބެއް ބޭއްވިތާ 14 އަހަރު ފުރެން ދާއިރު، މިއަދު ދިވެހި ރައްޔިތުންގެ އެންމެ ބޮޑު އެއް ޝަކުވާއަކީ، ޑިމޮކްރަސީ ގެނައުމަށް އޭރުގެ ސަރުކާރުން ކުރު މުއްދަތެއްގެ ތެރޭގައި ކުރެއްވި ބުރަ މަސައްކަތާއި ތަފާތު ފިކުރުގެ އަހުލުވެރިންނަށް ދެއްވި އެއްބާރުލުމުގެ ނަތީޖާ، ކަންކަން އިސްލާޙުކުރުމަށް މި ވޭތުވެދިޔަ 14 އަހަރު ވެރިކަން ކުރި ފަރާތްތަކަށް ނެރެވިފައި ނުވާކަމަށެވެ.

އެގޮތުން ރާއްޖޭގެ ޖަލުތަކުގެ ޙާލަތާއި، އިންސާނީ ޙައްޤުތަކުގެ ޙާލަތާއި، ވާނުވާ ޖަހައި ޖަލަށް ލުމާއީ، އިޖުތިމާޢީ ރައްކާތެރިކަމާއި، ކޮރަޕްޝަނާއި، ކަންކަމުގައި ސިޔާސީ ނުފޫޒު ފޯރުވުން ފަދަ އެތައް ކަމަކަށް  އެކަށޭނަ އިސްލާޙާއި ކުރިއެރުން އައިސްފައި ނުވާކަން ރައްޔިތުން ފާހަގަކުރެއެވެ. އަދި މުޖުތަމަޢުގެ ރައްކާތެރިކަމާއި ދީނީ އެއްބޢިވަންތަކަން ފަދަ ބައެއް ދާއިރާތަކުން މީގެ 14 އަހަރު ކުރިއާ އަޅާބަލާއިރު އެތައް ފިޔަވަޅެއް ފަހަތަށް އަޅާފައިވާކަމަށް ރައްޔިތުން ދެކޭކަމުގައި ބުނެފައިވެއެވެ.

އެ ޕާޓީން އިލްތިމާސްކޮށްފައިވަނީ ދިވެހިރާއްޖޭގެ ސިޔާސީ ތާރީޚުގެ ހަޤީޤަތް މިއަދުގެ ޖީލުތަކަށް އޮޅުވާލައި، ފިތުނަ އުފައްދައި އަދި ސިޔާސީ ބޭނުމުގައި މީހުންގެ އަބުރު ކަތިލައި، މުޖުތަމަޢުގައި ރުޅިވެރިކަން އުފެދޭފަދަ އަމަލުތައް ހިންގައިގެން ސިޔާސީ ކުރިއެރުން ހޯދަން އެއްވެސް ފަރާތަކުން މަސައްކަތް ނުކުރުމަށެވެ. އަދި ދިވެހިން މި ދެކޭ އަމާން، ފަހި މާދަމާ ހޯދުމަށް ދިވެހި ހުރިހާ ރައްޔިތުން އެކުގައި މަސައްކަތް ކުރުމަށެވެ.

އެ ޕާޓިން މިހެން ބުނެފައިވާއިރު އެމްޑީޕީއިން އެންމެ ފަހުން ބޭއްވި ކޮންގްރެސްގައި އެ ޕާޓީގެ އެންމެ އިސް ލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ދެއްކެވި ވާހަކަފުޅުގައި އެމްޑީޕީ ވުޖޫދުވާން ޖެހުނު ސަބަބު ކަމަށްބުނެ އޭރުގެ ހާލަތުކަމަށްބުނެ ބައެއް ވާހަކަފުޅުތައް ދެއްކެވިއެވެ.

އެގޮތުން ރައީސް ދެއްކެވި ވާހަކަފުޅުގައި ރައީސް މައުމޫންގެ ނަންފުޅު ނުގެނައި ނަމަވެސް އެ ވާހަކަފުޅުތައް ރައްދުވަނީ ރައީސް މައުމޫނަށެވެ.

އެގޮތުން ރައީސް ސޯލިހް ދެއްކެވި ވާހަކަފުޅުގައި އެމްޑީޕީ އުފެދުނީ އަނިޔާވެރިކަން ހައްދުފަހަނައެޅުމުން ކަމުގައި ވިދާޅުވިއެވެ.

"އާދެ އަނިޔާވެރިކަން ހައްދުފަނައަޅައި ދިއުން. ކުރެވޭ އިޝާރާތަކުން ބުނެވޭ ބަހަކުން ނުވަތަ ހީވާ ހީވަމަކުން ވެސް މީހާގެ އަޖަލު އޭނާގެ ދޮރުގައި ޓަކި ޖަހާފާނެ. އެކަމަކަށް ވަކިއިރެއް ހިނދެއް މެންދުރެއް އަދި މެންދަމެއް ތަފާތެއް ނެތް. ވަންނާކަށް ވަކި ގަޑިއެއް ދައްކާކަށް ކޯޓު އަމުރެއް ފުރިހަމަ ކުރާކަށް ގާނޫނީ އިޖުރާއަތެއް އޭރަކު ނޯވޭ. މިއީ އެދުވަހުގެ ހާލަތު އޭރު އޮތް ގޮތް," މައުމޫނުގެ ސަރުކާރުން ކަންތައް ކުރަމުން އައި ގޮތް ސިފަކޮށްދެއްވަމުން ރައީސް ސޯލިހް ވިދާޅުވިއެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވެފައިވާއިރު 2023 ގެ ރިޔާސީ އިންތިހާބަށް ސިޔާސީ މަސްރަހު މިދަނީ ހަލަބޮލިވަމުންނެވެ. ޕާޓީތަކުން މިވަނީ އިންތިހާބަށް ދުރާލާ ތައްޔާރުވާން ފަށާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް