ހއ. ހޯރަފުށީ ސިއްހީ މަރުކަޒުގައި މަސައްކަތް ކުރާ ނައިޖީރިއާގެ "ނިދާ ޑޮކްޓަރު"ގެ މައްސަލަ ހެލްތް މިނިސްޓްރީން ބަލަން ފަށައިފި އެވެ.
މި ޑޮކްޓަރުގެ މައްސަލަ ފެންމަތިވީ ތުއްތު ކުއްޖަކު ޑޮކްޓަރަށް ދައްކަން ރޭ އެ މަރުކަޒަށް ދިޔަ މީހަކު ސޯޝަލް މީޑިއާގައި އެވާހަކަ ޖެހުމުންނެވެ. އެމީހާ ބުނީ30 މިނެޓުވަންދެން ކިއުގަ ހުރެފަ ނަމްބަރު ޖެހުމުން ޑޮކްޓަރު ކޮޓަރިއަށް ދިއުމުން "ރެސްޓު ކުރަނީ ކަމަށް" އެންގި ކަމަށެވެ.
މި މައްސަލައިގަ ހެލްތް މިނިސްޓްރީގެ އޮފިޝަލަކު މީޑިއާގައި ވިދާޅުވީ އެކަން ހިނގާދިޔަ ގޮތުގެ ރިޕޯޓް ފޮނުވުމަށް އެ ހެލްތު ސެންޓަރަށް އަންގާފައިވާ ކަމަށާއި ރިޕޯޓަށް ބެލުމަށް ފަހު ޑޮކްޓަރާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ. އޭނާ ވިދާޅުވީ ބަލި މީހަކަށް ފަރުވާދޭން ދެކޮޅު ހަދައިފި ނަމަ، ޑޮކްޓަރާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ.
އެ ސިއްހީ މަރުކަޒު ހިންގުމާ ހަވާލުވެ ހުންނެވި މެނޭޖަރު އިބްރާހިމް ރަޝީދު "ދުވަސް" އަށް މިއަދު ވިދާޅުވީ ރޭގެ ހާދިސާއަކީ ހަގީގަތެއް ކަމަށާއި މީގެ ކުރިންވެސް އެފަދަ މައްސަލަތަކުގައި ނަސޭހަތް ދެވިފައިވާ ކަމަށެވެ.
އޭނާ ފޮނުވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރަޝީދު ވިދާޅުވި އެވެ.
ޑޮކްޓަރުގެ ޝަކުވާ ރޭ ސޯޝަލް މީޑިއާގައި އެމީހާ ކުރުމުން އެ ޑޮކްޓަރު ކޮޓަރީ މޭޒުގައި ބޯ އަޅައިގެން ނިދާފައި އޮންނަ ގިނަ ފޮޓޯތަކެއް ވަނި އާންމުވެފައި އެވެ. އެންމެ ފަހުން ބަލި މީހަކު ކޮޓަރީގައި އިންދަ އެ ޑޮކްޓަރު މޭޒުމަތީ ބޯއަޅައިގެން ނިދާފައި އޮންނަ ފޮޓޯއެއް ވަނީ އާންމުވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް