ރާއްޖޭގައި ކެންސަރު ގިނަވާ ސަބަބު ދެނެގަތުމަށް ޑަބްލިއުއެޗްއޯގެ ޓީމެއް އަތުވެއްޖެ

ރާއްޖޭގައި ކެންސަރު ބަލި ގިނަވާ ސަބަބު ދެނެގަތުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ ޓީމެއް އަތުވެއްޖެ އެވެ. ހެލްތު މިނިސްޓްރީން އިއްޔެ ބުނީ ގައިންގަޔަށް ނާރާ ބަލިތައް އަދި ހާއްސަކޮށް ކެ...

23 Aug 2022 | 08:22

ރާއްޖޭގައި ކެންސަރު ބަލި ގިނަވާ ސަބަބު ދެނެގަތުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ ޓީމެއް އަތުވެއްޖެ އެވެ.

ހެލްތު މިނިސްޓްރީން އިއްޔެ ބުނީ ގައިންގަޔަށް ނާރާ ބަލިތައް އަދި ހާއްސަކޮށް ކެންސަރު ކޮންޓްރޯލްކުރުމަށް ކުރެވޭނެ ކަންތައްތައް ދިރާސާކުރާ ޓީމުގައި ޑަބްލިއުއެޗްއޯގެ ރާއްޖޭގެ އޮފީހާއި ސަރަހައްދީ އަދި މައި މަރުކަޒުގެ މާހިރުންނާއި އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީ އަދި އިންޓަނޭޝަނަލް އެޖެންސީ ފޯ ރިސާޗް އިން ކެންސަރަށް ނިސްބަތްވާ ފަންނީ މާހިރުން ހިމެނޭ ކަމަށެވެ.

އެ ޓީމުން މިދިޔަ އާދިއްތަ ދުވަހުން ފެށިގެން އަންނަ ބުރާސްފަތި ދުވަހާ ހަމައަށް ރާއްޖޭގައި މަސައްކަތްކުރާނެ އެވެ. ކެންސަރަށް ފަރުވާ ދޭ ހޮސްޕިޓަލްތަކުގެ އޮފިޝަލުންނާ އެ މުއްދަތުގައި މަޝްވަރާކޮށް ބައެއް އަތޮޅުތަކުގެ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކަށް ޒިޔާރަތްކޮށް މައުލޫމާތު ހޯދާނެ ކަމަށް ބުންޏެވެ.

މިނިސްޓްރީން ބުނި ގޮތުގައި ގައިންގަޔަށް ނާރާ އަދި ހާއްސަކޮށް ކެންސަރު ކޮންޓްރޯލްކޮށް ސިއްހީ ދުޅަހެޔޮކަން އިތުރުކުރަން ޕްރައިމަރީ ހެލްތު ކެއާގެ ނިޒާމެއް ވަރަށް މުހިއްމު ކަމަށެވެ.

އެހެންވެ، އެ ބަލިތައް ދުރާލައި ދެނެގަނެ، ރައްކާތެރިވާނެ ގޮތާއި ފަރުވާކުރުމަށް ބޭނުންވާނެ ވަސީލަތްތައް ކަނޑައެޅުމުގައި ބޭނުންވާނެ މިންގަނޑުތަކާއި ފަރުވާއަށް ބޭނުންކުރާނެ ގައިޑްލައިންތައް ތައްޔާރުކުރުމަށް ޑަބްލިއުއެޗްއޯއާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ބުންޏެވެ.

މިނިސްޓްރީން ބުނީ ރާއްޖޭގައި ކެންސަރު ކޮންޓްރޯލްކުރުމަށާއި ކެންސަރަށް ފަރުވާ ދިނުމާއި ކެންސަރު ބަލީގެ މީހުންގެ މައުލޫމާތު ބަލަހައްޓައި އަދި ހިދުމަތްތައް ރޭވިފައި ހުރި ގޮތްތައް ބަލާނެ ކަމަށެވެ. އޭގެ އިތުރުން ދިރިއުޅުމުގެ އާދަތަކާ ގުޅިފައިވާ ކެންސަރު ބަލި އަދި ދިގު މުއްދަތުގެ ބަލިތަކަށް ހުށަހެޅޭ ހިރާސްތަކާއި ބަލިތަކުން މީހުން ރައްކާތެރިކުރުމާއި ފަރުވާގެ ނިޒާމު އިންތިޒާމް ކުރެވިފައިވާ ގޮތުގެ މައުލޫމާތު ދެނެގަންނާނެ ކަމަށް ބުންޏެވެ.

އެ މައުލޫމާތުގެ އަލީގައި ޕަބްލިކް ހެލްތުގެ ނިޒާމް ހަރުދަނާކުރުމަށް ކުރެވިދާނެ ކަންކަމާ ބެހޭގޮތުން ސަރުކާރަށް ލަފާ ދިނުމަށް ވަނީ ނިންމައިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް