ހޯރަފުއްޓަށް އަލަށް ގެންދެވުނީ ނައިޖީރިޔާގެ ނިދާ ޑޮކްޓަރެއް !

ހޯރަފުށީގައި ތުއްތު ކުއްޖަކު ޑަކުޓަރަށް ދައްކަން ރޭގައި ސިއްހީ މަރުކަޒަށްދިޔަ ބެލެނިވެރިއަކު އޭނާގެ ޝަކުވާ ސޯޝަލް މީޑިއާއަށް ތިލަކޮށްފައިވާއިރު ބުނެފައިވަނީ ޑަކުޓަރު ޕޭޝަންޓުންނަށް ފަރުވާދިނުމުގެ ބަދަ...

23 Aug 2022 | 07:22

ހޯރަފުށީގައި ތުއްތު ކުއްޖަކު ޑަކުޓަރަށް ދައްކަން ރޭގައި ސިއްހީ މަރުކަޒަށްދިޔަ ބެލެނިވެރިއަކު އޭނާގެ ޝަކުވާ ސޯޝަލް މީޑިއާއަށް ތިލަކޮށްފައިވާއިރު ބުނެފައިވަނީ ޑަކުޓަރު ޕޭޝަންޓުންނަށް ފަރުވާދިނުމުގެ ބަދަލުގައި ބެލީ މޭޒުގައި ބޯ އަޅައިގެން ނިދޭތޯ ކަމަށެވެ.

ތަނުގެ ވެރިން ބުނީމާވެސް އެންގުންތައް ބޮލާލައި ޖަހާ ހަމަ ނިދީ ކަމަށެވެ.

އެއަށްފަހު ހަމަ އެ ޑަކުޓަރު ޑަކުޓަރުގެ މޭޒުގައި ބޯ އަޅައިގެން ނިދާފައި އޮއްވާ ފެންނަ އިތުރު ފޮޓޯތަކެއްވެސް ސޯޝަލް މީޑިއާއަށް ވަނީ ތިލަވެފައެވެ.

އެކި ދުވަސްތަކުގެ މަތިން ނަގާފައިވާ އެ ފޮޓޯތަކުން ފެންނަނީ ހަމަ އެ ޑަކުޓަރު މޭޒުމަތީގައި ބޯ އަޅައިގެން ނިދާފައި އޮންނަ މަންޒަރެވެ.

މިއީ ކިހިނެއް ހިނގާކަމެއްތޯ ބަލައިލުމަށް ދުވަހުން އެ ސިއްހީ މަރުކަޒު ހިންގުމާ ހަވާލުވެ ހުންނެވި ސިއްހީ މަރުކަޒުގެ މެނޭޖަރ އިބްރާހިމް ރަޝީދަށް ގުޅުމުން ވިދާޅުވީ ރޭގައި އެމަގުން އެކަން ހިނގި ކަމަށާއި އެއީ މީގެ ދެ މަހެއްހާ ދުވަސްކުރިން އެ ސިއްހީ މަރުކަޒާ ގުޅުނު ނައިޖީރިއާ ޑަކުޓަރެއް ކަމަށެވެ.

"ވަރަށް ނަސޭހަތް ދެވިއްޖެ، އަނގަބަހުންނާއި ލިޔުމުންވެސް ނަސޭހަތް ދެވިއްޖެ، ރޭގައިވެސް ހަމަ މިކަން ތަކުރާރުވެގެންދިޔައީ" އިބްރާހިމް ރަޝީދު ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ދެން އެ ޑަކުޓަރު ވަޒީފާއަށް ނުނެރެ އަނބުރާ ފޮނުވާލުމުގެ މަސައްކަތް މިހާރު ފަށާފައިވާނެ ކަމަށާއި ސިއްހީ މަރުކަޒުގެ ދެން ހުރި ޑަކުޓަރުގެ އެހީތެރިކަމާއެކު ބަލި މީހުން ބެލުމުގެ ކަންކަން އެހެން ޑަކުޓަރެއް ލިބެންދެން ކުރިއަށްދާނެ ކަމަށެވެ.

ސޯޝަލް މީޑިއާގައި ޝަކުވާ ހިއްސާކުރި ފަރާތުން ބުނެފައިވަނީ ހުންގަދަވެފައިވާ އެއް އަހަރުގެ ދަރިފުޅާއިއެކު ދޮޅުގަޑިއިރު ކިޔުގައި މަޑުކުރުމަށް ފަހު ނަންބަރަށް ޖެހުމުން ޑޮކްޓަރު ކޮޓަރިން ދިން ޖަވާބަކީ "ޑޮކްޓަރ ރެސްޓް ކުރަން ނިދަނީ" ކަމަށް ކަމަށެވެ.

"ދެފަހަރު ޑޮކްޓަރަށް ގޮވާލުމުންވުސް ބުނީ ރެސްޓްކުރަނީ ކަމަށް، ހާލަތު ބަޔާކުރުމުންބުނީ އިތުރަށް ނުގޮވުމަށް، ނަރުސް ގޮސް ކުއްޖާގެ ހާލަތު ބުނުމުން ކުރިއަށްވުރެ ގަދައަށް ނިދާލަން ހަމަޖެހިލި.. މަރުކަޒު ހިންގުމާއި ހަވާލުވެ ހުރި ފަރާތުން އެދުމުން ވެސް ކުރީ އިންކާރު... އިންސާނިއްޔަތުގެ ކަންފުޅެއްވެސް ނެތް މީހަކަށް ބަލިމީހަކު ނުބެލޭނެ..... މިދަރަޖައަށް ހޯރަފުށީ ސިއްޙީ މަރުކަޒުގެ ހާލަތު ގޯސްވެގެން މިދަނީ ތަނުގެ ހިންގުމުގެ ގާބިލިއްޔަތުކަން ނެތުމުގެ ސަބަބުން. ވަގުތުން އަޅަންޖެހޭ ފިޔަވަޅުތައް ނޭޅުމުން. ވަސީލަތް މަދުކަން އެނގިހުރެ މެނޭޖުކުރަން ނޭގުމުން.." ޝަކުވާ ހިއްސާކުރި ފަރާތުން ބުނެފައިވެއެވެ.

އިތުރަށް ބުނެފައިވަނީ ޑޮކްޓަރުންގެ ފެންވަރުނެތް މީހުންނަށް ބަލިމީހާ ބަލަން ފުރުސަތު ދިނުމުން އަދަށްވުރެ މާދަމާ ދިމާވާކަންތައްތައް މާބޮޑުވާނެ ކަމަށާއި ވީއެންމެ އަވަހަކަށް ތަނުގެ ހިންގުން ހަރުދަނާކުރަންޖެހޭ ކަމަށެވެ. ޑަކުޓަރު ރަށުން ބޭރުކުރަންޖެހޭ ކަމަށާއި އެހެންނޫނީ އިހުމާލުން އަރާއަޑު މާބޮޑުވާނެ ކަމަށްވެސް ބުނެފައިވެއެވެ.  ނަރުސް ކުދިންގެ ރަނގަޅުކަމުން ފަރުވާ ދެވެން ފެށުނުއިރު ތިން ގަޑިއިރު ވަނީކަމުގައިވެސް ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް