ސިކުނޑީގެ އުނިކަމެއްހުރި މުޖުތަމައަށް ނުރައްކާތެރި މީހުން ތިބެން ވާނީ ދައުލަތުގެ ޚާއްޞަ ބެލެހެއްޓުމުގެ ދަށުގަ: އަލީ ސޯލިހް

ސިކުނޑިގެ އުނިކަމެއްހުރި، މުޖްތަމައަށް ނުރައްކާތެރި މީހުން ތިބެންވާނީ ދައުލަތުގެ ހާއްސަ ބެލެހެއްޓުމުގެ ދަށުގައި ކަމުގައި ޖުމްހޫރީ ޕާޓީގެ ތަރުޖަމާނު އަދި އެންވަޔަރަންމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަ...

23 Aug 2022 | 06:41

ސިކުނޑިގެ އުނިކަމެއްހުރި، މުޖްތަމައަށް ނުރައްކާތެރި މީހުން ތިބެންވާނީ ދައުލަތުގެ ހާއްސަ ބެލެހެއްޓުމުގެ ދަށުގައި ކަމުގައި ޖުމްހޫރީ ޕާޓީގެ ތަރުޖަމާނު އަދި އެންވަޔަރަންމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހް ވިދާޅުވެއްޖެއެވެ.

އަލީ ސޯލިހް މިހެން ވިދާޅުވީ އިއްޔެ އަލީ ސޯލިހަށް އަމާޒުކޮށް ދިން ހަމަލާއާއި ގުޅިގެން އޭނާ ނެރެފައިވާ ނޫސްބަޔާނެއްގައެވެ.

އެ ނޫސްބަޔާނުގައި އަލީ ވިދާޅުވެފައިވަނީ އިއްޔެ އޭނާ މަރާލާނެ ކަމަށްބުނެ ހުޅުމާލޭގައި އަޅުގަނޑަށް ތޫނުއެއްޗަކުން (ކުރަފަތަކުން) ދިން ނުރައްކާތެރި ހަމަލާއިން ފުރާނަ ސަލާމަތްވީތީ އެންމެ ފުރަތަމަވެސް ހަމްދުކުރަނީ އަޅަމެން ހައްދަވާބޮޑުކުރެއްވި  ޢާލަމްތަކުގެވެރި  މާތް ﷲ  ސުބުޙާނަހޫ  ވަތަޢާލާއަށް ކަމަށާއި ނުރައްކާތެރި އެ ޙަމަލާއިން ހަނިގޮތަކަށް ސަލާމަތްވެވުން ނަމަވެސް މިހަމަލާއަކީ ކޮންމެ ފެންވަރެއްގެ ސިޔާސީ ބޭފުޅެއް، ނޫސްވެރިކަމުގަ ހަރަކާތްތެރިވާ ފަރާތެއް ނުވަތަ ޖުމުލަކޮށް މިފަދަ މަސައްކަތުގައި ހަރަކާތްތެރިވާ އެންމެބޭފުޅުން ކޮންމެފަދަ ވަގުތެއްގައިވެސް ކުރިމަތިލާންޖެހިދާނެ ފަދަ ބިރުވެރި އަނިޔާވެރި އިންޒާރެއް ކަމުގައި ދެކޭކަމަށެވެ.

"ދިސް އިސް ނޮޓްއެބައުޓް އަލީ ސޯލިހް އިޓް ކުޑްބީ އެނީވަން".  އަލީ ވިދާޅުވިއެވެ.

އަލީ ފާހަގަކުރައްވާފައިވާގޮތުގައި އޭނާއަށް އަމާޒުވި ބިރުވެރި ހަމާލާގައި ހިމެނޭމީހާއަކީ ފަހަކަށްއައިސް މުޖުތަމައުގެ  ފަރުދުންނަށް ނުރަކަލަށް  ޚާއްޞަކޮށް ސިޔާސީ ފަރާތްތަކަށް ބިރުދައްކަމުން ސަރުކާރު އޮފީސްތަކަށް ވަދެ ބިރުދައްކަމުން އަދި ފުލުހުންނަށް ސީދާގޮތެއްގައި ތަފާތު މަރުގެ އިންޒާރާއި ބޮމުގެ އިންޒާރު މިދިޔަދުވަސްތަކުގައި ދެމުންގޮސްފައިވާ މީހެއްކަން ދައުރުވަމުންދާ ވީޑިއޯތަކުންނާއި ފެންނަން ހުރެމެ މުޖުތަމައަށް  އޭނާ  ދޫކޮށްލާފައި  ވަނީ  ކީއްވެގެން  ކަމާމެދު ހަމަ ކޮންމެ މީހަކުމެ ސުވާލު އުފެދޭނެ ކަމަށެވެ.

އެނގެންހުރި އަދި ފެންނަން ހުރި އެކިއެކި މައުލޫމާތަށް ބަލާއިރު މިމީހާ މިއީ ސިކުނޑީގެ އުނިކަމެއް  ހުރި މީހެއްކަމަށް  ބުނެ ޑޮކްޓަރަކު  ދޭ  ލިޔުމަކަށް  އެކަނި  ބަރޯސާވެ  އިތުރު  ޑޮކްޓަރުން  ނުވަތަ  މެޑިކަލް  ބޯޑުން  ނަމަވެސް  އިތުރަށް  ނުބުލައި  މިފަދަ  މުޖުތަމައަށް  ނުރައްކާތެރި  މީހަކު  އާންމުކޮށް ދޫކޮށްލާފައި  ހުރުމަކީ  މުޅި  މުޖުތަމައަށް  އޮތް  ބިރެއް އަދި ނުރައްކަލެއް ކަމުގައި އަލީ ވިދާޅުވެފައިވެއެވެ.

"ސިކުނޑީގެ އުނިކަމެއް  ހުރި މުޖުތަމައަށް  ނުރައްކާތެރި  މީހުން  ތިބެން  ވާނީ  ދައުލަތުގެ  ޚާއްޞަ ބެލެހެއްޓުމުގެ  ދަށުގައެވެ." އަލީ ވިދާޅުވެފައިވެއެވެ.

އަލީ ވިދާޅުވެފައިވަނީ ޤައުމާއި ރައްޔިތުންގެ އަމަންއަމާންކަން ގާއިމުކުރުމުގެ މުއައްސަސާތަކާއި އަދުލު އިންސާފު ގާއިމުކުރުމުގައިވޝާމިލުވާ އެންމެހައި މުއައްސަސާތަކާމެދު ރައްޔިތުންގެ އިތުބާރާއި  ޔަޤީންކަން އޮންނާނީ އޭރުން ކަމަށެވެ. އަދި ޤާނޫނުއަސާސީއާއި ޤާނޫނުތަކުން ކަށަވަރުކޮށްދޭ ދިރިއުޅުމުގެ ޙައްޤުތައް ކަށަވަރު ވާނީ އޭރުން ކަމަށްވެސް އަލީ ވިދާޅުވިއެވެ.

އަލީ އިތުރަށް ވިދާޅުވެފައިވަނީ މިރާއްޖޭގައި މޫލާފަވާ މިފަދަ ނުރައްކާތެރި ވިއުގަތަކުގެ މީހުންގެ ކިބައިން މިރާއްޖެ ސަލާމަތްކުރުމުށް ލޮބުވެތި އަޚުން އުޚުތުން ހުރިހާ ރައްޔިތުން ގުޅިގެން  އެއްބާރުލުމާއި މަސައްކަތްކުރުމަކީ މުޅި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކޮންމެހެން ކުރަންޖެހިފައިވާ ކަންކަން ކަމަށެވެ. ހަލުވި ދުވެއްޔެއްގައި ކުރަންޖެހޭ ކަންކަން ކަމަށެވެ.

"މިފަދަ ކަންކަމުގައި އިހުމާލުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅެން ޖެހޭނެއެވެ. އެހެން ނޫނީ ސަލާމަތްކަމެއް ނެތެއް ނޫންތޯއެވެ." އަލީ ވިދާޅުވެފައިވެއެވެ.

ހަމަލާގައި ޒަޚަމްވުމާ އި ގުޅިގެން އޭނާގެ ހާލު ބެއްލެވި އަދި ހެޔޮއެދިވަޑައިގެންނެވި އެންމެ ބޭފުޅުންނަށް ހިތުގެ އެންމެ ފުންމިނުން އަލީ އާއި އަލީގެ ޢާއިލާއިން ޝުކުރު އަދާކުރައްވާކަމަށާއި އަލީގެ އެދުމަކީ ދުޢާއަކީ މިފަދަ ކަމެއް އެހެންފަރާތަކަށް ދިމާނުވުން ކަމަށެވެ. ރައްޔިތުންނަށް އަމަންއަމާންކަން ކަށަވަރުވެ ގައުމުގައި ސުލްހަމަސަލަސްކަން ދެމިއޮތުން ކަމަށެވެ.

އަލީއަށް ހުޅުމާލެއިން ހަމަލާދިނީ މީގެ ކުރިން ސަލްމާން މިސްކިތުގައި ހުކުރު ވަގުތުގައި މިސްކިތުގެ މަސްލަހަތު ނަގާލި މައްސަލައެއްގައި ހައްޔަރުކުރުމަށްފަހު، އެއީ ސިކުނޑީގެ އުނިކަމެއް ހުރި މީހެއްކަމަށް ނިންމާ މަދު ވަގުތުކޮޅެއްގެ ތެރޭގައި ދޫކޮށްލާފައިވާ ފަރާތެކެވެ. އަލީއަށް ހަމަލާ ދިން މީހާ އިއްޔެގެ ވަގުތެއްގައި ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް