ކޯރާޑި ހަމަލާ އަމާޒުވީ ވަގު ހުއްޓުވަން އުޅުނު ބިދޭސީ މީހާ ބޮލަށް - ހަމަލާ ދިނީ ވަގު !

ރޭގެ ވަގުތެއްގައި ކޯރާޑިއަކުން ބޮލަށް ހަމަލާއެއް އަމާޒުވީ ވަގަކު ހުއްޓުވަން އުޅުނު ބިދޭސީއެއްގެ ބޮލަށްކަން ދުވަހަށް އެނގިއްޖެއެވެ. މިއަދު ހެނދުނު މީޑިއާއަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ މާފަ...

23 Aug 2022 | 06:11

ރޭގެ ވަގުތެއްގައި ކޯރާޑިއަކުން ބޮލަށް ހަމަލާއެއް އަމާޒުވީ ވަގަކު ހުއްޓުވަން އުޅުނު ބިދޭސީއެއްގެ ބޮލަށްކަން ދުވަހަށް އެނގިއްޖެއެވެ.

މިއަދު ހެނދުނު މީޑިއާއަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ މާފަންނު ގެއަކަށް ވައްކަން ކުރަން ވަތްން ބިދޭސީއަކަށް ހަމަލާދީފައިވާކަމަށް ރޭ 11:55 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށެވެ.

"އަނިޔާވި މީހާއަށް އައިޖީއެމް ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުން، މައްސަލައާއި ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވޭ" ފުލުހުން ބުނެފައިވެއެވެ.

ނަމަވެސް ހާދިސާގެ މައުލޫމާތު އެނގޭ މީހަކު މިއަދު ދުވަހަށް މައުލޫމާތުދެމުން ބުނީ ކަން ހިނގީ ދިމާ އިދިކޮޅަށް ކަމަށެވެ.

"އެ އިމާރާތުގެ 13 ވަނަ ފްލޯގައި މަސައްކަތްކުރާ ބިދޭސީން ނިދާނީ، ހަދަމުންދިޔަ އެ އިމާރާތުން ވަގަކު ވައްކަންކުރަނިކޮށް އެ ތާނގައި މަސައްކަތްކުރާ ބިދޭސީއަކަށް ފެނިގެން އެ ވަގު ހުއްޓުވަން އުޅެނިކޮށް ހަމަލާ ދިނީ" މައުލޫމާތު ހިއްސާކުރި ފަރާތުން ބުންޏެވެ.

ދުވަހަށް މައުލޫމާތު ހިއްސާކުރި ފަރާތުން ބުނިގޮތުގައި ވަގުކަލޭގެ ވައްކަން އެ އިމާރާތުން ނަރު ބުރިކޮށް، ޓޫލްސް ގޯނި ގޯންޏަށް އަޅާ ބަންދުކޮށްގެން ހަ ވަނަ ފަންގިފިލާގައި ހަރަކާތްތެރިވަނިކޮށް ބިދޭސީ މަސައްކަތު މީހާއަށް ފެނިގެން ސުވާލުކުރި ކަމަށެވެ. ހަމަލާ އަމާޒުވީ ސުވާލުކުރުމަށްފަހު އެހެންމީހުންނަށް ގުޅަން ފޯނު ނެގި ވަގުތު ކަމަށެވެ.

"ދެ މީހުންވެސް ދިމާވަނީ ސިޑިއާ ދިމާލުން، ބިދޭސީ މީހާ ސިޑިން މައްޗަށް އަރަނީ، ވަގު ހުރީ މަތީގަ، ބިދޭސީ މީހާ ސުވާލު ކުރީމަ ބުނީ ފްރެންޑް މީހަކު މި އެއްޗެހި ދިނިއްޔޭ، ދެން ބިދޭސީ މީހާ ފޯނު ނެގީ އެހެންމީހުންނަށް ގުޅަން، ހަމަ އެވަގުތު ވަގުކަލޭގެ މަތީގަ ހުރެފަ އަތް ފުރަގަހަށް ފޮރުވައިގެންހުރި ކޯރާޑިން ބިދޭސީ މީހާ ބޮލަށް ހަމަލާދީފަ އިމާރާތުގެ ތެރެއަށް ފިލީ" ކަން ހިނގާދިޔަގޮތް އެނގޭ މީހާ ކިޔާދިނެވެ.

އެވަގުތު ފުލުހުންވެސް އެ އިމާރާތުން ވަގުކަލޭގެ ފެނޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް ފަހުން އެނގުނު ގޮތުގައި ވަގު ވަދެފައި ހުރީ އިމާރާތުގެ ފުރަގަހުން ވާގޮތަށް ހަރުގަނޑެއް ބަހައްޓައިގެންނެވެ. ގޯނި ގޯންޏަށް އެޅި ތަކެތި ބޭރުކުރެވޭވަރުގެ ބާގަނޑެއް ހަދާފައިވާކަމަށްވެސް މައުލޫމާތު ހިއްސާކުރި ފަރާތުން ބުންޏެވެ.

ހަމަލާގައި ޒަހަމްވި ބިދޭސީ މީހާއަސް އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނައިރު އޭނާގެ ހާލު ވަރަށް ދެރަކަމަށް މައުލޫމާތު ލިބެއެވެ. އެގޮތުން ސިކުނޑިއަށް ލޭ އެޅިފައިވާއިރު ބޮލުގެ ނާށިގަނޑު ދެ ދިމާއަކުން ފަޅައިގެން ގޮސްފައިވެއެވެ. ހާލަތު ނާޒުކު ކަމުން ވަގުތުން އޮޕަރޭޝަނެއް ކުރެވެން ނެތަތީ އޮޕަރޭޝަނެއް ކުރެވޭނެ ވަގުތެއް އަދި ނޭނގޭކަމަށްވެސް މައުލޫމާތު ލިބެއެވެ.

މި ހާދިސާގައި އަނިޔާ ލިބިފައިވަނީ ބަންގްލްދޭޝް އަށް ނިސްބަތްވާ ރައްޔިތަކަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް