އިންޑިއާ ދަނޑުވެރިންނަށް ކޮށްދޭނެ ކަމަށް އެއްބަސްވި ކަންކަމާއި އެއްގޮތަށް ސަރުކާރުން އަމަލު ކޮށްފައިނުވާ ކަމަށްބުނެ އަނެއްކާވެސް މުޒާހަރާ ކުރަން ފަށައިފި އެވެ.
ދަނޑުވެރިންނާއި ގުޅުން ހުރި ބޮޑެތި ކުންފުނިތަކަށް ފައިދާވާ، އާދައިގެ ދަނޑުވެރިންގެ ދިރިއުޅުން ފަނާވާނެ ފަދަ ތިން ގާނޫނެއް ފާސް ކުރި ކަމަށްބުނެ އިންޑިއާ ދަނޑުވެރިން ފުރަތަމަ މުޒާހަރާ ފެށީ 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެވެ. ދިއްލީ ވަށާލައިގެން ތިބެ ކުރި އެ މުޒާހަރާ ނިންމާލީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހު ސަރުކާރުން އެމީހުންގެ ޑިމާންޑުތަކަށް ފުރިހަމަ ކޮށްދޭނެ ކަމަށް ވައުދުވުމުންނެވެ.
އެކި ސްޓޭޓްތަކުން އެތައް ހާސް ދަނޑުވެރިން އިއްޔެއިން ފެށިގެން އަނެއްކާވެސް ޖަމާވަމުން ދަނީ ވެރިރަށް ދިއްލީއަށެވެ. މިހާރުވެސް 5،000 އަށްވުރެ ގިނަ ދަނޑުވެރިން ޖަމާވެފައިވާއިރު އެންމެން ދަނީ ބޮޑުވަޒީރު ނަރެންދްރަ މޯދީ އާއި ދެކޮޅަށް އަޑު އުފުލާ ބެނާތައް ހިފައިގެން ޝުއޫރު ފާޅު ކުރަމުންނެވެ.
މި މުޒާހަރާތައް ހުއްޓުވަން ފުލުހުން ހަރަކާތްތެރިވާއިރު ބައެއް ފަރާތްތަކަށް ވަނީ އަނިޔާވެފައި އެވެ.
މި މައްސަލައިގަ އިންޑިއާގެ ފެޑެރަލް އެގްރިކަލްޗާ މިނިސްޓްރީން އެއްޗެއް ނުބުނެ އެވެ.
އަހަރު ދުވަހަށް ދަނޑިވެރިން މުޒާހަރާ ކުރީ އިންޑިއާ ސަރުކާރުން ދަނޑުވެރި އުފެއްދުންތަކުގެ އަގާއި، ވިޔަފާރި އާއި ރައްކާކުރުމާ ގުޅޭ ގާނޫނުތަކެއް ތައާރަފު ކުރުމުންނެވެ. ދަނޑުވެރިން ބުނީ އެ ގާނޫނުތަކާ ހެދި ހުޅުވާލެވިފައިވާ މާކެޓު ނިޒާމުގެ ތެރެއިން އެ މީހުންނަށް ލިބުނު ރައްކާތެރިކަން ކުޑަވި ކަމަށެވެ.
އޭގެ ތެރެއިން މިހާރު އެމީހުން ދަނީ ދަނޑުވެރިންގެ ލޯނުތައް މައާފުކޮށްދީ ދަނޑުވެރިންނަށް ސަރުކާރުން ފޯރުކޮށްދޭނެ އެހީ ކަށަވަރުކޮށްދިނުމަށް ގޮވާލަމުންނެވެ.
މީގެ ކުރިން ކުރި މުޒާހަރާގައި ބައިވެރިން އަހަރެއް ވަންދެން ތިބީ ވެރިރަށް ދިއްލީގެ ވަށައިގެންވާ ހަނަފަސް ސަރަހައްދުތަކުގައި ޓެންޓު ޖަހައިގެންނެވެ. އެ އެއް އަހަރު ދުވަހުގެ ތެރޭގައި މުޒާހަރާގެ ބައިވެރިންގެ ތެރެއިން އެތައް ބަޔަކު ކޯވިޑް ޖެހިގެންނާއި ފިނި ގަދަވެ އަދި ހޫނު ގަދަވެގެން މަރުވެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް