އުދިނޭޒީއާއި ދެކޮޅަށް ރޮނާލްޑޯ ޖެހި ގޯލު ސައިޑެއް ނުވާނެ: ކޮލީނާ

އިޓާލިއަން ލީގުގައި ރޭ އުދިނޭޒީއާއި ދެކޮޅަށް ޔުވެންޓަސް ކުޅުނު މެޗުގެ ފަހު ވަގުތުގައި ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބު ކުރި ލަނޑަކީ އޮފްސައިޑް ލަނޑެއް ނޫން ކަމަށް ފީފާ ރެފްރީސް ކޮމިޓީގެ ޗެއާމަން ...

23 Aug 2021 | 17:26

އިޓާލިއަން ލީގުގައި ރޭ އުދިނޭޒީއާއި ދެކޮޅަށް ޔުވެންޓަސް ކުޅުނު މެޗުގެ ފަހު ވަގުތުގައި ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބު ކުރި ލަނޑަކީ އޮފްސައިޑް ލަނޑެއް ނޫން ކަމަށް ފީފާ ރެފްރީސް ކޮމިޓީގެ ޗެއާމަން ޕިއަރްލުއިޖީ ކޮލީނާ ބުނެފި އެވެ.

ކޮލީނާ ބުނީ ރޭ އިޓަލީ ލީގުގައި އުދިނޭޒީއާއި ދެކޮޅަށް ޔުވެންޓަސް ކުޅެ 2-2 ގެ ނަތީޖާއިން އެއްވަރުވި މެޗުގެ ފަހު ވަގުތުގައި ރޮނާލްޑޯ ކާމިޔާބު ކުރީ ރަނގަޅު ލަނޑެއް ކަމަށާއި އެ ލަނޑު އޮފްސައިޑު ވާނޭ އެއްވެސް ގޮތެއް ނެތް ކަމަށެވެ. ކޮލީނާ ބުނީ އޭނާ ވެސް އެ މެޗު ބެލި ކަމަށާއި މެޗު ރެފްރީ އަށް ނިންމަން އުނދަގޫ ވެގެން ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު)ގެ އެހީތެރިކަމާއި އެކު އެ ނިންމި ނިންމުން ގޯސްކަމަށެވެ. އަދި އެ އޮފްސައިޑް ކަމަށް ނިންމި ލަނޑުގެ ވީޑިއޯ ތަކުރާރުކޮށް އެކި ގޮތްގޮތައް ބެލި ކަމަށާއި އެ ލަނޑު އޮފްސައިޑް ވާންވީ ސަބަބެއް ނުވިސްނޭ ކަމަށެވެ.

ކޮލީނާ އިތުރަށް ބުނީ ފުޓްބޯޅައިގައި އޮފްސައިޑް ވާނެ ގޮތާއި ނުވާނެ ގޮތް ޤަވައިދުގައި ވަރަށް ރަނގަޅަށް ބަޔާން ކޮށްފައި އެބަ އޮތް ކަމަށާއި އެ ޤަވައިދު ބުނާ ގޮތުން ރޮނާލްޑޯގެ ލަނޑު އޮފްސައިޑް ނުވާނޭ ކަމަށެވެ. ޤަވައިދު ބުނާ ގޮތުން ކުޅުންތެރިއާގެ އަތް އޮސްސައިޑް ލައިނަށް އެރި ނަމަވެސް ކުޅުންތެރިއާގެ ފުލް ބޮޑީ އޮފްސައިޑް ލައިނަށް ނާރާ ނަމަ ސައިޑް ކަމަށް ނުދެއްކޭނޭ ކަމަށެވެ. އެހެން ކަމުން އެ މެޗު އިންސާފުކުރި ރެފްރީންގެ ނިންމުން ގޯސް ކަމަށް ކޮލީނާ ބުނެފައިވެއެވެ.

ރޭގެ މެޗު ރޮނާލްޑޯ ފެށީ ބެންޗުންނެވެ. ރޮނާލްޑޯ ކުޅެން އެރީ މެޗުގެ ފަހު ހާފުގެ 60 ވަނަ މިނެޓުގައެވެ. ސައިޑްކަމަށް ބުނާ އެ ލަނޑު ރޮނާލްޑޯ ޖަހާފައިވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެގެން އިތުރަށް ދެއްކިވަގުތުގެ ހަތަރުވަނަ މިނެޓުގައެވެ. މި ލަނޑު ޖެހުމަށް ފަހު ރޮނާލްޑޯ އުފާ ފާޅުކުރަމުން ގޮސް ޖާޒީވެސް ބޭލިއެވެ. ނަމަވެސް މި ލަނޑު ސައިޑް ކަމަށް ނިންމީ ވީއޭއާރު ބެލުމަށް ފަހުގައެވެ.

ޔުވެންޓަސް އަދި އުދިނޭޒީ ބައްދަލުކުރި މި މެޗު ނިމުނީ 2-2 އިން ދެ ޓީމު އެއްވަރުވެގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް