އައިޕީއެސް ޕްރޮބޭޝަނަރސް ކޯސް ފުރިހަމަ ކުރި ދިވެހި ފުލުހުންނާ މިނިސްޓަރ އޮފް ހޯމް އެފެއާޒް އިމްރާން ޢަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ބައްދަލުކުރައްވައިފިއެވެ.
ޝަހީދު ޙުސައިން އާދަމް ބިލްޑިންގގައި މިއަދު ބޭއްވި އެ ބައްދަލުވުމުގައި މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި، އިންޑިއާގެ ހައިދަރު އާބާދުގައި ކުރިއަށް ގެންދިޔަ ކޯސް ފުރިހަމަކުރި ފުލުހުންނަށް މަރުހަބާ ދެންނެވިއެވެ. އަދި ކޯހުން ލިބުނު ތަމްރީނުތަކުގެ ބޭނުން މަސައްކަތުގެ މައިދާނުގައި ހެޔޮގޮތުގައި ހިފައި ގައުމަށް ހިދުމަތް ކޮށްދިނުމަށް އެދިލެއްވިއެވެ.
އެ ބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ދެއްކެވި ވާހަކަފުޅުގައި، އައިޕީއެސް ޕްރޮބޭޝަނަރސް ކޯސް ފުރިހަމަ ކުރި ފުލުހުންނަށް މަރުހަބާ ދަންނަވައި ކޯސް ފުރިހަމަ ކުރުމަށް އެ މުވައްޒަފުންކުރި ބުރަ މަސައްކަތަށް ޝުކުރުއަދާކުރެއްވިއެވެ. އަދި ކޯހުން ލިބުނު ތަމްރީނުތަކާއި ތަޖުރިބާގެ އަލީގައި ފުލުހުންގެ ހިދުމަތް މިހާރަށްވުރެ އިތުރަށް ތަރައްގީ ކުރުމަށް މަސައްކަތްކުރުމަށާއި ގައުމަށާއި ރައްޔިތުންނަށް ހިދުމަތްކުރުމުގައި އިހުލާސްތެރިކަމާއެކު މަސައްކަތްކުރުމަށް އެދިލެއްވިއެވެ.
އެ ބައްދަލުވުމުގައި ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޔޫނުސް ސަބާހްއާއި ރިސޯސް މެނޭޖްމަންޓްގެ ޑެޕިއުޓީ ހެޑް، ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން އާއި ހިއުމަން ރިސޯސް މޭންޖްމަންޓް ޑެވެލޮޕްމަންޓްގެ ހެޑް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު މުސްލިމް އާއި އައިޕީއެސް ޕްރޮބޭޝަނާސް ކޯހުގެ ބައިވެރިން ބައިވެރިވެލެއްވިއެވެ.
2018 ޑިސެމްބަރ 17 އިން ފެށިގެން 10 މަސް ދުވަހުގެ މުއްދަތަށް ހިންގި އައިޕީއެސް ޕްރޮބޭޝަނަރސް ކޯހުގެ 71 ވަނަ ބެޗުގައި ބައިވެރިވި ފުލުހުންނަކީ އިންސްޕެކްޓަރ އޮފް ޕޮލިސް ރުޤިއްޔާ ސިމާއާއި އިންސްޕެކްޓަރ އޮފް ޕޮލިސް މަރްޔަމް ރަޝީދާގެ އިތުރުން އިންސްޕެކްޓަރ އޮފް ޕޮލިސް ޑޮކްޓަރ ހަސަން ޢުމަރުއާއި ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް މޫސާ ވަސީމްއެވެ.
2019ޑިސެމްބަރ 16 އިން ފެށިގެން 10 މަސް ދުވަހުގެ މުއްދަތަށް ހިންގި އައިޕީއެސް ޕްރޮބޭޝަނަރސް ކޯހުގެ 72 ވަނަ ބެޗުގައި ބައިވެރިވި ފުލުހުންނަކީ އިންސްޕެކްޓަރ އޮފް ޕޮލިސް ޢަބްދުއް ލަޠީފް މުޙައްމަދުއާއި އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޢަބްދުލްޢަޒީޒްގެ އިތުރުން ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ނާޡިމްއާއި ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ޝުޢައިބު ޢަބްދުއްރަޙްމާންއެވެ.
އައިޕީއެސް ޕްރޮބޭޝަނަރސް ކޯހަކީ އިންޑިއާގެ އެކި ސްޓޭޓްތަކުން ހޮވޭ ފަރާތްތަކަށް މަރުކަޒީކޮށް ހިންގޭ ތަމްރީނު ޕްރޮގްރާމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް