ހައްދުންމަތީގެ ވެރިކަންކުރާ ރަށް، ފޮނަދޫގައި އެ ރަށު ކައުންސިލުން ގާއިމުކުރި ފެރީ ޓާމިނަލްގެ މަސައްކަތް ނިންމައި އެ ޓާމިނަލް ރަސްމީކޮށް ހުޅުވައިފިއެވެ.
މި ޓާމިނަލް ހުޅުވާފައިވަނީ މިކަމަށްޓަކައި އިއްޔެ ފޮނަދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އަތޮޅު ރައީސް އިސްމާއިލް އަލީ އެވެ. މި ރަސްމިއްޔާތުގައި ގަން ފޮނަދޫ އަދި އަތޮޅުގެ އެހެނިހެން ރަށްރަށުގެ އިސް މުއައްސަސާތަކުގެ އިސްވެރިންވެސް ބައިވެރިވެލެއްވިއެވެ.
އޭސީކޮށް، ވެއިޓިން އޭރިއާ، ފާޚާނާ، ވޮޝްރޫމް، ފީޑިން ރޫމްގެ އިތުރުން ފިހާރައެއްގެ ހިދުމަތްވެސް ލިބިގެންދާނެގޮތަށް ހުޅުވި މި ފެރީ ޓާމިނަލަކީ ފޮނަދޫ ކައުންސިލުން އެ ކައުންސިލުގެ 2020 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނަގައިގެން ފެށި މަސައްކަތެއްގެ ނަތީޖާއެވެ.
މި ޓާމިނަލާއި ގުޅޭގޮތުން ފޮނަދޫ ކައުންސިލްގެ ރައީސް އަހްމަދު ރިޔާޒް ވިދާޅުވީ މިއީ ފޮނަދޫ ރައްޔިތުންގެ ފަރާތުން އަތޮޅުގެ ރައްޔިތުންނަށް، ވަކިން ހާއްސަކޮށް އަތޮޅުގެ ދެކުނުގެ ރަށްތަކުގެ ރައްޔިތުންނަށް ދެވޭ ހަދިޔާއެއް ކަމަށެވެ.
"މީގެ ކުރީގައި ނަމަ ފެނިގެންދާނީ އެ ފަރާތްތައް ގަސްގަހުގެ ހިޔަލުގައި ނޫން ނަމަ ގާޑިޔަލެއްގެ ކައިރީގައި، އަވި ދެންޏާ އަވީގައި ވާރޭ ވެހެންޏާ ވާރޭގައި ތިބޭ މަންޒަރު، އަލްހަމްދުލިﷲ، މިއީ އެ ދަތިކަމަށް ގެނެސްދެވުނު ހައްލެއް" ފޮނަދޫ ރައީސްކަމުގެ ތިންވަނަ ދައުރެއް ފުރިހަމަކުރައްވަމުން އަންނަ ރިޔާޒް ވިދާޅުވިއެވެ.
ރިޔާޒް އިތުރަށް ވިދާޅުވީ ބަނދަރުމަތީގައި ގާއިމުކުރެވިގެންދިޔަ މި ފެރީ ޓާމިނަލްގެ ސަބަބުން ރަށަށް އަރާ ފައިބާ ފަރާތްތަކަށް މެހެމާންދާރީ އަދާކުރުމުގެ ފުރުސަތު ފޮނަދޫގެ ރައްޔިތުންނަށް ލިބިގެންދިޔުމަކީ ކައުންސިލުން އުފާކުރާ ކަމެއް ކަމަށެވެ.
ފެރީ ޓާމިނަލްގެ މި މަސައްކަތަކީ 105 ދުވަހުގެ ތެރޭގައި ނިންމާގޮތަށް، 2020ވަނަ އަހަރު ޑިސެމްބަރ މަހުގެ ތެރޭގައި ސަންކްޝަން އިންވެސްޓްމެންޓާއި ހަވާލު ކުރެވުނު މަސައްކަތެކެވެ. މި ފެރީ ޓާމިނަލްގެ ޢަމަލީ މަސައްކަތް ފެށިފައިވަނީ 2021ވަނަ އަހަރުގެ ފެބްރުއަރީ ގައެވެ. މި ޕްރޮޖެކްޓް އެއްކޮށް ނިންމުމަށް މިލިޔަނަކާ ގާތްކުރާ އަދަދަކަށް ހަރަދުވިކަމުގައި ފޮނަދޫ ކައުންސިލުން މައުލޫމާތުދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް