ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމުގެ ވާހަކަ އޮތީ އެމްޑީޕީން އުފެއްދި މެނިފެސްޓޯގަ: މަބްރޫކް

ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމުގެ ވާހަކަ އޮތީ އެމްޑީޕީން އުފެއްދި މެނިފެސްޓޯގައި ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެ އެވެ. ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސް...

23 Aug 2021 | 12:17

ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމުގެ ވާހަކަ އޮތީ އެމްޑީޕީން އުފެއްދި މެނިފެސްޓޯގައި ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުން އުފެއްދި މެނިފެސްޓޯގައި ބަރުލަމާނީ ނިޒާމް ގެންނަން ނެތް ކަމަށެވެ.

" ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމުގެ ވާހަކަ އޮތީ އެމްޑީޕީން އުފެއްދި މެނިފެސްޓޯގަ. ބަރުލަމާނީ ނިޒާމް ގެންނަން ރައްޔިތުންގެ ވޯޓެއް ނަގަން ޖެހޭނެ. އެކަން ކުރެވޭނީ ހަމައެކަނި އެގޮތަށް." މަބްރޫކް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ރިޔާސީ ނިޒާމުން ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށް ރައްޔިތުންގެ ޚިޔާލު ހޯދައި ޕެޓިޝަނެއް އެކުލަވާލާ ސޮއިކުރުމުގެ ކަންތައްތަ ފެށުމަކީ ރައީސް އެކަމަށް މަރުހަބާ ވިދާޅުވާ ކަމެއް ކަމަށެވެ.

މަބްރޫކް މިފަދައިން ވިދާޅުވެފައިވާ އިރު، ރާއްޖޭގެ ވެރިކަން މިހާރުކުރަމުން އަންނަ ރިޔާސީ ނިޒާމުން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ބާރުއެޅުމަށް ރައީސަށް ފޮނުވުމަށް ޕެޓިޝަނެއް އެކުލަވާލައި އޭގައި ރައްޔިތުން ސޮއިކުރަމުންދާ ދަނޑިވަޅެއްގަ އެވެ.

ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަކީ ފެށުނީއްސުރެ ބަރުލަމާނީ ނިޒާމަށް ތާއީދުކުރައްވާ އަދި ރާއްޖޭގައި ބަރުލަމާނީ ނިޒާމު ގާއިމުކުރުމަށް ކެނޑެނޭޅި މަަސައްކަތްޕުޅު ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.

މިކަމުގައި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކި މަންސަތަކުގައި ވިދާޅުވަމުން ގެންދަވަނީ ނިޒާމް ބަދަލުކުރުމަށް ރައްޔިތުންގެ ވޯޓެއް ނަގަންޖެހޭ ކަމަށެވެ. އަދި މިނޫން އެހެން ގޮތަކަށް ނިޒާމް ބަދަލު ނުކުރެވޭނެ ކަމަށެވެ.

މީގެ އިތުރުން މިވަގުތަކީ ނިޒާމު ބަދަލުކުރުމުގެ ވާހަކައަށް ވުރެ، ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދުމަށް އިސްކަންދޭންވީ ވަގުތުކަމަށް ވެސް ރައީސް ސޯލިހު އަންނަނީ ވިދާޅުވަމުން ނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް