ޝިފާއު ޖަޒުބާތުގައި ޖެހިއްޖެ، ވިދާޅުވީ އިހަވަންދިއްޕޮޅު އޮންނަނީ ހޯރަފުށީގެ ދަށުވެފައި ކަމަށް

ޖަޒުބާތުގައި ޖެހިވަޑައިގެން، މުޅި އިހަވަންދިއްޕޮޅު އޮންނަނީ ހޯރަފުށީގެ ދަށުވެފައި ކަމަށް އިހަވަންދޫ ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ. ހއ. ހޯރަފުށްޓާއި އެ އަތޮޅު އިހަވަންދޫ...

23 Aug 2021 | 08:24

ޖަޒުބާތުގައި ޖެހިވަޑައިގެން، މުޅި އިހަވަންދިއްޕޮޅު އޮންނަނީ ހޯރަފުށީގެ ދަށުވެފައި ކަމަށް އިހަވަންދޫ ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ.

ހއ. ހޯރަފުށްޓާއި އެ އަތޮޅު އިހަވަންދޫއަކީ ޒަމާނުން ސުރެ ވާދަވެރިކަން ބޮޑު ދެރަށެވެ. އަރާރުންވުމާއި ދެބަސްވުންތައް އިންތިހާއަށް ބޮޑު ދެރަށެވެ. އެކަން އެންމެ ބޮޑަށް ފެނިގެން ދިޔައީ ހޯރަފުށީގައި އެއާޕޯޓެއް އަޅަން ނިންމި ހިސާބުންނެވެ. އަދި އެއާޕޯޓް ނިމި އެތަނުގެ އޮޕަރޭޝަންތައް ފެށުމުން ދެން ފެނިގެން ދިޔައީ ފާލަމެއްގެ މައްސަލައިގައި "ހަނގުރާމަ" އިޢުލާންކުރި ތަނެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފަޅު ރަށްރަށުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ވަނީ ބަހުސްކޮށްފައެވެ. ސަރުކާރުން ފޮނުވި އެ ބިލުގެ އިބްތިދާއީ ބަހުސްގައި ގިނަ މެންބަރުން ކަންބޮޑުވުން ފާޅުކުރެއްވި އެއް ކަމަކީ ސަރުކާރުން ބޭނުން ވެއްޖެ ހިނދެއްގައި ފަޅުރަށްރަށް ކައުންސިލްގެ އިހްތިސޯސުން ނެގެން އޮންނާތީއެވެ.

ހއ. އަތޮޅުގައި ހިމެނޭ ބާރަށު ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲ ހުށަހެޅުއްވި އެ ބިލުގައި އެ ގޮތަށް އޮތުމުން އެ އަތޮޅުގައި ހިމެނޭ ހޯރަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ސައްލެ) ވެސް ވާހަކަ ދެއްކެވީ އެ މާއްދާ އިސްލާހު ކުރުމަށް ތާއީދު ކުރައްވައެވެ.

މި ގޮތުން އޭނާ ހުށަހެޅުއްވީ އަތޮޅު ކައުންސިލްގެ މަޝްވަރާ ހޯއްދަވައިގެން އެ އަތޮޅެއްގައި ހިމެނޭ ފަޅުރަށްރަށާއި ގުޅޭ ގޮތުން ކަންކަން ނިންމުމަށެވެ. އަދި ރަށު ކައުންސިލެއްގެ އިހްތިސާސްގައިވާ ރަށެއް ސަރުކާރަށް ނަގާނަމަ އޭގެ އެކަށޭނެ ބަދަލެއް ދޭން ޖެހޭ ގޮތަށް ވެސް ހިމަނަން ހުށަހެޅުއްވިއެވެ.

ދެން އިހަވަންދޫ ދާއިރާގެ މެންބަރު ޝިފާއު ވިދާޅުވީ، ސަރުކާރުން ފޮނުވި ބިލުގައި ހިމެނޭ އެ ކަމަށް އޭނާ ތާއީދު ކުރައްވާ ކަމަށެވެ. ސަބަބެއްގެ ގޮތުގައި ފާހަގަކުރެއްވީ މުޅި އަތޮޅުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި ސަރުކާރަށް ބާރު ދިނުން މުހިއްމު ވުމެވެ.

އޭނާ ވިދާޅުވީ "އެއާޕޯޓް އޮންނަ ރަށުގައި [ހޯރަފުށީގައި]" ވަކި ފާލަމަކުން އެއާޕޯޓަށް ދާން އެ ރަށުގެ ކައުންސިލް ދެކޮޅު ކަމަށެވެ. އޭގެ ސަބަބުން މުޅި އިހަވަންދިއްޕޮޅުގެ ރައްޔިތުންނަށް ދަތިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޝިފާއު އިތުރަށް ވިދާޅުވީ ވަކި ރަށެއްގެ [ހޯރަފުށީގެ] ދަށުވެ މުޅި އަތޮޅާއި {އިހަވަންދިއްޕޮޅު] މުޅި ސަރުކާރު އޮންނަން ޖެހޭ ސަބަބެއް އޮވެގެން ނުވާނެ ކަމަށެވެ. އަދި އެ ގޮތަށް މަގުފަހިވާނެ ގޮތަށް ގާނޫނެއް ވެސް އޮވެގެން ނުވާނެ ކަމަށެވެ.

ވިދާޅުވީ، އެއާޕޯޓަކީ ސިނާއީ ކަމެއް ކަމަށައި އެ ސިނާއީ ރަށް ވަކިވެ އޮންނަން ޖެހޭނީ ސަރުކާރުގެ ބެލުމުގެ ދަށުގައި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް