ފުވައްމުލަކާއި އައްޑޫ ސިޓީގައި 300 އެއްހާ ކޯވިޑް އެކްޓިވް ކޭސް

ފުވައްމުލަކު ސިޓީ އާއި އައްޑޫ ސިޓީގައި ހަލުވި ކަމާއި އެކު ކޯވިޑް-19 ފެތުރެމުންދާ ކަމަށް އެ ދެ ސިޓީގެ ސިއްހީ އިދާރާތަކުން ހާމަކޮށްފައިވާ އެންމެ ފަހުގެ މައުލޫމާތުތަކުން ހާމަވެއްޖެ އެވެ. މީގެ ތެރެއިން ހާ...

23 Aug 2021 | 07:18

ފުވައްމުލަކު ސިޓީ އާއި އައްޑޫ ސިޓީގައި ހަލުވި ކަމާއި އެކު ކޯވިޑް-19 ފެތުރެމުންދާ ކަމަށް އެ ދެ ސިޓީގެ ސިއްހީ އިދާރާތަކުން ހާމަކޮށްފައިވާ އެންމެ ފަހުގެ މައުލޫމާތުތަކުން ހާމަވެއްޖެ އެވެ.

މީގެ ތެރެއިން ހާލަތު ގޯސްވެ މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ ފުވައްމުލަކު ސިޓީ އެކަންޏެވެ. އައްޑޫ ސިޓީގައި ކޯވިޑް ކޮންޓްރޯލް ކުރުމަށް އެޗްޕީއޭގެ ގައިޑްލައިންގައި ހިމެނޭ ކަންކަމުގެ އިތުރުން އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ.

މީގެ ތެރެއިން ފުވައްމުލަކު ސިޓީން މިދިޔަ 24 ގަޑިއިރު ތެރޭގައި އިތުރު 15 މީހަކު ކޯވިޑަށް ޕޮސިޓިވްވެފައިވެ އެވެ. އޭގެތެރޭގައި ހިމެނެނީ ކޮންޓެކްޓް ޓްރޭސިން އިން ފާހަގަކުރެވުނު އަށް ފަރާތަކާއި، ރެންޑަމްކޮށް ނެގި ސާމްޕަލްތަކުން ޕޮޒިޓިވްވި ދެ ފަރާތެއްގެ އިތުރުން ފްލޫ ކްލިނިކުން ނެގި ސާމްޕަލްތަކުން ޕޮޒިޓިވްވި ފަސް މީހެކެވެ.

ފުވައްމުލަކު މޮނިޓަރިންގެ ހާލަތަށް ގެނައީ މިދިޔަ ހޮނިހިރު ދުވަހު 11 މީހުން ޕޮސިޓިވްވުމުންނެވެ. މިހާރު ޖުމްލަ އެ ސިޓީގައި ކޯވިޑަށް ޕޮސިޓިވް 158 މީހުން އެބަތިއްބެވެ.

މިއަހަރު ތެރޭގައި ތިން ފަހަރަށް ފުވައްމުލަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާއިރު ކޮންމެ ފަހަރަކުވެސް ގިނަ ބަޔަކު ކޯވިޑަށް ޕޮސިޓިވްވެ އެވެ. އެންމެ ފަހުން މޮނިޓަރިންގެ ހާލަތުގައި އޮއްވަ މިމަހުގެ ތިން ވަނަ ދުވަހު އެ ސިޓީން ވަނީ ކޯވިޑް ޖެހިގެން 92 އަހަރުގެ މީހަކު މަރުވެފައި އެވެ.

އައްޑޫ ސިޓީ މިވަގުތު ކޯވިޑް ޖެހިފައިވާ 146 މީހަކު އެބަ ތިއްބެވެ. އެއީ ހިތަދޫން 12 މީހަކާއި މަރަދޫންް 81 މީހެއްގެ އިތުރުން މަރަދޫ ފޭދޫން 39 މީހަކާއި ފޭދޫން 14 މީހެކެވެ.

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން މީޑިއާގައި ބުނެފައިވަނީ އޭގެ ތެރޭގައި ކޮންޓެކްޓް ޓްރޭސިންއާއި ރެންޑަމް ސާމްޕަލްގެ އިތުރުން ފްލޫ ކްލިނިކަށް ޑޮކްޓަރަށް ދެއްކުމުން ޕޮސިޓިވްކަން އެނގުނު މީހުން ހިމެނޭ ކަމަށެވެ. އައްޑޫ އިން މިހާތަނަށް ކޯވިޑް ޖެހިގެން ދެ މީހުން މަރުވެފައިވެ އެވެ.

އެޗްޕީއޭއިން މިހާތަނަށް ވަކި ފިޔަވަޅެއް އަޅާފައި ނުވިނަމަވެސް އައްޑޫގެ ހާލަތު ގޯސްވާތީ އެ ސިޓީގެ ޓާސްކް ފޯސްއިން ދަނީ ފިޔަވަޅުތަކެއް އެޅުމަށް ތައްޔާރުވަމުން ކަމަށްވެ އެވެ.

އައްޑޫވެސް މިހާރު ތިން ފަހަރަށް މޮނިޓަރިންގެ ހާލަތަށް ގެނައި އިރު ކޮންމެ ފަހަރަކުވެސް މަހަކަށްވުރެ ގިނަ ދުވަހު މޮނިޓަރިންގައި ބާއްވަ އެވެ. އެކަމަކު މިފަހަކުން އެ ސިޓީން އެއްކޮށް ބަލި ފިލައިގެން ދާގޮތެއް ނުވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް