އަލީ ވަހީދު ވަނީ ކުށުގެ ތުހުމަތުގައި ފްރޭމް ކޮށްފައި ކަމަށް އޭނާގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނެފި އެވެ.
ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވި އިރު އަންހެން މުވައްޒަފުން ތަކަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގަ އަލީ ވަހީދާއި ދެކޮޅަށް ދައުލަތުން ހަތް ދައުވާއެއް އުފުލާފައި އެވެ. އެ މައްސަލަތަކުގެ ޝަރީއަތް ފަށާފައި ވަނިކޮށް އޭނާ ވަނީ ބޭސް ފަރުވާ ކުރުމަށް ކަމަށްބުނެ އިނގިރޭސިވިލާތަށް ވަޑައިގެންފަ އެވެ.
ގާނޫނީ ވަކީލުންގެ ޓިމުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ މައްސަލައިގެ ތެރޭގައި މިދިޔަ އަހަރާއި އެއްމަސް ދުވަހު، އަލީ ވަހީދުގެ މައްޗަށް ހިންގުނު ޖިނާއީ ތަހުގީގައި ޝަރީއަތުގެ އެކި މަރުހަލާތަކުގައި ދައުލަތުންވަނީ ބޭއިންސާފާއި އަނިޔާވެރިކަން އިސްކޮށް، ކުށެއްގެ ތުހުމަތުގައި ކަމަށް ބުނެ ފްރޭމްކޮށްފައި ކަމަށެވެ. ބަޔާނުގައި ވަނީ ނާއިންސާފުން ކޮށްފައިވާ ކަންކަން ކަމަށް ބުނެ މައްސަލަތަކެއް ފާހަގަ ކޮށްފަ އެވެ.
އޭގެ ތެރޭގައި މި ޝަރީއަތް ކުރިޔަށް ގެންދަން އުޅެނީ ވަރަށް ސިއްރުން ކަމަށް ބުނެފައިވެ އެވެ. އެގޮތުން ހުޅުވާލައިގެން ޝަރީއަތްކުރިއަށް ގެންދިއުމަށް އަލީ ވަހީދުގެ ފަރާތުން އެދުނު ނަމަވެސް ރައްޔިތުންނާއި ނޫސްވެރިންނަށް ޝަރީޢަތް ސިއްރުކޮށްފައިވާ ކަމަށް ވަކީލުން ބުންޏެވެ. ތުހުމަތު އުފުލިފައިވާ ދައުވާއެއް ސާބިތުވާނެ އެއްވެސް އުންސުރެއް ނެތި ސިޔާސީ މަގުސަދުތަކެއް ހާސިލުކުރުމަށް ދައުވާ ކުރުމާއި، މައްސަލަ ބަލާ ފަނޑިޔާރަށް ބިރުދެއްކުމުގެ ގޮތުން ޖޭއެސްސީއަށް މައްސަލަ ހުށަހާފައިވާކަން ފާހަގަ ކޮށްފައިވެ އެވެ
އެ މައްސަލައިގަ ތަހުގީގު ކުރުމެއްނެތި، ޖަވާބުދާރީވުމުގެ ފުރުސަތެއް ނެތި ވަޒީރުކަމުން ވަކި ކުރުމާއި، ތަހުގީގުގައި އެއްވެސް ކުށެއްގެ ތުހުމަތު ސާފުކޮށް ދީފައިނުވުން ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. އަދި ޕީޖީ އޮފީހުން އުފުލި އެއްވެސް ދައުވާއަކާ ގުޅޭގޮތުން ތަހުގީގު މަރުހަލާގައި ސުވާލުކޮށްފައިނުވާ ކަމަށްވެސް ވަކީލުން ފާހަގަކޮށްފައިވެއެވެ.
ގާނޫނު އަސާސީގައިއާ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ކުށެއް ކުރެވުނީ ކޮންފަރާތަކާމެދު ކިހިނެއްކަން ތުހުމަތުކުރެވޭ ފަރާތަށް އެނގުމުގެ ހައްގު ކުށުގެ ތުހުމަތުގައިވާ މީހާއަށް ލިބިދޭންވާނެ ކަމަށް ސާފުކޮށް ބަޔާންކުރެވިފައި ވީ ނަމަވެސް، ތުހުމަތުކުރެވޭ ކުށްތައް ކުރިކަމަށް ބުނާ ފަރާތެއް ނުވަތަ ކުށްކުރި ތަނެއް، ނުވަތަ ކުޑަމިނުން ތާރީހް ވެސް ހުދު އަލީ ވަހީދަށް ސިއްރުކުރުން އެއީ ރާއްޖޭގެ ތާރީހުގައިވެސް މީހަކާ ދޭތެރޭ މިގޮތަށް އަމަލު ކުރެވުނު ފުރަތަމަ ފަހަރު ކަމަށް ވަކީލުން ބުނެފައިވެ އެވެ.
އަލީ އާއި ދެކޮޅަށް ދައުލަތުން އުފުލާފައިވަނީ ޖިންސީ އަނިޔާ ކުރުމުގެ ދައުވާއާއި، ޖިންސީ ގޯނާ ކުރުމުގެ ކުށުގެ ދައުވާއާއި، ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދައުވާއާއި، ރޭޕް ކުރަން އުޅުމުގެ ދައުވާއާއި، ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދައުވާއާއި ހުއްދަނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ ދެ ދައުވާ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް