ގާފަރުގެ ތަރައްގީއާ ގުޅޭގޮތުން ނައިބު ރައީސް އާ މަޝްވަރާ ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، މާލެ އަތޮޅު ގާފަރު ކައުންސިލަރުންނާއި މިއަދު ބައްދަލުކުރައްވައިފި އެވެ. މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގަ...

23 Aug 2021 | 06:16

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، މާލެ އަތޮޅު ގާފަރު ކައުންސިލަރުންނާއި މިއަދު ބައްދަލުކުރައްވައިފި އެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ކައުންސިލަރުން ވަނީ ގާފަރުގެ ތަރައްޤީއަށް ރާއްވަވާފައިވާ މަސައްކަތްތަކާއި، ރައްޔިތުންގެ ކަންބޮޑުވުންތަކުގެ މަޢުލޫމާތާއި، ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި މަޝްވަރާކުރައްވާފަ އެވެ.

އެގޮތުން ރަށަށް ދިމާވެފައިވާ ބިމުގެ ދަތިކަމަށް ހައްލެއް ހޯދުމަށް ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްގެންދެވޭނެ މަގުފަހިކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި ދެންނެވި އެވެ. ހަމަ އެއާއެކު އެކަށީގެންވާ ނަރުދަމާގެ ނިޒާމެއް ނެތުމުން ދިމާވާ ދަތިތަކާއި، ރަށު ސްކޫލަށް ކުރިމަތިވެފައިވާ އިމާރާތުގެ ދަތިކަން ފާހަގަކުރައްވާ އެކަމުގެ ސަބަބުން ދެ ދަންފަޅިއަށް ސްކޫލުގައި ކިޔަވައިދިނުން ކުރިއަށްގެންދަން ޖެހުމުން ކުރިމަތިވާ ގޮންޖެހުންތައް އެމަނިކުފާނާއި ޙިއްޞާކުރެއްވެވި އެވެ.

މީގެ އިތުރުން ރަށުގައި ފުލުހުންގެ ޚިދުމަތް ނެތުމުން ކައުންސިލަށް ކުރިމަތިވާ ގޮންޖެހުންތައް ވެސް ކައުންސިލަރުންވަނީ އެމަނިކުފާނާއި ޙިއްޞާކުރައްވާފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ރަށުގައި ޓުއަރިޒަމް ތަރައްޤީކުރުމަށް ބޭނުންވާކަމަށް ފާހަގަކުރައްވައި އެކަމަށް މަގުފަހި ކުރުމަށް ސަރުކާރުން ކުރެވެންހުރިކަންކަން ފާހަގަކުރައްވާފަ އެވެ. އަދި ކުޅިވަރުގެ ދާއިރާ ރަށުގައި ތަރައްޤީކުރުމަށް ބޭނުންވާކަންވެސް ކައުންސިލުންވަނީ ފާހަގަކުރައްވާފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، އެމަނިކުފާނު ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމަށް ޙައްލުހޯއްދަވައި ދެއްވުމަށް އެކަންކަމާއި ގުޅޭ އިދާރާތަކާއި މަޝްވަރާކުރައްވައިގެން އެކަންކަން ކުރިއަށްގެންދެވޭނެ މަގުފަހިކުރުމަށް މަސައްކަތްކުރައްވާނެކަމުގައި ވިދާޅުވެ ފައެވެ. އަދި ކައުންސިލުންވެސް އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއެކު ރައްޔިތުން ބޭނުންވެފައިވާ ކަންކަން ކޮށްދެއްވުމަށް މަސައްކަތްކުރެއްވުމަށް ވަނީ އެދިވަޑައިގެންފަ އެވެ.

ހަމަ އެއާއެކު ސްކޫލް ކުދިންނަށް މަސައްކަތްތެރިކަން ދަސްކޮށްދިނުމަށް ކަންކަން ރާވައިހިންގުމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް