ދިވެހިރާއްޖޭގެ ސޮވެރިން ކްރެޓިޑް ރޭޓިން ދަށްވުމަކީ ކަންބޮޑުވުން އޮތް ކަމެއް ކަމަށް ގަވަރުނަރު އަލީ ހާޝިމް ވިދާޅުވެއްޖެއެވެ.
އަލީ ހާޝިމް މި ގޮތަށް ވިދާޅުވީ، ދިވެހިރާއްޖެ ރޭޓް ކޮށްފައިވާ މޫޑީސް އާއި ފިޗުން ގައުމުގެ ރޭޓިން ދަށްކޮށްފައި ވަނިކޮށް، އެމްއެމްއޭ އިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމެއްގައި ވާހަކަފުޅުދައްކަވަމުންނެވެ. ހާޝިމް ވިދާޅުވީ ރޭޓިން ދަށްވުމުން އިންސްޓިއުޝަނަލް އިންވެސްޓާސް ކޮންމެވެސް ވަރަށް ޖެހިލުން ވާނެ ކަމަށެވެ.
އަދި ބައެއް އިންސްޓިއުޝަނަލް އިންވެސްޓާގެ ޕޯޓްފޯލިއޯ މެނޭޖުކުރާ ގޮތުން ޕޯޓްފޯލިއޯގެ ވަކި ގްރޭޑެއްގެ އިންވެސްޓާސް ނަގާ ކަމަށް ވަންޏާ އޭގެތެރޭގައި ރާއްޖެ ނުހިމެނޭނެ ކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވިއެވެ.
ގަވަރުނަރު އިތުރަށް ވިދާޅުވީ ޖެނެރަލް ރޭޓިން ދޭއިރު ގިނަ ފަަހަރު ހުރިހާ ކަމަށް ޕޮލިޓިކަލް ލޭންޑް ސްކޭޕް އަށް ވެސް ބަލާނެ ކަމަށެވެ.
ރާއްޖެ އަށް އިންވެސްޓްމަންޓް ގެނައުމަށްޓަކައި ރާއްޖޭގެ ރޭޓިން ހަދާފައި ވަނީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. ރާއްޖެ މިހާތަނަށް ރޭޓް ކޮށްފައި ވަނީ މޫޑީސް އާއި ފިޗުންނެވެ.
ނަމަވެސް ބައެއް ސަބަބުތަކާއި ހުރެ މޫޑީސް އިން ދަނީ ރާއްޖޭގެ ރޭޓިން ދަށް ކުރަމުންނެވެ.
މޫޑީސް އިން އެންމެ ފަހުން މިދިޔަ އަހަރު ކުރި ރިވިއުގައި ރާއްޖެ އަށް ދީފައި ވަނީ "ބީ3"ގެ ރޭޓިން އެކެވެ. ނަމަވެސް މި ފަހަރު ރޭޓިން ކޮށްފައި ވާއިރު ރާއްޖެ ވަނީ "ސީއޭއޭ" އަށް ދަށް ކޮށްފަ އެވެ. މާނައަކީ ރާއްޖޭގެ ދަރަނީގެ ހާލަތު އިތުރަށް ގޯސްވެ، ދަރަނި އަދާ ކުރުމުގައި ދަތިތައް ކުރިމަތި ވެދާނެ އެވެ.
މީގެ އިތުރުން ޕިޗު ރޭޓިންވެސް މިދިޔަ އަހަރު ވަނީ ދަށްކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް