ރާއްޖެއިން އާންމުކޮށް ނުފެންނަ ނުރައްކާތެރި ބޯވައެއް ފެންނާތީ ސަމާލުވާން އިލްތިމާސްކޮށްފި އެވެ.
މޯލްޑިވްސް މެރިން ރިސާޗު އިންސްޓިޓިއުޓުން ސޯޝަލް މީޑިއާގައި ބުނެފައިވަނީ މިދުވަސްވަރު ކޮންމެސް ވަރަކަށް އެކި ސަރަހައްދުތަކުން "ބްލޫރިންގްޑް އޮކްޓޮޕަސް" ނަމަކަށް ކިޔާ ބޯވައެއް ފެންނަމުންދާ ކަމަށެވެ. އެ ބޯވާ އޮންނަނީ ނުލާއި ރީނދޫ ކުލައިގަ އެވެ.
އެ އިންސްޓިޓިއުޓުން ބުނީ ބްލޫރިންގްޑަކީ ރާއްޖޭގައި އާއްމުކޮށް އުޅޭ ބާވަތްތަކާ ހިލާފަށް ސައިޒުން ކުޑަ ބޯވައެއް ކަމަށެވެ. އެ ބާވަތުގެ ބޯވާއަށް ނުރައްކާ އިހުސާސް ވުމުން ވަށް ބޮޅުތަކެއްގެ ސިފައިގައި ގަދަ ނޫކުލައިގެ ވިދުމެއް ހެން ލަތްތަކެއް ހަންގަނޑަށް އަރުވަ އެވެ.
އެ ބޯވަ ކާނާ ހޯދުމަށް ޝިކާރަކޮށް އުޅެނީ އެ އެއްޗެހި އުފައްދާ ވިހަ މާއްދާއެއް ބޭނުން ކޮށްގެންނެވެ.
މެރިން ރިސާޗު ސެންޓަރުން ބުނެފައިވާގޮތުގައި އެ ވިހަ މާއްދާއިން ހިއްސުތަކާ ބެހޭ ނާރުތަކަށް ހަމަލާދޭ ވިހައެކެވެ. އެ ޒާތުގެ ބޯވަ، ކާ އެއްޗެހި ހޯދަނީ ޝިކާރައިގެ ހަށިގަނޑުގެ ތެރެއަށް އެ ވިހަ ދޫކޮށްލައި މަރާލައިގެންނެވެ. އެކި ބާވަތުގެ ނުރައްކަލުން ދިފާއުވުމަށް ވެސް ބްލޫރިންގް ބޯވަ އެ ނިއުރޯޓޮކްސިން ދޫކޮށް އުޅެ އެވެ.
ނިއުރޯޓޮކްސިން އަކީ އިންސާނުންނަށް ވެސް ވަރަށް ނުރައްކާތެރި ވިހައެއް ކަމަށާއި އެ ބާވަތުގެ ބޯވައިގައި އަތްލައި ހިފައި އުޅޭ ނަމަ އިންސާނުންގެ ގައިގައި ވެސް ދަތް އަޅައި ވިހަ ދޫކުރުމުގެ ފުރުސަތު އޮންނަ ކަމަށް އެ އިންސްޓިޓިއުޓުން ބުންޏެވެ. އެކަމަކު މި ގޮތަށް ބޯވަ ހިފައި ގެންގުޅުމުގެ ތެރޭގައި ދަތް އެޅި ނަމަވެސް އެކަމުގެ ތަދު އިހުސާސް ނުވެދާނެ ކަމަށް ބުނެ އެވެ.
އިންސްޓިޓިއުޓުން ބުނީ އެ ބޯވާ ދަތް އެޅުމުން ހަށިގަނޑުގެ ތެރެއަށް ނިއުރޯޓޮކްސިންގެ އަސަރު ކޮށްފި ނަމަ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ނޭވާ ހާސްވުމާއި ވާގި ދިއުން ފަދަ އަލާމަތްތައް ފެންނަން ފަށާ ކަމަށެވެ. އަދި ބޯވަ ދޫކުރާ ވިހައިގެ ސަބަބުން ކުރާ އެހެން އަސަރުތަކުގެ ތެރޭގައި ބޯއަނބުރައި ހޮޑުލަވާ ގޮތް ވުމާއި ހިތްހުއްޓުން ފަދަ ކަންކަން ހިމެނެ އެވެ. ބައެއް ހާލަތްތަކުގައި ނޭވާލާ ނިޒާމުގެ ބައިތަކުން ވާގި ދިއުމުގެ ސަބަބުން ވިހައިގެ އަސަރުކޮށްފައިވާ މީހާ މަރުވުން ވެސް އެކަށީގެންވާ ކަމަށް ބުނެ އެވެ.
މެރިން ރިސާޗް އިންސްޓިޓިއުޓުން ވަނީ އެފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ އަމަލު ކުރަންވީ ގޮތްވެސް ބުނެދީފަ އެވެ. އެގޮތުން މިފަދަ ހާލަތްތަކުގައި ފުރާނަ ސަލާމަތްކުރުމަށް ބޯވަ ދަތް އަޅާ ވަގުތުން ފެށިގެން ހަށިގަނޑުން ވިހައިގެ އަސަރު މުޅިން ފިލައި ދަންދެން ކުއްލި ފަރުވާގެ ގޮތުގައި މަސްނޫއީކޮށް ނޭވާލައްވަން ޖެހޭނެ ކަމަށް ބުންޏެވެ.
އާއްމުގޮތެއްގައި ވިހައިގެ އަސަރުކުރާތާ 24 ގަޑިއިރުގެ ތެރޭގައި އިންސާނާގެ ހަށިގަނޑުން ވިހައިގެ އަސަރު މުޅިން ފިލައި ދާނެ ކަމަށްވެސް ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް