ތޯލިބާނަށް އަންހެނުން ބާރުވެރި ކުރުވާނެ ގޮތް ދަސްކޮށްދޭން މެލޭޝިއާގެ ޕާލިމެންޓު އަންހެން މެމްބަރަކު ތައްޔާރު!

ޠާލިބާނުންނަށް އަންހެނުން ބާރުވެރި ކުރުވަން ދަސް ކޮށްދެއްވަން ބޭނުންވެ ވަޑައިގަންނަވާ ކަމަށް މެލޭޝިއާގެ އަމްޕާންގ ގެ ޕާލިމެންޓު މެންބަރު އަދި އެ ޤައުމުގެ ކުރީގެ ހައުސިންގ އަދި ލޯކަލް ގަވަރންމެންޓު މިނ...

23 Aug 2021 | 02:30

ޠާލިބާނުންނަށް އަންހެނުން ބާރުވެރި ކުރުވަން ދަސް ކޮށްދެއްވަން ބޭނުންވެ ވަޑައިގަންނަވާ ކަމަށް މެލޭޝިއާގެ އަމްޕާންގ ގެ ޕާލިމެންޓު މެންބަރު އަދި އެ ޤައުމުގެ ކުރީގެ ހައުސިންގ އަދި ލޯކަލް ގަވަރންމެންޓު މިނިސްޓަރު ޒުރައިދާ ކަމަރުއްދީން ވިދާޅުވެއްޖެއެވެ.

ޠާލިބާނުން އަފްޣާނިސްތާނު ހިފުމާއި އެކު އަންނަމުން ދާ ބަދަލުތަކާއި ގުޅިގެން  އަންހެނުން ބާރުވެރި ކުރުމަށް އަފްޣާނިސްތާނުގައި ކޮށްފައިވާ މަސައްކަތްތަކަށް ބުރޫ އަރާނެ ކަމަށް ދެކެލައްވާ ކަމަށް ވިދާޅުވެ ޒުރައިދާ ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. އަދި އެ ޤައުމަށް ގޮސް އަންހެނުން ބާރުވެރި ކުރުވަން ޠާލިބާނަށް ދަސްކޮށް ދެއްވަން ބޭނުންވެ ވަޑައިގަންނަވާ ކަމަށް އެކަމަނާ ވަނީ މެލޭޝިއާކިނީއަށް ދެއްވި ބަސްދީގަތުމެއްގެ ތެރެއިން ވިދާޅުވެފައެވެ.

ޠާލިބާނުގެ ހައްދުފަހަނަ އަޅައި ދިއުން އަމިއްލަފުޅަށް ތަޖުރިބާ ކުރައްވާފައިވާ ކަމަށްވެސް މި ބަސްދީގަތުމުގައި ޒުރައިދާ ވިދާޅުވިއެވެ. އަދި ކުރިން ޠާލިބާނުން އަފްޣާނިސްތާނުގައި ވެރިކަން ކުރި އިރު އަންހެނުންނާއި އަންހެން ކުދިންގެ ޙާލަތު ވަރަށް ގާތުން ދެކެވަޑައިގަތް ކަމަށާއި  އެ މީހުންގެ ޙައްޤުތަކުން އޭރު އެ މީހުން މަހުރޫމު ކޮށްފައިވާ ކަމަށްވެސް ޒުރައިދާ ވަނީ ވިދާޅުވެފައެވެ.

ޒުރައިދާ އިތުރަށް ވިދާޅުވި ގޮތުގައި އެމެރިކާއިން އަފްޣާނިސްތާނަށް އަތްގަދަ ކުރުމަށްވެސް އެކަމަނާ އެދިވަޑައެއް ނުގަންނަވައެވެ. ނަމަވެސް އަފްޣާނިސްތާނުގެ މުސްތަޤްބަލާއި ދޭތެރޭ ބޮޑެތި ކަންބޮޑުވުންތަކެއް ހުރި ކަމަށާއި ޚާއްސަކޮށް އަންހެނުންގެ ޙައްޤުތައް ގެއްލި ދާނެ ކަމުގެ ބިރު އެބަ އޮތް ކަމަށް ޒުރައިދާ ވިދާޅުވިއެވެ.

އެހެން ކަމުން މުސްލިމް ހުރިހާ ޤައުމުތަކުން ގުޅިގެން ޠާލިބާނުންނަށް އަންހެނުންގެ ޙައްޤުތަކާއި އަންހެނުން ބާރުވެރި ކުރުމަށް ދަސްކޮށްދޭ ޕްރޮގްރާމްތަކެއް ފޯރުކޮށް ދިނުމަށް އެކަމަނާ ވަނީ ގޮވާލައްވާފައެވެ. އަދި ޚާއްސަކޮށް، މެލޭޝިއާއަކީ އިސްލާމް ދީނަށް ބޯލަނބައި މެދުމިނަށް ލޯބި ކުރާ އަދުގެ އިސްލާމީ މުޖުތަމަޢެއް އޮތް ޤައުމެއްކަން ފާހަގަ ކުރައްވާ، މެލޭޝިއާއިން ޠާލިބާނަށް ގިނަ ފިލާވަޅުތަކެއް ފޯރު ކޮށްދެވޭނެ ކަމަށްވެސް ޒުރައިދާ ވިދާޅުވެއެވެ.

މެލޭޝިއާއަކީ ޤައުމު ހިންގުމުގެ އިތުރުން ޤައުމުގެ ހުރިހާ މައިދާނެއްގައިވެސް އަންހެނުން ފުޅާ ދައުރެއް އަދާ ކުރާ ޤައުމެކެވެ. ޢިލްމީ ދާއިރާއާއި އިޤްޞާދީ ދާއިރާގެ އިތުރުން މުޖުތަމަޢުގެ ހުރިހާ ކަމެއްގައި އަދި އިސްލާމް ދީން އުނގަންނައި ދިނުމުގައިވެސް މެލޭޝިއާގައި އަންެހެނުން މުހިންމު ދައުރެއް އަދާ ކުރެއެވެ.

ކިތަންމެ ގިނަ ގޮންޖެހުންތަކެއް ހުރި ނަމަވެސް، އަފްޣާނިސްތާނުގެ އަންހެނުންނާއި އަންހެން ކުދިންގެ ޙައްޤުގައި މިކަން ކުރުމަކީ މިއަދު އިސްލާމީ މުޖުތަމަޢުއަށް އޮތް ވާޖިބެއް ކަމަށް ޒުރައިދާ ވަނީ ވިދާޅުވެފައެވެ.

ޒުރައިދާ މި ބަސްދީގަތުން ދެއްވާފައި ވަނީ ފާއިތުވެ ދިޔަ ހަފްތާގައި ޠާލިބާނުން އިސްލާމީ ޝާރީޢަތުގެ ދާއިރާގެ ތެރެއިން އަންހެނުންނަށްވެސް ޙައްޤުތައް ކަށަވަރު ކޮށްދޭނެ ކަމަށް ބުނެފައި ވަނި ކޮށެވެ. އެގޮތުން، ޠާލިބާނުގެ ތަރުޖަމާނު ޒަބީޙުﷲ ބުނެފައި ވަނީ އަންހެނުންނަށް ކިޔެވުމާއި މަސައްކަތް ކުރުމުގެ ފުރުސަތުތައް ލިބޭނެ ކަމަށާއި، މި ފުރުސަތުތައް ލިބޭނީ އިސްލާމީ ޝަރީޢަތުގައި ކަނޑައަޅުއްވާފައިވާ ދާއިރާގެ ތެރެއިން ކަމަށެވެ.އަދި އަންހެނުންނާއި މެދު އެއްވެސް ގޮތަކަށް ތަފާތު ނުކުރާނެ ކަމުގެ ޔަޤީންކަންވެސް ޠާލިބާނުގެ ދަރުޖަމާނު ވަނީ ދީފައެވެ.

އަފްޣާނިސްތާނުގައި ޠާލިބާނު މީގެ ކުރިން ވެރިކަން ކޮށްފައި ވާއިރު، އެ ވެރިކަމުގައި އަންހެނުންނަށް ގިނަ ފިއްތުންތަކާއި ކުރިމަތި ލާން ޖެހުނެވެ. އަދި އަންހެނުންނާއި އަންހެން ކުދިންގެ ޙައްޤުތައްވެސް އޭރު އޮތީ ވަރަށް ބޮޑަށް ހަނިކޮށްފައެވެ.

ނަމަވެސް މިފަހަރު އަންހެނުންނަށް ވަޒީފާ އަދާ ކުރުމުގެ އިތުރުން ގިނަ ފުރުސަތުތަކެއް ފަހި ކޮށްދޭނެ ކަމަށް ޠާލިބާނުން ވަނީ ބުނެފައެވެ. ޠާލިބާނުން މިހެން ބުނެފައި ވީ ނަމަވެސް ގިނަ ތަޖުރިބާކާރުންނާއި އިތުރު ގިނަ ބަޔަކު ދެކޭ ގޮތުގައި މިފަހަރުވެސް ޠާލިބާނުގެ ވެރިކަމުގައި އަންހެނުންގެ ޙައްޤުތަކަށް ވަރަށް ބޮޑު ނޭދެވޭ އަސަރުތަކެއް ކުރާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް