އިޓާލިއަން ލީގުގައި ރޭ އުދިނޭޒީއާއި ދެކޮޅަށް ޔުވެންޓަސް ކުޅުނު މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.
ރަށުން ބޭރުގައި ކުޅުނު މި މެޗުން ޔުވެންޓަސް އެއްވަރުވީ އުދިނޭޒީއާ ވާދަކޮށް 2-2 ގެ ނަތީޖާއަކުންނެވެ.
ލީގުގެ ފުރަތަމަ މެޗުގައި އުދިނޭޒީއާއި ދެކޮޅަށް ޔުވެންޓަސް ކުޅުނުއިރު، މި މެޗުގެ ފުރަތަމަ އެގާރައިގައި ޕޯޗުގަލުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ހިމަނާފައެއް ނުވެއެވެ.
ރޮނާލްޑޯ ބެންޗުގައި ބަހައްޓައިގެން ޔުވެންޓަސް ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި އެޓީމުން މޮޅު ކުޅުމެއް ދެއްކިއިރު، މެޗުގެ ވަރަށް ކުރީކޮޅު އެ ޓީމުން ވަނީ ލަނޑު ޖަހާ މެޗުގެ ލީޑު ނަގާފައެވެ. މެޗު ފަށައިގެން ތިންވަނަ މިނެޓުގައި ޔުވެންޓަސްއިން މެޗުގެ ލީޑު ނެގިއިރު، މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޕައުލޯ ޑިބާލާއެވެ. އަދި އޭގެ ދިހަވަރަކަށް މިނެޓު ފަހުން ޑބާލާގެ އެހީތެރިކަމާއި އެެކު ހުއާން ކުއަޑްރާޑޯ ވަނީ ދެވަނަ ލަނޑު ޖަހައިދިނީ ޔުވެންޓަސްގެ ލީޑު ފުޅާކޮށްދީފައެވެ.
ދެ ލަނޑުގެ ފަރަގަކާއި އެކު ޔުވެންޓަސްއިން މެޗުގެ ފުރަތަމަ ހާފު ނިންމާލިނަމަވެސް މި މެޗުގެ ދެވަނަ ހާފުގައި އުދިނޭޒީން ރަނގަޅު ކުޅުމެއް ދައްކާ މެޗުގެ ކޮންޓްރޯލް އަތުލިއެވެ. ނަތީޖާއެއްގެ ގޮތުން ހާފު ފަށައިގެން ހަވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއެއް ގޯލުގެ ތެރެއަށް ވައްދާލައިގެން އެ ޓީމުން ނަތީޖާގެ ފަރަގު ކުޑަކުރިއެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ރޮބާޓޯ ޕެރޭރާއެވެ.
އުދިނޭޒީގެ ދެވަނަ ލަނޑު ޖަހާ ނަތީޖާ ހަމަހަމަ ކުރީ މެޗު ނިމެން ހަތް މިނެޓަށް ވެފައި ވަނިކޮށެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޖެރާޑް ޑެލަފެއުއެވެ. ދެ ޓީމު އެއްވަރެއްގައި އޮވެ މެޗު ނިންމާލިއިރު، މި ނަތީޖާއާއި އެކު ޔުވެންޓަސް އޮތީ ތާވަލުގެ އަށް ވަނާގައެވެ. އަދި އުދިނޭޒީ އޮތީ ތާވަލުގެ ނުވަ ވަނާގައެވެ.
ލީގުގައި ދެން ޔުވެންޓަސް ނިކުންނާނީ އެމްޕޯލީއާ ދެކޮޅަށެވެ. އަދި އުދިނޭޒީ ނިކުންނާނީ އަލަށް ޕްރޮމޯޓުވި ވެނެޒިއާއާއި ދެކޮޅަށެވެ. މި ދެމެޗުވެސް ކުޅޭނީ އަންނަ ހޮނިހިރު ދުވަހުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް