ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަމުންދިޔަ އެކަމުގެ ބޮޑެއް، ގދ ތިނަދޫއިން ހައްޔަރު ކޮށްފި އެވެ.
ފުލުހުން ބުނީ ތިނަދޫއިން ހައްޔަރުކޮށްފައިވަނީ އުމުރުން 33 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައީ ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ފައިސާއާއި އެކުގައި ކަމަށެވެ.
މިމީހާ ފުލުހުން ހައްޔަރުކޮށްފައިވަނީ ހުކުރު ދުވަހު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އެދުވަހު 17:45 ގައެވެ.
ތިނަދޫއަށް އަންނަ ލޯންޗަކުން މަސްތުވާތަކެތި ގެންނަކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ފުލުހުން ހިންގަން ފެށި މި އޮޕަރޭޝަނުގައި މިމީހާގެ ހަރަކާތްތަކަށް ފާރަލަމުންދަނިކޮށް މިމީހާ ތިނަދޫއަށް އައި ލޯންޗުން އެތަކެއްޗާ ހަވާލުވި ކަމަށާއި އަދި އެތަކެތި ހިފައިގެން ދަނިކޮށް އޭނާއަށް ފުލުހުން ފެނުމާއެކު އޭނާ އެވަގުތު ދުއްވަން އިން ސައިކަލް މަޑިދަށުން ކޮތަޅެއް ނަގައި އެއްލާލުމަށްފަހު ފިލަން މަސައްކަތް ކުރިކަމަށްވެސް ފުލުހުން ބުނެ އެވެ.
ފުލުހުން އިތުރަށް ބުނީ އެމީހާ ފިލަން މަސައްކަތްކުރި ނަމަވެސް ހައްޔަރުކުރި ކަމަށާއި އަދި އޭނާގެ ހާޒިރުގައި ކޮތަޅު ނަގައި ބަލައި ފާސްކުރިއިރު އެކޮތަޅު ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ޖޫސްޕެޓީ ކޮތަޅުގެ ދެ ކޮތަޅު ފެނުނުއިރު އޭނާގެ ހަށިގަނޑު ބަލައިފާސްކުރިއިރު އޭނާގެ ވޮލެޓް ތެރެއިން -/9400 ރުފިޔާއަށް ވުރެ ގިނަ ފައިސާއާއި 6 ޑޮލަރު ފެނިފައިވާ ކަމަށެވެ.
މި މައްސަލައިގާ ހައްޔަރުކުރި މީހާއަކީ މަސްތުވާތަކެތީގެ ރެކޯޑްސް އޮންނަ މީހެއް ކަމަށާއި މިމީހާގެ ބަންދަށް ތިނަދޫ ކޯޓަށް 10 ދުވަސް ޖަހައިދީފައި ވާކަމަށްވެސް ފުލުހުން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް