ތަހުގީގުތަކަށް ހާއްސަކޮށްގެން ހެދި ފުލުހުންގެ އިމާރާތް ހުޅުވައިފި

ފުލުހުންގެ ތަހުގީގުތަކަށް ހާއްސަކޮށްގެން ހ. ފޯވިންޑުގައި ހަދަމުންދިޔަ އިމާރާތުގެ މަސައްކަތް ނިންމައި، 'ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގް'ގެ ނަމުގައި ރަސްމީކޮށް މިއަދު ހުޅުވ...

23 Jul 2023 | 13:57

ފުލުހުންގެ ތަހުގީގުތަކަށް ހާއްސަކޮށްގެން ހ. ފޯވިންޑުގައި ހަދަމުންދިޔަ އިމާރާތުގެ މަސައްކަތް ނިންމައި، 'ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގް'ގެ ނަމުގައި ރަސްމީކޮށް މިއަދު ހުޅުވައިފިއެވެ.

ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގ ހުޅުވުމަށް މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި އިމާރާތް ރަސްމީކޮށް ހުޅުއްވައިދެއްވީ މިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާން އަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދުއެވެ.

މި ރަސްމިއްޔާތުގައި ފުލުހުންގެ ސީނިއަރ އެގްޒެކެޓިވް އޮފިސަރުންނާއި މަރުހޫމް، ސާޖަންޓް އާދަމް ހަލީމްގެ މަންމައާއި ބައްޕައާއި އަނބިކަނބަލުން އަދި ދަރިފުޅުގެ އިތުރުން އާއިލާގެ އެހެނިހެން މެމްބަރުންނާއި ފުލުހުންގެ ކޮމިޝަންޑް އޮފިސަރުންނާއި ފުލުހުން ބައިވެރިވެލެއްވިއެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާން ޢަބްދުﷲ ދެއްކެވި ވާހަކަފުޅުގައި، ފުލުހުންގެ ޚިދުމަތުގައި އުޅެނިކޮށް އެކިއެކި ކާރިސާތަކާއި ހާދިސާތަކުގައި ޝަހީދުވެ ގޮސްފައިވާ ފުލުހުންގެ ޒިކުރާ އާކުރައްވައި، އައިލާތަކަށް ތައުޒިޔާވިދާޅުވިއެވެ.

އަދި ފުލުހުންގެ މެމޯރިއަލް ދުވަހެއް ފާހަގަކުރަމުންދާއިރު ސާޖަންޓް އާދަމް ހަލީމް ފަދަ ޚިދުމަތްތެރި އެތައް ފުލުހުންނެއް މިއަދު މިދުނިޔެއާ ވަކިވެގެން ގޮސްފައިވާކަން ފާހަގަކުރައްވައި އެ ފުލުހުންނަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރެއްވުން އެދި ދުޢާކުރެއްވިއެވެ.

ހަމައެއާއެކު ފުލުހުންގެ ފަރާތުން ރައްޔިތުންނަށް ދެވޭ ޚިދުމަތް ފުރިހަމަކުރެވޭނީ ފުލުހުންގެ މަސައްކަތަށް ފޯރުކޮށްދެވޭ ވަސީލަތާއި ފުލުހުންނަށް ފަހިކޮށްދެވޭ މަގުތަކާއި ގޮތްތަށް ބޮޑަށް ފަހިކުރެވުނު މިންވަރަކުންކަމަށް ވިދާޅުވިއެވެ. އަދި ރައްޔިތުންނަށް ފުލުހުންގެ ފަރާތުން ލިބެންޖެހޭ ނަތީޖާއާ އެއްވަރަށް ފުލުހުންނަށް ވަސީލަތާއި މަގުތައް ފަހިކޮށްދިނުމަކީ އަމާޒަކަށްވާތީ ދައުލަތުގެ ކެރިފޯރުންތެރިކަން ހުރި މިންވަރަކުން އެންމެ އިސްކަމެއްދީގެން ފުލުހުންގެ ވަސީލަތްތަށް ފަހިކޮށްދިނުން އެއީ ކުރެވެމުން ދިޔަކަމެއްކަމަށާއި އަދިވެސް ތިއްބެވީ އެގޮތުގައި ކަމަށް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ދެއްކެވި ވާހަކަފުޅުގައި، މިއަދު ހުޅުވިގެން މިދާ އިންވެސްޓިގޭޝަން އިމާރާތުގެ ނަން ހާއްސަވާ ޝަހީދު އާދަމް ހަލީމްގެ ލޮބުވެތި އާއިލާ މި ރަސްމިއްޔާތަށް ވަޑައިގެން ދެއްވި ކަމަށްޓަކައި ވަރަށް ހާއްސަ ޝުކުރެއް އަދާކުރެއްވިއެވެ.

އަދި މި އިމާރާތާއެކު ފުލުހުންގެ ތަހުގީގުގެ މަސައްކަތްތަކަށް އިތުރު ފުރިހަމަކަމެއް ލިބިގެން އަންނާނެކަމަށް ވިދާޅުވިއެވެ.

ޙަމީދު ވިދާޅުވީ އާ އިމާރާތާއެކު ތަހުގީގު މަސައްކަތަށް އޮތް ދައްޗެއްކަމުގައި ވެފައިވާ ޖާގައިގެ ދަތިކަމަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށާއި ހެންވޭރު އަވަށުގެ ރައްޔިތުންނަށް ޚިދުމަތްތައް ދިނުމަށާއި ބްރިޖް އަދި ހައިވޭ ބެލެހެއްޓުމުގެ އިހުތިސާސް ހަވާލުކުރެވޭ އާ ޕޮލިސް ސްޓޭޝަނެއް ގާއިމުވުމުން ރައްޔިތުންނަށް ގިނަ ފަސޭހަތަކެއް ލިބި ހެންވޭރު އަވަށަށް ދޭ ސަމާލުކަން އިތުރުވެގެން ދާ ކަމަށެވެ.

ހަމައެއާއެކު މި އިމާރާތް ހުޅުވިގެން މިދަނީ ޝަހީދު ސާޖަންޓް އާދަމް ހަލީމުގެ ހަނދާނުގައި ފުލުހުންގެ މެމޯރިލް ޑޭގައި ކަން ފާހަގަކުރައްވައި، ފުލުހުންގެ 'މެމޯރިއަލް ޑޭ' މި ހާދިސާއަށް ހާއްސަކޮށް ނިސްބަތް ކުރެވިފައިވަނީ ޝަހީދު ސާޖަންޓް އާދަމް ހަލީމުގެ ކެރުމާއ،ި ހިތްވަރުގަދަކަމާއ،ި ވާޖިބަށް ބެހެއްޓެވި ތެދުވެރިކަން އެންމެހައި ފުލުހުންނަށް ހުރި އިބުރަތާއި ނަމޫނާއެއްގެ ގޮތުގައި ފާހަގަކުރުމަށާއި ފުލުހުންގެ ތެރެއިން ވާޖިބު އަދާކުރުމުގައި ލިބޭ އަނިޔާގައި ޝަހީދުވާ އެންމެހައި ބަޠަލުންގެ ޒިކުރާއާކުރުމުގެ ގޮތުންކަމަށް ވިދާޅުވިއެވެ.

އަދި ފުލުހުންގެ ތެރެއިން ޝަހީދުވާ ފުލުހުންނަކީ އެންމެހައި ފުލުހުން އެބައެއްގެ ގުރުބާނީގެ މައްޗަށް އެންމެ މަތީ ދަރަޖައަށް ފަހުރުވެރިވާ ބައެއްކަމާއި އެހެންކަމުން ފުލުހުންގެ ޚިދުމަތުގައި އުޅެނިކޮށް އެކިއެކި ކާރިސާތަކާއި ހާދިސާތަކުގައި ޝަހީދުވެ ގޮސްފައިވާ ފުލުހުންގެ ޒިކުރާ އާކުރައްވައި، އައިލާތަކަށް ތައުޒިޔާވިދާޅުވިއެވެ.

މީގެ އިތުރުން، ފުލުހުންގެ މެމޯރިއަލް ދުވަހެއް ފާހަގަކުރަމުންދާއިރު ސާޖަންޓް އާދަމް ހަލީމް ފަދަ ޚިދުމަތްތެރި އެތައް ފުލުހުންނެއް މިއަދު މިދުނިޔެއާ ވަކިވެގެން ގޮސްފައިވާކަން ފާހަގަކުރައްވައި އެ ފުލުހުންނަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރެއްވުން އެދި ދުޢާކުރެއްވިއެވެ.

ހެންވޭރު ދަނޑު ކައިރީގައި މިއަދު ހުޅުވިގެން ދިޔަ 10 ބުރީގެ މި އިމާރާތް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުތަކުގެ މަސައްކަތްތަކަށް ހާއްސަކޮށްފައިވާއިރު، މި އިމާރާތުގައި އިންޓަވިއު ރޫމުތަކާއި މެސް ހޯލަކާއި ކޮންފަރެންސް ރޫމެއްގެ އިތުރުން މަލްޓިޕާޕަސް ހޯލެއް ހިމެނެއެވެ.

މި އިމާރާތަށް، ކްރިމިނަލް އިންވެސްޓިގޭޝަންސް ކޮމާންޑުގެ ޑިޕާޓްމަންޓުތައްކަމަށްވާ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓް، ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓް އަދި ޑްރަގް އެންފޯސްމަންޓް ވަނީ ބަދަލުވެފައެވެ.

މީގެ އިތުރުން އިިންޓަރޕޯލް ނޭޝަނަލް ސެންޓްރަލް ބިއުރޯއާއި ހެންވޭރު ޕޮލިސްގެ މަސައްކަތްތައްވެސް މި އިމާރާތަށް ވަނީ ބަދަލުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް