ދިވެހި ފުލުހުންގެ ޚިދުމަތުގެ ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒުން 2023 އަދި 2024 ވަނަ އަހަރު ކޮމިއުނިޓީ ސޭފްޓީ ޕާޓްނަރޝިޕް ޕްރޮގްރާމްގެހަރަކާތްތައް ހިންގުމަށްޓަކައި ބައިވެރިވާ ޕާޓްނަރުންނާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތު އޮތީ އިސްކަންދަރު ބިލްޑިންގައެވެ.
ފުލުހުން ބުނީ މި ރަސްމިއްޔާތުގައި ދިވެހި ފުލުހުންގެ ޚިދުމަތާއެކު ކުށްމަދުކުރުމަށް ތަފާތު ޕްރޮގްރާމްތައް ހިންގުމަށް އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މޯލްޑިވްސްޕޯޓްސް ލިމިޓެޑް ކަމަށެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަލީ ރަޝީދުއެވެ. މޯލްޑިވްސްޕޯޓްސް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ ޝާހިދު އަލީ ކަމަށްވެސް ފުހުލުން ބިނެފައިވެއެވެ.
މި އެއްބަސްވުމުގައި ސޮއިކުރައްވައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަލީ ރަޝީދު ދެއްކެވި ވާހަކަފުޅުގައި ވަނީ، ދިވެހި ފުލުހުންގެ ޚިދުމަތުން ކުރިއަށް ގެންދާ ހޭލުންތެރި ކުރުވުމުގެ ތަފާތު ޕްރޮގްރާމްތަކުގައި އެމްޕީއެލްގެ ފަރާތުން އަބަދުވެސް ފޯރުކޮށްދެމުންދާ އެހީތެރިކަމަށް ޝުކުރުއަދާކުރައްވާފައެވެ.
އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރ ޝާހިދު އަލީ ދެއްކެވި ވާހަކަފުޅުގައި، ފުލުހުންނާއެކު މިފަދަ އެއްބަސްވުމެއްގައި ސޮއިކުރެވިގެން މިދަނީ ފުލުހުންނާ ގުޅިގެންކުށްމަދުކުރުމަށް ތަފާތު ޕްރޮގްރާމްތައް ހިންގުމަށް އެހީތެރިވެދެވޭނެތީކަން ފާހަގަކުރައްވައި ފުލުހުންނަށް ޝުކުރުއަދާކުރެއްވިއެވެ.
މިއަދު މި ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ކުށްމަދުކުރުމުގެ ތަފާތު ޕްރޮގްރާމްތައް މާލެއާއި އަތޮޅުތެރޭގެ އެކި ރަށްރަށުގައި ހިންގުމަށް ހަމަޖެހިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް