ޔުނައިޓެޑަށް މިހާރު ރޮނާލްޑޯގެ ބޭނުމެއް ނެތް - ޝެރިންގަމް

މެންޗެސްޓަރ ޔުނައިޓެޑަށް މިހާރު ރޮނާލްޑޯގެ ބޭނުމެއް ނެތް ކަމަށާއި ރޮނާލްޑޯ ކުލަބު ދޫކޮށް ދާން ބޭނުން ނަމަ ފޮނުވާލުމަށް މެންޗެސްޓަރ ޔުނައިޓެޑުގެ ކުރީގެ ފުޓްބޯޅަ ލެޖެންޑް ޓެޑީ ޝެރިންގަމް ބުނެފިއެވެ. މެއ...

23 Jul 2022 | 18:04

މެންޗެސްޓަރ ޔުނައިޓެޑަށް މިހާރު ރޮނާލްޑޯގެ ބޭނުމެއް ނެތް ކަމަށާއި ރޮނާލްޑޯ ކުލަބު ދޫކޮށް ދާން ބޭނުން ނަމަ ފޮނުވާލުމަށް މެންޗެސްޓަރ ޔުނައިޓެޑުގެ ކުރީގެ ފުޓްބޯޅަ ލެޖެންޑް ޓެޑީ ޝެރިންގަމް ބުނެފިއެވެ.

މެއިލް ސްޕޯޓްސްއާއި ވާހަކަ ދައްކަމުން ޝެރިންގަމް ބުނީ ރޮނާލްޑޯ ބޭނުންވަނީ އަންނަ ސީޒަނުގައި ޗެމްޕިއަންސް ލީގު ކުޅެވޭ ކުލަބަކަށް ބަދަލުވުމަށް ކަމަށާއި އެހެންކަމުން ރޮނާލްޑޯ ޔުނައިޓެޑުގައި މަޑުކުރަން ބޭނުން ނުވާކަމަށެވެ. ކަން މިހެން އޮތް އިރު ރޮނާލްޑޯ ގަދަކަމުން ކުލަބުގައި މަޑުކުރުވަން މަސައްކަތް ކުރުމަކީ އެއްވެސް ފައިދާއެއް ހުރިކަމެއް ނޫންކަމަށާއި ކުލަބު ދޫކޮށް ދާން އުޅޭ ކުޅުންތެރިއަކު ދޫކޮށްލުން އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ޝެރިންގަމް ބުންޏެވެ.

ރޮނާލްޑޯ ކުލަބު ދޫކޮށް ދާން މަސައްކަތް ކުރާނަމަ އެންމެ ރަނގަޅު ގޮތަކީ އޭނާ ދޫކޮށްލުން ކަމަށާއި އަދި އޭގެ ބަދަލުގައި ރަނގަޅު ކުޅުންތެރިން ކުލަބަށް ގެނަމުން ކަމަށް މަސައްކަތް ކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށްވެސް ޝެރިންގަމް ބުންޏެވެ. މީގެ އިތުރުން ޝެރިންގަމް ބުނީ ރޮނާލްޑޯއަކީ ކުލަބުން އެންމެ ބޮޑު މުސާރަ ދޭ ކުޅުންތެރިޔާ ކަމަށާއި އެ މުސާރައަށް ރަނގަޅު ފެންވަރުގެ ކުޅުންތެރިން ކުލަބަށް ގެނެވޭނެ ކަމަށެވެ.

މީގެ އިތުރަށް އޭނާ ބުނީ މީޑިއާތަކުގައި ބުނާގޮތުންނަމަ ޓެން ހާގް އަންނަ ސީޒަނަށް ކުލަބުގެ ޕްލޭން އެކުލަވާލާފައި ވަނީ ރޮނާލްޑޯ ހިމަނައިގެން ކަމަށާއި ނަމަމަވެސް އޭނާގެ ނަޒަރުގައި ކުލަބުގައި މަޑުކުރަން ބޭނުން ނުވާ ކުޅުންތެރިއަކު ހިމަނައިގެން ޕްލޭން އެކުލަވާ ލުމަކީ ބޭކާރު ކަމެއްކަމަށެވެ.

" ރޮނާލްޑޯ ބޭނުންވަނީ ޔުނައިޓެޑު ދޫކޮށްލަން. އޭނާ ބޭނުންވަނީ އަންނަ ސީޒަނުގައި ޗެމްޕިއަންސް ލީގު ކުޅޭ ކުލަބަކަށް ދާން. އެހެން ވީމަ ރޮނާލްޑޯ ބޭނުންވާ ގޮތަށް އޭނާ ބޭނުން ކުލަބަކަށް ދާން ދޫކޮށްލުމަކީ އެންމެ ރަނގަޅު ގޮތްކަމަށް ދެކެން. އަދި ކުލަބުގައި މަޑުކުރަން ބޭނުން ނުވާ ކުޅުންތެރިއަކު ގަދަކަމުން ކުލަބުގައި މަޑުކުރުވަން މަސައްކަތް ކުރުމަކީ ބޭކާރު ކަމެއް." ޝެރިންގަމް ބުންޏެވެ.

އަންނަ ސީޒަނުގައި ޗެމްޕިއަންސް ލީގު ކުޅޭ ޔޫރަޕުގެ ނަން މަޝްޙޫރު ބޮޑު ކުލަބަކުން ރަނގަޅު ހުށައެޅުމެއް ލިބިއްޖެ ނަމަ ރޮނާލްޑޯ އޭނާގެ މިހާރުގެ ކުލަބު މެންޗެސްޓަރ ޔުނައިޓެޑް ދޫކޮށްލަން ބޭނުންވާ ކަމަށް ކުލަބުގެ މެނޭޖުމަންޓަށް އަންގާފައިވަނީ މި ހިނގާ ޖުލައި މަހުގެ ކުރީކޮޅުގައެވެ.

ބައެއް މީޑިއާތަކުން ޚަބަރު ފަތުރާފައިވާ ގޮތުގައި ރޮނާލްޑޯގެ އެޖެންޓް ޖޯޖް މެންޑޭސް ދަނީ ރޮނާލްޑޯއަށް ރަނގަޅު ކުލަބަކުން ހުށައެޅުމެއް ލިބޭތޯ މެދު ނުކެނޑި މަސައްކަތް ކުރަމުންނެވެ. އެގޮތުން މެންޑޭސް ރޮނާލްޑޯ ގެންދިއުމަށް ޔޫރަޕުގެ ނަން މަޝްޙޫރު ކުލަބުތަކާއި އެކު މަޝްވަރާކޮށްފައިވާ ކަމަށްވެސް ރިޕޯޓުކޮށްފައި ވެއެވެ. އެ ކުލަބުތަކުގެ ތެރޭގައި ޔުނައިޓެޑާއި އެންމެ ވާދަވެރި ޗެލްސީއާއި ޖަރުމަނުގެ ބަޔާން މިޔުނިކާއި ސްޕެއިންގެ ބާސެލޯނާ އަދި ފްރާންސްގެ ޕީއެސްޖީގެ އިތުރުން ސްޕެއިންގެ އެތްލެޓިކޯ މެޑްރިޑު ވެސް ހިމެނޭކަމަށް ރިޕޯޓުތައް ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް