ރާއްޖެއިން މިއަހަރު ހައްޖަށް ދިޔަ މީހުންގެ ދެވަނަ ގްރޫޕް ރާއްޖެ އަތުވެއްޖެއެވެ.
މި ހައްޖުވެރިން ރާއްޖެ އައީ މިއަދު ހެނދުނު 10:28 ގައެވެ. މިއަދުގެ ފްލައިޓުން އައިސްފައިވަނީ 175 ޙައްޖުވެރިންނެވެ.
ރާއްޖެއިން 453 މީހުން މިއަހަރު ޙައްޖުގެ އަޅުކަން އަދާކުރުމަށް ސަޢުދީ ޢަރަބިއްޔާއަށް ދިޔައިރު، އޭގެ ތެރެއިން ފުރަތަމަ ގްރޫޕު ރާއްޖެއައީ މިމަހުގެ 20 ވަނަ ދުވަހުއެވެ. އެ ދުވަހުގެ 157 ޙައްޖުވެރިން ވަނީ ރާއްޖެ އައިސްފައެވެ.
ރާއްޖެ އައި ޙައްޖުވެރިންނާއި އާއިލާގެ ފަރާތްތަކަށް ޚާއްސަކޮށް ޚިދުމަތްދިނުމަށް އެމް.އޭ.ސީ.އެލް އިން ޙައްޖުވެރިންނަށް ޚާއްސަ ސަރަޙައްދެއް ހަމަޖައްސައި އިތުރު މުވައްޒަފުން ދަނީ ހަރަކާތްތެރިވަމުންނެވެ.
ޙައްޖާޖީން ބަލާ އެއަރޕޯޓަށް އަންނަ ފަރާތްތަކަށް ޚާއްސަކޮށްފައިވާ ވެހިކަލްތަކުގެ ދަތުރުތައް ކޮންމެ 15 މިނެޓަކުން ހަމަޖައްސާފައިވީނަމަވެސް ބަސްތަކުގައި ގިނަ އަދަދެއްގެ ލަގެޖް އުފުލާނެ ޖާގަ ނެތުމާއި ގުޅިގެން ޙައްޖުވެރިންގެ ލަގެޖް ގެންދިޔުމުގެ އިންތިޒާމު އެ ބޭފުޅަކު އަމިއްލައަށް ހަމަޖެއްސުމަށް އިސްލާމިކް މިނިސްޓްރީން ވަނީ އެދިފައެވެ.
މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ފަރާތްތަކަށް ވެސްޓްޕާކާއި، ކާނިވާ ސަރަހައްދާއި، ހުޅުމާލެ ފޭސް 1 އިން، އަދި ހުޅުމާލެ ފޭސް 2 އިން އެއަރޕޯޓަށް ދިއުމަށް ވެހިކަލްތައް ވަނީ ހަމަޖެހިފައެވެ.
އެގޮތުން މި ހަތަރު ސަރަހައްދުން ވެސް ހެނދުނު 10:00 އިން ފެށިގެން ބަސް ދަތުރުތައް ވަނީ ހަމަޖައްސާފައެވެ.
މިދަތުރުތައް ހަމަޖެހިފައިވާއިރު މޯލްޑިވްސް ޕޮލިސް ސަރވިސްއިން ގެންދަނީ މި ސަރަހައްދުތަކުގައި ޓްރެފިކް ބަލަހައްޓަމުންނެވެ. އަދި ޙައްޖުވެރިން ޓެކްސީތަކާއި ހަމައަށް ގެންގޮސްދިނުމުގައި އެމްއެންޑީއެފް އިން އެހީތެރިކަން ފޯރުކޮށްދެމުން ގެންދެއެވެ. އަދި ކުއްލި ޙާލަތެއް ދިމާވެއްޖެނަމަ އެހީތެރިކަން ފޯރުކޮށްދިނުމަށް ރެޑްކްރެސެންޓްގެ އެމްބިއުލާންސްވެސް އެއަރޕޯޓުގައި ވަނީ ތައްޔާރީ ހާލަތުގައެވެ.
މިއަހަރު ޙައްޖަށް ދިޔަ ޙައްޖުވެރިންގެ ތެރެއިން އެންމެ ފަހު ގްރޫޕް ރާއްޖެއަންނާނީ މިމަހުގެ 27 ވަނަ ދުވަހުއެވެ. އެ ދުވަހުގެ ފްލައިޓުން އަންނާނީ 117 ޙައްޖުވެރިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް