ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްތައް ހިންގުމަށް އިންޑިއާ ސަރުކާރުން ރާއްޖެއަށް ދޭ އެހީ އިތުރުކޮށް، އެކަމާ ގުޅޭ އެއްބަސްވުން އާ ކޮށްފިއެވެ.
އެހީ އިތުރުކޮށް، ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ އައުކުރެވިފައިވާ މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގައި ސޮއިކުރެއްވީ އެކަމަށްޓަކައި އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި މިއަދު އޮތް ރަސްމިއްޔާތެއްގައެވެ.
ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޢަބްދުﷲ ޝާހިދުއެވެ. އަދި އިންޑިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ ޖައިޝަންކަރެވެ.
މުޖްތަމައަށް އޭގެ ބޮޑު ފައިދާއެއް ކުރާ ގޮތަށް ހިންގާ ޕްރޮޖެކްޓްތައް ހިންގުމަށް އިންޑިއާ ސަރުކާރުން ރާއްޖެއަށް ކުރިން ދީފައިވަނީ 85 މިލިއަން ދިވެހި ރުފިޔާއެވެ. މި އެމްއޯޔޫގައި ސޮއިކުރުމާއެކު މި އަދަދު 155 މިލިއަން ދިވެހި ރުފިޔާއަށް އިތުރުވާނެއެވެ.
ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްތަކާ ގުޅޭ އެމް.އޯ.ޔޫގައި އެންމެ ފުރަތަމަ ސޮއިކޮށްފައިވަނީ އިންޑިއާގެ އޭރުގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރު ސުޝްމާ ސްވަރާޖް ދިވެހިރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި 17 މާޗް 2019 ގައެވެ. މި ޕްރޮޖެކްޓްތަކުގެ ބޭނުމަކީ މުޖްތަމައަށް އޭގެއިން އިޤްތިޞާދީ އަދި އިޖްތިމާޢީ ހެޔޮ އަސަރުތަކެއް ކުރުވާނެ މަޝްރޫއުތަކެއް ހިންގުމެވެ. މި މަޝްރޫއުތައް ހިންގަނީ މަޝްރޫއު ހަވާލުކުރެވޭ އިދާރާގެ ބެލުމުގެ ދަށުންނެވެ.
ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ އެމްއޯޔޫގެ ދަށުން މިހާރުވެސް 12 ޕްރޮޖެކްޓެއް ކުރިއަށްގެންދެއެވެ.
އެއީ، އައްޑޫ ސިޓީ ހިތަދޫ، މަރަދޫ އަދި ހުޅުދޫ އާއި ނ. ކެނދިކުޅުދޫގައި ގޭދޮށު މަސް ޕްލާންޓް ގާއިމްކުރުމުގެ މަޝްރޫއުތައް، އައްޑޫ ސިޓީ ހިތަދޫ، ފޭދޫ، މަރަދޫ، މީދޫ އަދި ހުޅުދޫގައި ފަތުރުވެރިކަމުގެ ޒޯންތައް ތަރައްޤީކުރުމުގެ މަޝްރޫއުތައް، ހަނިމާދޫގައި ހިންގާ ދަނޑުވެރިކަމުގެ މަޝްރޫޢު، އައްޑޫ ސިޓީ ހުޅުދޫގައި ޑްރަގް ޑީޓޮކްސް މަރުކަޒެއް ޤާއިމްކުރުމުގެ މަޝްރޫޢުގެ އިތުރުން ހއ ހޯރަފުށީގައި ފެން ބަންދުކުރާ ޕްލާންޓެއް ޤާއިމްކުރުމުގެ މަޝްރޫއެވެ.
ފޮރިން މިނިސްޓްރީން ބުނީ އަލަށް އިތުރުކުރެވުނު 70 މިލިއަން ރުފިޔާއިން ހިންގާނެ މަޝްރޫޢުތަކުގެ ތަފްސީލްތައް ސަރުކާރުން ފަހުން އިއުލާންކުރާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް