ސަރުކާރުން ޒުވާނުން ބާކީކުރާ ކަމަށް ބުނެ އެމްޑީޕީ ގަމު ދާއިރާގެ ޒުވާނުންގެ ޝުއޫރުފާޅު ކުރުމަށް ސައިކަލު ބުރެއް ބާއްވާފައެވެ.
މިއަދު ހަވީރު 04:00 އިން 06:00 އަށް މި ސައިކަލު ބުރު ކުރިއަށް ދިޔައީ ލ. ގަމުގެ ބޮޑެތިމަގުތަކުގައެވެ. މި ސައިކަލު ބުރުގައި 160 ސައިކަލާއި 300އާ ގާތްކުރާ އަދަދަކަށް ޒުވާނުން ބައިވެރިވިއެވެ.
ރަށުގައި ހިންގާ މަޝްރޫޢުތަކާއި ތަރައްގީއަށް ކުރެވޭ ކަންކަމުގައި ޒުވާނުންގެ ހިޔާލާއި މަޝްވަރާ ނުހޯދާ ކަމަށާއި ހުރިހާ ކަމެއް ވެސް ނިންމަނީ "ކުޑަ ކޮމިޓީ"އަކުން ކަމަށް ބުނެ ގަމު ޒުވާނުން ވަނީ ޝުއޫރުފާޅުކޮށްފައެވެ. އަދި ސަރުކާރުން ގަމުގައި ކުރިއަށް ގެންދަން ވައުދުވި ބައެއް މަޝްރޫއުތައް ނުފެށޭ ކަމަށާއި ފެށިފައި ހުރި މަސައްކަތްތައް ވެސް އެންމެ އެދެވޭ ހަލުއި މިނެއްގައި ކުރިއަށް ނުގެންދާ ކަމަށް ބުނެ ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
މީގެ އިތުރުން، ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިވެފައި ނެތް ކަމަށް އެ ޒުވާނުން ވަނީ ބުނެފައެވެ. އަދި ކޮންމެ ބަޔަކަށް ވެސް ޒުވާނުން ފެންނަނީ ސީދާ އިންތިޚާބެއް ބޯމަތިވީމަ ކަމަށް އެ މީހުން ބުނެއެވެ.
ޒުވާނުން ކުރިއަށް ގެންދިޔަ މި ސައިކަލު ބުރަކީ ހަމަހިމޭން އިހުތިޖާޖެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް