މިނިސްޓަރު ޝާހިދު، އިންޑިއާގެ ބޮޑުވަޒީރު މޯދީ އާއި ބައްދަލު ކުރައްވައިފި

ފޮރިން މިނިސްޓަރު އަދި އދގެ އާއްމު މަޖިލީހުގެ 76ވަނަ ސެޝަންގެ އިންތިހާބީ ރައީސް ޢަބްދުﷲ ޝާޙިދު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މިއަދު އިންޑި...

23 Jul 2021 | 14:26

ފޮރިން މިނިސްޓަރު އަދި އދގެ އާއްމު މަޖިލީހުގެ 76ވަނަ ސެޝަންގެ އިންތިހާބީ ރައީސް ޢަބްދުﷲ ޝާޙިދު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި އޮތް މި ބައްދަލުކުރެއްވުމުގައި މިނިސްޓަރު ޝާހިދު ވަނީ ރައީސުލްޖުމްހޫރިއްޔާއާއި ދިވެހި ސަރުކާރާއި އދި ރައްޔިތުންގެ ނަމުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށާއި، ސަރުކާރާއި އިންޑިއާގެ ރައްޔިތުންނަށް ހެޔޮ އެދުންތައް އަރިސްކޮށްފައެވެ. މިނިސްޓަރު ޝާޙިދު، މެދުނުކެނޑި އިންޑިއާއިން ދިވެހިރާއްޖެއަށް، ޚާއްސަކޮށް ކޯވިޑް-19 އާ ގުޅިގެން ފޯރުކޮށްދެމުންދާ އެހީތެރިކަމަށް އިންޑިއާ ސަރުކާރާށް ޝުކުރު އަދާކުރެއްވިއެވެ.

އަދި ދިވެހިރާއްޖެއިން އދގެ އާއްމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރިޔާސަތަށް އިންތިޚާބުވުމަށް ކުރި ކެމްޕޭންގައި އިންޑިއާއިން ތާއީދު ކޮށްދިނީތީ އިންޑިއާ ސަރުކާރަށް ޝުކުރު އަދާކުރައްވައި، އެމަނިކުފާނުގެ "އުއްމީދުގެ ރިޔާސަތު"ގައި 76 ވަނަ ސެޝަންގައި ކުރައްވަން އިސްކަން ދެއްވާ މަސައްކަތްޕުޅުތަކާ ބެހޭ މައުލޫމާތު ބޮޑުވަޒީރު މޯދީއާ ހިއްސާކުރެއްވިއެވެ.

މި ބައްދަލުވުމުގައި އެމަނިކުފާނުގެ އަރިހުގައި، ދިވެހިރާއްޖެއިން އިންޑިއާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑރ. ހުސެން ނިޔާޒްއާއި އޮފީސް އޮފް ދަ ޕްރެޒިޑެންޓް އޮފް ޖެނެރަލް އެސެމްބްލީގެ ޝެފް-ޑި-ކެބިނެޓް-ޑެޒިގްނޭޓް އެމްބެސެޑަރު ނަގަރާޖް ނައިޑޫ ބައިވެރިވެވަޑައިގަތެވެ.

މިނިސްޓަރު ޝާހިދު ޖުލައި 22-24 އަށް އިންޑިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅަކީ އެޤައުމުގެ ސަރުކާރުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މިއީ އދގެ އާއްމު މަޖިލީހިގެ އިންތިޚާބީ ރައީސްގެ ހައިސިއްޔަތުން އެމަނިކުފާނު ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް