އައްޑޫ ސިޓީގައި ޗައިނާ ނުވަތަ ސްރީލަންކާގެ ކޮންސިއުލޭޓެއް ހުޅުވޭތޯ ބަލަމުންދާ ކަމަށް އައްޑޫގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ ޓީވީ ޕްރޮގުރާމެއްގައި ބައިވެރިވެވަޑައިގެން ރޭގެ ވަގުތެއްގައެވެ.
ނިޒާރު މިހެން ވިދާޅުވީ އައްޑޫ ސިޓީގައި ކޮންސިއުލޭޓެއް ހުޅުވަން އިންޑިއާގެ ސަރުކާރުން ނިންމުމާ ގުޅިގެން އެކަމާމެދު މެދު އެ ސިޓީގެ ގިނަ ބަޔަކު ރުރުހުންފާޅުކުރަމުންދާ ދަނޑިވަޅެއްގައި ވެސް މެއެވެ.
ނިޒާރު ވިދާޅުވީ އިންޑިއާ ކޮންސިއުލޭޓް ހުޅުވުމުގެ ކުރިން ޗައިނާ ނުވަތަ ލަންކާގެ ކޮންސިއުލޭޓެއް ހުޅުވޭތޯ ބަލަމުން އަންނަ ކަމަށާއި އޭރުން އިންޑިއާގެ ކޮންސިއުލޭޓް ހުޅުވުމުގެ މައްސަލަ ވެސް ހައްލުވާނެ ކަމަށެވެ. އަދި އިންޑިއާގެ ކޮންސިއުލޭޓް ހުޅުވުމުގެ ކަންކަން ބޮޑު ކަމަކަށް ހެދީ އެ ގައުމާ ދެކޮޅަށް ހިނގާ "އިންޑިއާ އައުޓް" ކެމްޕެއިންގެ ތެރެއިން ކަމަށާއި އެކަމުގައި އިންޑިއާގެ ނިޔަތް ރަނގަޅު ކަމަށް ނިޒާރު ވިދާޅުވިއެވެ.
އެގޮތުން އިންޑިއާގެ ހައިކޮމިޝަނާއި ދެކެވުނު ވާހަކަތަކުގައި އެކަން ކުރާނީ ތަނެއް ކުއްޔަށް ހިފައިގެން އެހެން ގައުމުތަކުގައި ވެސް ކަންކަން ކުރާ އުސޫލުން ކަމުގެ ޔަގީންކަން ދެއްވި ކަމަށާއި ބައެއް ފަރާތްތަކަށް ކަމު ނުދަނީ އިންޑިއާ އިން މިކަން ކުރަން އުޅޭތީ ކަމަށްވެސް މޭޔަރު ވިދާޅުވިއެވެ.
"ކޮންމެވެސް ވަރަކަށް ޗައިނާގެ އެމްބަސީގެ ބޭފުޅުންނާއެކު މަޝްވަރާކޮށްފިން، ޗައިނާގެ ތަނެއް ހުޅުވަން." ނިޒާރު ވިދާޅުވިއެވެ.
މީގެއިތުރުން ނިޒާރު ވަނީ އިންޑިއާގެ ކޮންސިއުލޭޓެއް އައްޑޫގައި ހުރުމުން މައްސަލައަކަށް ވާންވީ ސަބަބެއް ނެތް ކަމަށް ވިދާޅުވެ އައްޑޫގައި ކަމެއް ކުރަން އުޅޭއިރަށް ސިޔާސީ ގޮތުން ތަފާތު އެކި ވާހަކަތައް ދެކެވޭ ކަމަށް ވިދާޅުވެފައެވެ. އަދި އިންޑިއާގެ ކޮންސިއުލޭޓް ހުޅުވުމާ މެދު ކައުންސިލަރުންގެ މެދުގައި ހިޔާލުތަފާތުވުމެއް ނެތް ކަމަށްވެސް ނިޒާރު ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް