ހެންވޭރުގައި ހުންނަ ޗައިނާ އެމްބަސީގެ ސެކިއުރިޓި އިތުރަށް ވަރުގަދަ ކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ވަނީ އެ ސަރަހައްދަށް މީހުންނަށް ނުވަދެވޭނެހެން ބެރިކޭޑް ޖަހާ ބަންދުކޮށްފައި އެވެ. ބަންދުކޮށްފައި އޮތް ސަރަހައްދުން ބައެއް މީހުން ސޯޝަލް މީޑިއާގައި ވަނީ އެ ސަރަހައްދު ބަންދު ކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅު ހިމެނޭ ސަރަހައްދުތޯ ސުވާލުކޮށްފައި އެވެ.
މިވާހަކަތަކާއި ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް ނޫސްވެރިންނަށް ވިދާޅުވީ އެ ސަރަހައްދު ބަންދު ކުރީ ޗައިނާ އެމްބަސީގެ ސެކިއުރިޓި ވަރުގަދަ ކުރުމުގެ ގޮތުން ކަމަށެވެ. އަދި އެގޮތަށް އަމަލު ކުރަމުންދަނީ މިއަދު އެތާ ކުރިމަތީގައި ބަޔަކު މުޒާހަރާ ކުރަން އުޅޭކަމުގެ މައުލޫމާތު ލިބިފައިވާތީ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
ޗައިނާ އާއި އިންޑިއާ އާއި ދެމެދު ސަރުކާރުން ތަފާތު ކުރުން ގެންގުޅޭ ކަމަށް ބުނެ މިފަހަކުން ވަނީ ވަރަށް ބޮޑެތި މައްސަލަތައް އުފެދިފަ އެވެ. އެގޮތުން އެއް ބަޔކު ސޯޝަލް މީޑިއާގައި ޗައިނާ އެމްބަސީ ކައިރީގަިއ މުޒާހަރާ ކުރަން ގޮވާަލި އިރު އަނެއް ބަޔަކު ވަނީ އިންޑިއާ އާއި ދެކޮޅަށް ވާހަކަ ދައްކާފަ އެވެ.
އޭގެ ތެރެއިން މީހަކު އިންޑިއާ އެމްބަސީ ގޮއްވާލަން ސޯޝަލް މީޑިއާގައި ގޮވާލުމުން އެމީހާ ވަނީ ހައްޔަރުކޮށްފައި އެވެ.
ރާއްޖޭގައި ހުންނަ އެހެން ގައުމުތަކުގެ އެމްބަސީތަކާއި ހައިކޮމިޝަންތަކަކީ ރާއްޖޭގެ އިހްތިސާސުން ބޭރު ތަންތަނެވެ. އެހެން ކަމުން އެތަންތަނުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަކީ ސަރުކާރަށް ބައިނަލް އަގުވާމީ ގާނޫނުތަކުން ލާޒިމް ކުރާ ކަމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް