ސައުދީ އަރަބިއްޔާގައި ކޯވިޑް-19 ވެކްސިން ނުޖަހާ މީހުންނަށް އާންމު ތަންތަނުން ހިދުމަތް ދިނުން ހުއްޓާލަން ނިންމައިފި އެވެ.
އެ ގައުމުގެ މިނިސްޓްރީ އޮފް މުނިސިޕަލް އެންޑް ރޫރަލް އެފެއާޒް އިން ބުނީ އާންމު ހުރިހާ ހިދުމަތެއް ދޭ ތަންތަނަށް ވަނުމަށާއި ހިދުމަތް ހޯދުމަށް ކޯވިޑް ވެކްސިން ކާޑު ބޭނުން ކުރަން ނިންމާފައިވާ ކަމަށެވެ. މި އުސޫލަށް އަމަލު ކުރަން ފަށާނީ އަންނަ މަހުގެ އެއް ވަނަ ދުވަހު އެވެ.
އެ މިނިސްޓްރީން ބުނީ އެ ދުވަހުން ފެށިގެން ސައުދީގެ ކެފޭ ރެސްޓޯރެންޓުތަކާއި، ޝޮޕިން މޯލްތަކާއި ކަންމަތީ ފިހާރަތަކުގެ އިތުރުން ބޮޑެތި ސުޕާމާކެޓްތަކާއި ސެލޫނާއި ބޯކޮށާ ތަންތަނަށް ވަނުމާއި ހިދުމަތް ހޯދުމަށް ވެކްސިން ކާޑު ބޭނުންވާނެ ކަމަށެވެ. މީގެ އިތުރުން ޖިމްތައް ބޭނުން ކުރުމާއި ކައިވެނި ހަފްލާތަކުގައި ބައިވެރިވެވޭނީވެސް ކޯވިޑް ވެކްސިން ޖަހާފައިވާ މީހުންނަށެވެ.
މި ގަވައިދަށް އެ ގައުމުގެ ރައްޔިތުންނާއި ސައުދީގައި ދިރިއުޅޭ އެހެން ގައުމުތަކުގެ ރައްޔިތުންނަށް އަމަލު ކުރަން ޖެހެ އެވެ.
މީގެ އިތުރުން ސައުދީން ވަނީ އަންނަ މަހުގެ ނުވަ ވަނަ ދުވަހުން ފެށިގެން ގައުމުން ބޭރަށް ދަތުރު ކުރާ އެ ގައުމުގެ ރައްޔިތުން ވެކްސިން ފުރިހަމަ ކުރަންވެސް މަޖުބޫރު ކޮށްފަ އެވެ. އޭގެ ތެރޭގައި ނުހިމެނެނީ 12 އަހަރުން ދަށުގެ ކުދިންނާއި ކޯވިޑް ޖެހުނުތާ ހަ މަސް ނުވާ މީހުންނާއި ބަލި ޖެހިފައިވާ މީހުންގެ ތެރެއިން ވެކްސިންގެ ފުރަތަމަ ޑޯޒު ފުރިހަމަ ކޮށްފައިވާ މީހުންނެވެ.
ސައުދީ ސަރުކާރުން ބުނީ މިފިޔަވަޅުތައް އަޅަން ނިންމީ އާންމުންގެ މެދުގައި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށެވެ. އަދި ކޯވިޑާއި ގުޅިގެން ގައުމު އިތުރު ލޮކްޑައުނަކަށް ދިއުމުގެ ފުރުސަތު ކުޑަކުރުމަށް މި ފިޔަވަޅުތައް އަޅަން މަޖުބޫރު ކަމަށް ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް