ހުކުމް ތަންފީޒު ކުރަމުންދާ ގައިދީން ނުގަވައިދުން ދޭ މައުލޫމާތު މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް ފެތުރުމުގައި ސަމާލުވުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން އިލްތިމާސްކޮށްފި އެވެ.
މިފަހަކަށް އައިސް ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ސިޔާސީ ކުށްވެރިން ގެންދަވަނީ ތަފާތު ކަންކަމާއި ގުޅޭގޮތުން ބަޔާންތައް ނެރެ އިންޓަވިއު ދެއްވަމުންނެވެ. އޭގެ ތެރޭގައި ކުރީގެ ނައިބު ރައިސް އަހުމަދު އަދީބާއި އަދާލަތު ޕާޓީގެ ރައީސް ޝައިހު އިމްރާން އަބްދުﷲ ހިމެނިވަޑައިގެންނަވަ އެވެ.
ކަރެކްޝަނަލް ސާވިސްއިން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ހުކުމް ތަންފީޒު ކުރާ މީހުންނާ ބައްދަލު ކުރުމުގެ ކަންކަމުގައި އަމަލު ކުރުމަށް ދެ ގަވައިދެއް ގެޒެޓް ކޮށްފައިވާނެ ކަމަށެވެ. އޭގެ ބޭރުން ގައިދީންގެ ފަރާތުން ހޯދާ ނުވަތަ ލިބިގަންނަ މައުލޫމާތަކީ ގަވައިދާ ހިލާފަށް ހޯދާފައިވާ މައުލޫމާތު ކަމަށެވެ.
އެ ދެ ގަވައިދަކީ ގައިދީންނާއި ކުށުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ތިބޭ މީހުންނަށާއި ކޯޓު އަމުރެއްގެ ދަށުން ބަންދުގައި ބައިތިއްބަންޖެހޭ މީހުންނަށް ލިބިދޭންޖެހޭ އަސާސީ ޚިދުމަތްތަކާއި އިނާޔަތްތަކާ ބެހޭ ގަވައިދާއި އެ މީހުންނަށް ފޯނުކުރުމާއި ސިޓީ ފަދަ ތަކެތި ފޮނުވުމާއި ލިބިގަތުމުގެ ގަވައިދެވެ.
އެހެން ކަމުން ޝަރުއީ ހުކުމެއް ތަންފީޒު ކުރަމުންދާ ފަރާތަކާއި ގުޅޭގޮތުން ލިޔުމެއް އާންމު ކުރަންވާނީ ހެދިފައިވާ ގަވައިދުތަކާއި އުސޫލުތަކާއި އެއްގޮތަށް ކަމަށް ބުނެފައިވެ އެވެ.
މީގެ އިތުރުން އެ ބަޔާނުގައި ވަނީ ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ނެތް ކުށްވެރިން ހުކުމް ތަންފީޒު ކުރުމަށް އަވަހަށް އެނބުރި އައުމަށް އެދިފައެވެ. ބެލެވޭގޮތުގައި އެ އިލްތިމާސަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނާޒިމަށް ކުރެއްވި އިލްތިމާސެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް