މަޖިލީހުގެ ޖަލްސާތައް ދެން ފަށާނީ އަންނަ ހަފްތާގައި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ދެން ފަށާނީ މިނިވަން ދުވަހާއި ދިމާކޮށް އަންނަ ބަންދު ދުވަސްތަކަށް ފަހު ކަމަށް މަޖިލީހުގެ އިދާރާއިން ބުނެފި އެވެ. ކުރިން އޮތް ގޮތުން މާދަމާ މަޖިލީހުގެ ޖަލްސާއެއް އޮތީ...

23 Jul 2017 | 11:41

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ދެން ފަށާނީ މިނިވަން ދުވަހާއި ދިމާކޮށް އަންނަ ބަންދު ދުވަސްތަކަށް ފަހު ކަމަށް މަޖިލީހުގެ އިދާރާއިން ބުނެފި އެވެ.

ކުރިން އޮތް ގޮތުން މާދަމާ މަޖިލީހުގެ ޖަލްސާއެއް އޮތީ އެޖެންޑާ ކޮށްފައި އެވެ. އެ ޖަލްސާގައި ބޭއްވުމަށް ހަމަޖެހިފައި އޮތީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރުނެތްކަމުގެ ވޯޓު ނެގުމެވެ. އެކަމަކު އެ މައްސަލައިގަ ސޮއި ކުރެއްވި ހަތަރު މެންބަރަކު ގޮނޑި ގެއްލިފައިވާ ކަމަށާއި އިތުރު މެންބަރަކު ސޮއި އަނބުރާ ގެންދަވާފައިވާ ކަމަށް ބުނެ މައްސަލަ ވަނީ ބޭރުކޮށްލާފައި އެވެ.

މަޖިލީހުގެ އިދާރާއިން މިއަދު ބުނީ ދެން މަޖިލީހުގެ ޖަލްސާއެއް އޮންނާނީ މިމަހުގެ 31 ވާ ހޯމަ ދުވަހު ކަމަށެވެ. އޭގެ ކުރިން އެއްވެސް ކޮމިޓީ ބައްދަލުވުމެއްވެސް ނޯންނާނެ ކަމަށެވެ. މިއަދު މަޖިލީހުން ވަނީ ގައުމީ ސަލާމަތުގެ ކޮމިޓީގެ ބައްދަލުވުމެއް މާދަމާ އޮންނާނެކަން މީޑިއާއަށް އަންގާފައި އެވެ. އެކަމަކު އެ ބައްދަލުވުންވެސް ވަނީ ކެންސަލް ކޮށްލާފައި އެވެ.

މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލަން ނިންމީ މިނިވަން ދުވަހުގެ ސެކިއުރިޓީއާއި ޕްރޮގްރާމްތަކާއި ގުޅިގެން ކަމަށް ބުނެފައިވެ އެވެ.

މަޖިލީހުގެ ޖަލްސާއެއް އެންމެ ފަހުން  ބާއްވާފައިވަނީ މިމަހުގެ ތިން ވަނަ ދުވަހު އެވެ. އެ ދުވަހު އިދިކޮޅު ފަރާތްތަކުން މަސީހުގެ އިތުބާރުނެތްކަމުގެ މައްސަލަ ހުށަހެޅުމުން ޖަލްސާތައް މެދުކަނޑާލި ގޮތަށް މިހާތަނަށް ޖަލްސާއެއް ބާއްވާފައި ނުވާއިރު ކޮމިޓީ ބައްދަލުވުންތަކުގެ ގޮތުގައި ބާއްވާފައި ވަނީ އާންމު ކޮމިޓީގެ ބައްދަލުވުމެއް އެކަންޏެވެ.

މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރު ހިނގަމުންދާއިރު މިހާތަނަށް ބޭއްވުނީ އެންމެ ހަތް ޖަލްސާއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް