ނަމާދު ކުރާއިރު ފިރިހެނުންގެ ބޮލުގެ އިސްތަށިގަނޑު އެއްސުމަކީ މަކްރޫހަ ކަމެއްކަމަށް އައްޝައިޚް މުޙައްމަދު ސިނާން ވިދާޅުވެއްޖެއެވެ.
ސަންޓީވީއިން ރޭ ފޮނުވި 'ސުވާލަކީކޮބާ' ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ޖަމްޢިއްޔަތުއްސަލަފުގެ ޢިލްމުވެރިންގެ މަޖިލީހުގެ މެމްބަރު އައްޝައިޚް މުޙައްމަދު ސިނާން ވަނީ ނަމާދުގައި ބައެއް ފިރިހެނުން އެމީހުންގެ ބޮލުގެ އިސްތަށިގަނޑު އައްސަމުންދާ މައްސަލައަށް ޢިޝާރާތް ކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ. އަދި އެކަން އެގޮތަށް ކުރުމުން ދުރުހެލިވުމަށް ނަޞޭޙަތްތެރިވެފައެވެ.
"ނަމާދު ގައި ފިރިހެނުންގެ ބޮލުގެ އިސްތަށިގަނޑު އެއްސުމަކީ ހަގީގަތުގަ ހުއްދަ ކަމެއް ނޫން. މިކަމަށް ދީނުގައި ޞައްޙަ ދަލީލް އައިސްފަ އެބަހުރި. އެގޮތަށް އެކަން ކުރުމުން އޭނާއަށް ނަމާދުން ލިބޭ ދަރުމަ އުނިވެގެންދާނެ. އެހެންވީމަ އިސްތަށިގަނޑު ދިގު ފިރިހެން ބޭފުޅުން ނަމާދު ކުރާއިރު ބޮލުގެ އިސްތަށިގަނޑު ނުއައްސާ ދޫކޮށްލާފަ ބެެހެއްޓުން އެއީ ދީނުގައި އައިސްފައިވާ ގޮތަކީ" ޝައިޚް ސިނާން ވިދާޅުވިއެވެ.
ސަންޓީވީ އިން ކޮންމެ ހޮނިހިރު ދުވަހެއްގެ ރޭ ލައިވްކޮށް ގެނެސްދޭ 'ސުވާލަކީކޮބާ' ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ޝައިޚް ސިނާން ވިދާޅުވިގޮތުގައި ނަމާދުން ލިބޭ ދަރުމައިން އެއްވެސް ބައެއް އުނި ނުވެ، އޭގެ އެންމެ ފުރިހަމަގޮތުގައި އަދާކުރެވޭތޯ އަޅުގަނޑުމެން ވަރަށްބޮޑަށް ބަލަން ޖެހޭނެކަމަށާއި، ނަމާދުގެ ދަރުމައަށް އަސަރު ކުރާނެ އެންމެހައި ކަންތައްތަކުން ދުރުވެވޭތޯ ވަރަށްބޮޑަށް މަސައްކަތް ޖެހޭނެކަމަށެވެ.
"އަޅުގަނޑުމެން އެންމެންވެސް މަސައްކަތްކުރަން ޖެހޭނީ ނަމާދުން ލިބޭ ދަރުމަ އެންމެ ފުރިހަމައަށް ލިބޭތޯ. އަދި ނަމާދުން ލިބޭ ދަރުމައިން އެއްވެސް ބައެއް އުނި ނުވެ، އޭގެ އެންމެ ހެޔޮގޮތުގައި އަދާކުރެވޭތޯ ބަލަން ޖެހޭނެ. އަޅުގަނޑުމެން ވަރަށްބޮޑަށް ބަލަންޖެހޭނެ ނަމާދުގެ ދަރުމައަށް އަސަރު ކުރާނެ އެންމެހައި ކަންތައްތަކުން ދުރުވެވޭތޯ. އެގޮތުން މަކްރޫހަ ކަންތައްތަކުން ޖެހޭނެ ދުރުހެލިވެ އެއްކިބާވާން. އަދި ހަމައެފަދައިން ނަމާދުގައި ހުންނަ ސުންނަތް ކަންތައްތައް ކުރުމަށް އަޅުގަނޑުމެން ވަރަށްބޮޑަށް މަސައްކަތް ކުރަންޖެހޭނެ" އައްޝައިޚް މުޙައްމަދު ސިނާން ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް