އިދިކޮޅު ފަރާތްތަކުން މާދަމާ ބައްވާނެ ކަން އިއުލާނު ކޮށްފައިވާ މުޒާހަރާއެއް ބޭއްވުމުގެ ހުއްދަ ނުދެން ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ ހޯމަ ދުވަހު އެއްވުމެއް ބާއްވަން ސިޔާސީ އެއްވެސް ޕާޓީއަކަށް ނުވަތަ ގުޅިފައިވާ އެއްވެސް ޕާޓީތަކަކަށް ފުލުހުން ހުއްދަ ދީފައި ނުވާނެ ކަމަށެވެ. އެއްވެ އުޅުމުގެ ގާނޫނާ ހިލާފަށް އެއްވެސް އެއްވުމެއް ބޭއްވުމަށް ފުރުސަތު ނުދޭނެ ކަމަށެވެ.
އަދި ފުލުހުން އެފަދަ ހަރަކާތެއްގައި ބައިވެރިވެސް ނުވާނެ ކަމަށް ޝިފާން ވިދާޅުވި އެވެ.
މިކަމާއި ގުޅިގެން ފުލުހުން ރޭ ވަނީ ބަޔާނެތްވެސް ނެރެފައި އެވެ. އެ ބަޔާނުގައި ބުނެފައިވަނީ މާދަމާ ބާއްވާ މުޒާހަރާއަކަށް ފުލުހުން ހުއްދަ ދީފައިވާ ކަމަށް ބުނެ ދެކެވޭ ވާހަކަތަކަކީ ދޮގެއް ކަމަށެވެ. އެ ބަޔާނުގައި ބުނެފައިވަނީ ފުލުހުންގެ އިދާރާ ބަދުނާމުވާގޮތަށް، ފިތުނަ ފަސާދަ އުފެދޭ ވާހަކަތައް ނުދެއްކުމަށް އެދޭ ކަމަށެވެ.
ތިން ބާރު އެއްވެފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް އަޑު އުފުލުމަށް ބާއްވާ މުޒާހަރާއެއް ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ވަނީ މާދަމާގެ މުޒާހަރާއަށް އަތޮޅުތެރެއިންވެސް މީހުން އައުމަށް ގޮވާލާފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް