ރަޝިޔާއިން އީރާނަށް އެހީވުމަށް ތައްޔާރަށް އޮތްކަމަށް އެގައުމުން ބުނެފި

މިހާރު މެދުއިރުމަތީގެ ހޫނުވަމުންދާ ޙާލަތާ ގުޅިގެން، ރަޝިޔާއިން ވަނީ އީރާނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރަށް އޮތްކަން ހާމަކޮށްފައެވެ. އެހެންނަމަވެސް، އެއްވެސް ފިޔަވަޅެއް އެޅުމުގެ ކުރިން، އީރާ...

23 Jun 2025 | 15:22

މިހާރު މެދުއިރުމަތީގެ ހޫނުވަމުންދާ ޙާލަތާ ގުޅިގެން، ރަޝިޔާއިން ވަނީ އީރާނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރަށް އޮތްކަން ހާމަކޮށްފައެވެ. އެހެންނަމަވެސް، އެއްވެސް ފިޔަވަޅެއް އެޅުމުގެ ކުރިން، އީރާނުގެ ފަރާތުން ވަކި އެދުމެއް އައުމަކީ މުހިންމު ކަމެއްގެ ގޮތުގައި ރަޝިޔާއިން ދެކެއެވެ.

ކްރެމްލިންގެ ޚާއްޞަ ތަރުޖަމާނު ދިމިޓްރީ ޕެސްކޮވް ވަނީ ނޫސްވެރިންނަށް މަޢުލޫމާތު ދެމުން، މަޝްރަހު ސުލްހަ ކުރުމަަށް ރަޝިޔާއިން މެދުވެރިއެއްގެ ދައުރު އަދާކުރުމަށް ހުށަހަޅައި، އެ ޤައުމުގެ އޮތް ކޮޅު ސާފުކޮށްދީފައިވާ ކަމަށް ބުނެފައެވެ. އޭނާގެ ނަޒަރުގައި މިއީ އަގުހުރި އެހީތެރިކަމެކެވެ. ނަމަވެސް، ކުރިއަށް އޮތްތާނގައި އަޅާނެ ފިޔަވަޅުތައް ކަނޑައެޅިގެންދާނީ އީރާނުގެ އެދުންތަކާއި ބޭނުންތަކުގެ މައްޗަށް ކަމަށް އޭނާ ވަނީ އިތުރަށް ހާމަކޮށްފައެވެ.

އެސް-300 ނުވަތަ އެސް-400 ފަދަ ޒަމާނީ ވައިގެ ދިފާޢީ ނިޒާމުތައް ފޯރުކޮށްދިނުމާ ގުޅޭގޮތުން ކުރެވުނު ސުވާލުތަކަށް ޖަވާބުދެމުން، ޕެސްކޮވް ވަނީ އަނެއްކާވެސް މިފަދަ އެދުމެއް ހުށަހެޅުމަކީ އީރާނުގެ އިޚްތިޔާރުގައިވާ ކަމެއްކަން ފާހަގަކޮށްފައެވެ. އޭނާ އިތުރަށް ހާމަކުރި ގޮތުގައި، އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޤްޗީ އާއި ރައީސް ވްލަދިމީރް ޕުޓިންއާ ދެމެދު ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައިވެއެވެ. މި ބައްދަލުވުމުގައި މިހާރުގެ ޙާލަތާ ބެހޭގޮތުން މަޝްވަރާކޮށް، އީރާނުގެ ހުށަހެޅުންތައް ހުށަހެޅުމަށް ވަނީ ރޭވިފައެވެ.

މި ބަޔާން އައިސްފައިވަނީ މެދުއިރުމަތީގައި ހަމަނުޖެހުން އިތުރުވަމުންދާ ދަނޑިވަޅެއްގައެވެ. ޖޫން 13 ވަނަ ދުވަހު އިސްރާއީލުން އީރާނަށް ދިން ޙަމަލާއަށް އީރާނުން ވަނީ އަވަސް ރައްދެއް ދީފައެވެ. އަދި ޖޫން 22 ވަނަ ދުވަހު އެމެރިކާއިން އީރާނުގެ ތިން ނިއުކްލިއަރ މަރުކަޒު ކަމުގައިވާ ފޯޑޯ، ނަޓަންޒް އަދި އިސްފަހާންއަށް ބޮންއެޅުމާއެކު، މި ހަނގުރާމައިގައި އެމެރިކާ ވަނީ ބައިވެރިވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް