ބޭންކް އެކައުންޓްތައް ދޮވެލަން ސްކޭމަރުން އާ އުކުޅެއް ހޯދައިފި – ދިވެހި ފުލުހުން އެދެނީ ސަމާލުވުމަށް

ރާއްޖޭގައި މަކަރާއި ހީލަތުން ބޭންކް އެކައުންޓްތަކުގެ ކޮންޓްރޯލު ހޯދުމަށް ސްކޭމަރުން އާ ގޮތެއް ހޯދައިފިކަމުގައި ދިވެހި ފުލުހުން ބުނެފިއެވެ. މިކަމަށް ސަމާލުވުމަށް އިލްތިމާސްކޮށް ދިވެހި ފުލުހުންގެ އެންޓި...

23 Jun 2025 | 10:11

ރާއްޖޭގައި މަކަރާއި ހީލަތުން ބޭންކް އެކައުންޓްތަކުގެ ކޮންޓްރޯލު ހޯދުމަށް ސްކޭމަރުން އާ ގޮތެއް ހޯދައިފިކަމުގައި ދިވެހި ފުލުހުން ބުނެފިއެވެ.

މިކަމަށް ސަމާލުވުމަށް އިލްތިމާސްކޮށް ދިވެހި ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ރޭގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ސްކޭމަރުން މިހާރު "ސިމް ސްވޮޕިން" އުކުޅު ބޭނުންކުރަންފަށާފައިވާކަން ފާހަގަކުރެވެމުން އަންނަ ކަމަށެވެ.

"ސިމް ސްވޮޕިން" އުކުޅަކީ ތިމާގެ ޒާތީ މަޢުލޫމާތުތައް ފުރިހަމަ މިންވަރަކަށް އެއްކޮށް އެ މަޢުލޫމާތުތަކުގެ އެހީގައި ޓެލެކޮމް އޮޕްރޭޓަރު ކޮންވިންސްކޮށް ތިމާ ބޭނުންކުރާ ސިމް ސްކޭމަރުންގެ ސިމަކަށް ބަދަލުރުމުގެ އުކުޅެކެވެ.

މި އުކުޅަކީ މި ފަހުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވަރަށް އާންމު ވަމުން އަންނަ އާ އުކުޅެކެވެ. މީގެ 10 މަސް ކުރިން ކެނެޑާގެ ޓޮރޮންޓޯގައި 1،500 އެއްހާ ކަސްޓަމަރުންގެ ސިމް ސޮވޮޕްކޮށް މިލިޔަން ޑޮލަރު މަކަރާއި ހީލަތުން ފޭރިގެންފައިވެއެވެ.

ސްކޭމަރުންގެ މަކަރުގެ މި އާ އުކުޅުން ސަލާމަތްވުމަށް ދިވެހި ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުގެ އެއް އިލްތިމާސަކީ  ބޭންކިންގ ޚިދުމަތްތަކާ ސޯޝަލް މީޑިއާ ޚިދުމަތްތަކަށް ވަކި ދެ އީމެއިލް އެޑްރެސް އެއް ބޭނުން ކުރުމެވެ. އަނެއް އިލްތިމާސަކީ ވަކި ކޮންމެ ޕްލެޓްފޯމަކަށް ވަކި ވަރުގަދަ ޕާސްވޯޑެއް ޚިޔާރު ކުރުމެވެ.

ތިންވަނަ އިލްތިމާސަކީ މަލްޓި ފެކްޓަރ އޮތެންޓިކޭޝަން (އެމްއެފްއޭ) ނުވަނަ ޓޫ ފެކްޓަރ އޮތެންޓިކޭޝަން (2އެފްއޭ) ބޭނުންކުރުމެވެ. އަދި ހަތަރުވަނަ އިލްތިމާސަކީ އަންނަ އެސްއެމްއެސްތަކަށް ހުށިޔާރުވެ ތިބުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް