ވިލިމާލޭގައި ތަރައްޤީކުރަން ނިންމާފައިވާ 100 އެނދުގެ ހޮސްޕިޓަލް އެޅުމަށް ބޭނުންވާ ބިން ހުސްކުރުމަށް ވިލިމާލެ ހޮސްޕިޓަލް ހިންގުން ވަގުތީގޮތުން އަމާން ހިޔާ ހިންގި އިމާރާތަށް ބަދަލު ކުރަން ހެލްތު މިނިސްޓްރީން ނިންމައިފިއެވެ.
ހެލްތު މިިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ވިލިމާލޭގައި 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލް އެޅުމަށް ބޭނުންވާ ބިން ހުސްކުރުމަށްޓަކައި، ވިލިމާލެ ހޮސްޕިޓަލް ވަގުތީގޮތުން ހިންގަން، ވިލިމާލޭގައި ހުންނަ އަމާން ހިޔާގެ އިމާރާތަށް ބަދަލުކުރަން ހެލްތު މިނިސްޓްރީން މާލެ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލާއި ހަވާލުކޮށްފައިވާ ކަމަށެވެ.
އަލަށް ތަރައްޤީކުރަން ނިންމާފައިވާ އެ ހޮސްޕިޓަލުގައި ދެ އިމާރާތެއް ހުންނައިރު އައުޓްޕޭޝަންޓް، އިންޕޭޝަންޓް، އިމަރޖެންސީ، ޑައިގްނޯސްޓިކް، އައިސީޔޫ އަދި ހީމޯޑައިލިސިސްގެ ފަރުވާ ދިނުމަށް ޚާއްޞަ އެނދުތަކެއްވެސް ހުންނާނެ ކަމަށް ހެލްތު މިނިސްޓްރީން މީގެ ކުރިން ހާމަކޮށްފައިވެއެވެ.
މީގެ އިތުރުން ދިގު މުއްދަތަކަށް އެޑްމިޓްކޮށްގެން ފަރުވާދޭންޖެހޭ މީހުންނަށް ޚާއްސަ ސެންޓަރަކާއި ބޮޑެތި ފާރުގަނޑުތައް ފަސޭހަކުރުމަށްދޭ ޚާއްސަ ފަރުވާއާއި ފީނައިގެން ޑީކޯވާ މީހުންނަށް ދޭ ފަރުވާއާއި އަދި އިތުރު ބޮޑެތި ސްޕެޝަލައިޒް ފަރުވާތައް އެ ހޮސްޕިޓަލުގައި ތައާރަފު ކުރާނެ ކަމަށް ހެލްތު މިނިސްޓްރީން ހާމަކުރެއެވެ.
ވިލިމާލޭގައި އަޅަން ނިންމާފައިވާ 100 އެނދުގެ ހޮސްޕިޓަލަކީ ޗައިނާއިން ދިވެހިރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި ހިންގަން ނިންމި މަޝްރޫޢުއެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް